ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިއުމަށް ފައިސާ ދެއްކި އެއްވެސް މީހެއްގެ ފައިސާ ޙައްޖުގެ ކަންތައްތަކަށް ނޫން ގޮތަކަށް ބޭނުންކޮށްފައިނުވާނޭކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ޙައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި މުވައްޒަފުންގެ މުސާރައާއި އެހެނިހެން ރިކަރަންޓް ޚަރަދުތައް ކުރެވެމުން ދަނީ ޙައްޖަށް ދިޔުމަށްޓަކައި ރައްޔިތުން ދައްކާ ފައިސާއަކުން ނޫންކަމަށާއި ޙައްޖަށް ދިޔުމަށްޓަކައި ރައްޔިތުން ދައްކާ ފައިސާ ރައްކާކުރެވެމުން ދަނީ އެކަމަށް ޚާއްސަ ވަކި ބޭންކް އެކައުންޓެއްގައިކަމަށެވެ. އަދި އެފައިސާއިން ޙައްޖަށް މީހުން ފޮނުވުމަށް ހިނގާ ސީދާ ޚަރަދުތައް ފިޔަވާ އެހެން އެއްވެސް ޚަރަދެއްކުރެވެމުން ނުދާކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.
ޙައްޖު ކޯޕަރޭޝަނުގެ ބަޔާނުގައި ވޭތުވެދިޔަ ފަސްއަހަރު ތެރޭގައި ޙައްޖުގެ ޚަރަދުތައް ބޮޑުވަމުން ގޮސްފައިވީ ނަމަވެސް ކުންފުނިން ޙައްޖަށް މީހުން ގެންގޮސްފައި ވަނީ އެއްއަގެއްގައިކަންވެސް ފާހަގަކޮށްފައިވެއެވެ.