ވިޔަފާރި

"ޗާލު ބަދިގޭގެ" ނަސީބުވެރިޔާއަށް އާ ބަދިގެ ސެޓެއް


ރެއިންބޯ އެންޓަރޕްރައިސަސްއިން މިދިޔަ ސެޕްޓެމްބަރުމަހު ކުރިއަށްގެންދިޔަ "ޗާލު ބަދިގެ" މުބާރާތުގެ ނަސީބުވެރިޔާ އިއުލާނުކޮށްފިއެވެ.

ބަދިގޭގެ ފޮޓޯއެއް ހިއްސާކޮށްލައިގެން އާ ބަދިގެ ސެޓެއް ހޯދުމަށް ރެއިންބޯއިން ހުޅުވާލި މުބާރާތުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ޅ.ހިންނަވަރު އައިޝަތު ޝަބީނާއެވެ.

މި މުބާރާތުގެ ނަސީބުވެރިޔާއަށް ޝަބީނާ ހޮވުމުން، އޭނާއަށް ވަނީ ރެއިންބޯ އެންޓަރޕްރައިސްއިން ބޭނުން ކުލައެއްގެ އަދި ބޭނުން ޑިޒައިނެއްގެ ބަދިގެ ސެޓެއް ނެގުމުގެ ފުރުސަތު ލިބިފައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 15 އިން އޮކްޓޯބަރުމަހުގެ 16 ގެ ނިޔަލަށް ރެއިންބޯއިން ކުރިއަށްގެންދިޔަ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި މުބާރާތުގެ ނަސީބުވެރިޔާ އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރެއިންބޯ އެންޓަރޕްރައިސަސްގެ ޖެނަރަލް މެނޭޖަރ އަބްދުﷲ އަސްލަމް ވިދާޅުވީ ރެއިންބޯއަކީ ރާއްޖެއަށް ބަދިގެ ސާމާނާއި ފަރުނީޗަރު އެތެރެކުރުމުގައި ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުންދާ ކުންފުންޏެއްކަމަށެވެ. އެކި ފަހަރު މަތިން ކަސްޓަމަރުންނާއި ގުޅުންހުރި އެކި ޕްރޮމޯޝަންތަކެއް ރެއިންބޯއިން ކުރިއަށްގެންދާއިރު މި މުބާރާތުގެ ބޭނުމަކީ މިފަދަ ބަދިގެ ސެޓެއްގެ ބޭނުންޖެހިފައިވާ ފަރާތަކަށް އާ ބަދިގެ ސެޓެއް ހަދިޔާކުރުންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

" ކަބަޑު ސެޓު ވިއްކަމުން ދިޔައިރު އަޅުގަނޑުމެންގެ ޚިޔާލަށް އައީ ރާއްޖޭގައި އެބައުޅެޔޭ ބަދިޔެ ހެދުމުގެ ނަސީބެއް ނެތް މީހުން. ރެއިންބޯގެ އުއްމީދަކީ އެފަދަ ފަރާތްތަކަށް ބަދިގެ ހަދިޔާކުރުން." އަބްދުﷲ އަސްލަމް ވިދާޅުވިއެވެ.

'ޗާލު ބަދިގެ" މުބާރާތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 500 ބަދިގޭގެ ފޮޓޯ ފޮނުވާފައިވާއިރު ތިން ފަނޑިޔާރުން ހިމެނޭ ޕެނަލަކުން މި ފޮޓޯތައް ބަލައި މި ފޮޓޯތަކުގެ ތެރެއިން ފައިނަލް ރައުންޑަށް 10 ފޮޓޯ ނަގާފައިވެއެވެ. އަދި އެއަށްފަހު ނަސީބުވެރި ފަރާތް ހޮވަނީ ބަދިގެ ހުރި ރަށްތަކަށް ފަނޑިޔާރުން ޒިޔާރާތްކޮށް ބަދިގެތައް ބަލައި މާރކްސް ދިނުމަށްފަހުގައެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެއްކަމުގައިވާ މަރިޔަމް ވަހީދާ ވިދާޅުވީ "ޗާލު ބަދިގެ" ނަމުގައި ރެއިންބޯއިން ތަޢާރަފްކުރި މުބާރާތަކީ ވަރަށް ތަފާތު މުބާރާތެއްކަމަށެވެ. އަދި މި މުބާރާތުގެ ސަބަބުން ރާއްޖޭގެ މީހުންގެ ދިރިއުޅުމުގެ ހާލަތާއި އަތޮޅުތެރޭ މީހުންނަށް ދިމާވާ ދަތިތައް ވަރަށް ރަނގަޅަށް ސިފަވެގެން ދިޔަ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނުނު ރާއްޖޭ މީހުން ދިރިއުޅެމުންދާ ގޮތް. ބައެއް ގޭގެއަށް އަޅުގަނޑުމެން ޒިޔާރާތްކުރިއިރު ކިރިޔާ ކައްކައި ކައި އުޅެވޭ ތަން ތަން އެއީ. އެހެންވީމަ ހާލަތްތަކަށް ބަލާފައި ޗާލު ބަދިގެ ކިޔަސް އަޅުގަނޑުމެންނަށް ވެސް ވަރަށް ގިނަ އެއްޗިސްތައް ދަސްވެގެން ހިނގައްޖެ." މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

ރެއިންބޯއިން ކަސްޓަމަރުންނަށް ޚާއްސަކޮށްގެން އެކި ދުވަސްތަކުގެ މަތިން އެކި ޕްރޮމޯޝަންތައް ހިންގަމުންދާއިރު، އަގުބޮޑެތި އިނާމްތަކަކާއެކު ރެއިންބޯގެ އަހަރީ ސޭލް ވަނީ ފަށާފައެވެ.