ޚަބަރު

ފަތުރުވެރިކަމަށް %7.3ގެ ކުރިއެރުމެއް


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިއަން ދުއިސައްތަ ހަތް ހާސް އަށް ސަތޭކަ ފަންސާސް ދެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އޮކްޓޯބަރު މަސް ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ 2017 ވަނަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު ހަތެއް ޕޮއިންޓު ތިނެއް އިންސައްތަ އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ އޮކްޓޯބަރުމަހު ރާއްޖެއަށް 127393 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 48 ހިއްސާއާއެކު ޔޫރަޕްގެ ޤައުމުތަކުންނެވެ. އެއީ ޖުމްލަ 579458 ފަތުރުވެރިންނެވެ. މިއީ 2017 ވަނައަހަރުގެ މިމުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު %13.2ގެ ކުރިއެރުމެކެވެ. ދެވަނަޔަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ %42.9 ހިއްސާއަކާއިއެކު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުންނެވެ. މިސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދަކީ 517722 އެވެ. މިއީ 2017 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %1.3ގެ ކުރިއެރުމެކެވެ. ދެން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރީ އެމެރިކާ ސަރަހައްދާއި، މެދުއިރުމަތި އަދި އެފްރިކާ ސަރަހައްދުންނެވެ.

ވަކިވަކި މާކެޓްތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 މާކެޓަކީ ޗައިނާ، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އިޓަލީވިލާތް އަދި އިންޑިއާއެވެ.

މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް ގައި ރަޖިސްޓްރީ ކޮށްފައިވާ 43808 އެނދުގެ ތެރެއިން އެވްރެޖްކޮށް 41591 އެނދު ވަނީ އޮޕަރޭޓްކޮށްފައެވެ. މިމުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭތަކުގެ ޢަދަދު ވަނީ 11% އިތުރުވެފައެވެ.

2018 ވަނައަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް، ރާއްޖޭގައި ފަތުރުވެރިން އެނދު ބޭނުންކޮށްފައިވާ ނިސްބަތް % 61.4 އަށް އަރާފައިވާއިރު، މިއީ 2017 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %1.2 ގެ ކުރިއެރުމެކެވެ. އަދި މިމުއްދަތުގައި އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި 6.4 ދުވަސް ހޭދަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.