އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ) ގެ 35 ވަނަ ޢާއްމު ބައްދަލުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައްޔާރުވަމުން އެބަދެއެވެ.
އޭބީއޭގެ އަހަރީ ޢާއްމު ބައްދަލުވުމާއި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 އިން 16 އަށް ކުރުނބާ މޯލްޑިވްސް ގައެވެ. ބީއެމްއެލް އިން ހޮސްޓް ކުރާ މި ބައްދަލުވުމުގައި އޭޝިއާގެ 25 ޤައުމެއްގެ 80 ބޭންކަކުން 200 މަންދޫބުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުމާބެހޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އޭބީއޭގެ ޢާއްމު ބައްދަލުވުމާއި ކޮންފަރެންސް ރާއްޖޭގައި ބާއްވާން ނިންމެވީތީ އުފާކުރައްވާކަމަށެވެ.
ބީއެމްއެލް އިން މިހާރު ދަނީ ބައްދަލުވުމާއި ކޮންފަރެންސަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ތައްޔާރީތައް ވަމުންދަނީ މިމަހުގެ ކުރީކޮޅު އޭބީއޭއިން ވަޑައިގެންނެވި ވަފްދުގެ އިރުޝާދުގެ ދަށުންނެވެ.
މި އަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ އަކީ " ބޭންކިންގ އިން އޭޝިއާ : ދި ނެކްސްޓް ފްރޮންޓިއަރ" އެވެ. އަދި މާލީ ދާއިރާގައި ޙަރަކާތްތެރިވާ އިސް ފަރާތްތަކުން އޭޝިއާގައި ބޭންކިންގ ކުރިއަރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވައި މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މި ކޮންފަރެންސްގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއެކު މާލީ ދާއިރާ ހަރުދަނާކޮށް، ނަޟާޙަތްތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމާ މެދުވެސް މި ކޮންފަރެންސްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އޭޝިއާ ބޭންކާރސް އެސޯސިއޭޝަނަކީ އޭޝިއާ ބައްރުގެ 25 ޤައުމެއްގެ 100 މާލީ އިދާރާއާއި ބޭންކު ހިމެނޭގޮތައް އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. ރާއްޖެ އޭބީއޭގެ މެންބަރަކަށްވީ 2012 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. ބީއެމްއެލް އަކީ ރާއްޖޭގެ މާލީ އިދާރާތަކުގެ ތެރެއިން އޭބީއޭގެ މެމްބަރުކަން ހޯދި ފުރަތަމަ އިދާރާއެވެ.
އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް ރާއްޖޭގައި އެންމެ ފުޅާކޮށް މާލީ ޚިދުމަތް ފޯރުކޮށްދޭ ބޭންކް އޮފް މޯލްޑިވްސް އަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާއެވެ.
ޓެކްނޮލޮޖީ އަށް މުހިންމު އިސްކަމެއްދޭ ބީއެމްއެލް އަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ބޭންކިންގ ޚިދުމަތް ދޭންފެށި ބޭންކުވެސް މެއެވެ.