ވިޔަފާރި

45 ވަނަ އިފޮޕްކާ ކޮންވެންޝަނާއެކު ޢިމާރާތްކުރުމުގެ ސިނާޢަތަށް އިންޤިލާބެއް އަންނާނެ- ޤާސިމް


2020 ވަނަ ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ، ޢިމާރާތްކުރުމުގެ ދާއިރާގެ ސަރަޙައްދީ މަހާސިންތާ، ނުވަތަ އިފޮޕްކާގެ 45 ވަނަ ކޮންވެންޝަންގެ ސަބަބުން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާޢަތް އަދި ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު އިންޤިލާބެއް އަންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ އިފޮޕްކާގެ 45 ވަނަ ކޮންވެންޝަން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ގިނަ ބަޔަކު އިންވެސްޓްކުރަން ޝަޢުޤުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ. އެހެންކަމުން މިފަދަ ކޮންވެންޝަނެއް ރާއްޖޭގައި ބޭއްވުމަކީ ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި ވިޔަފާރިކުރުމަށް ހުޅުވާލެވިގެންދާނެ އިތުރު ފުރުޞަތެއްކަމަށް ގާސިމް ވިދާޅުވިއެވެ.

"މިހާރުވެސް ރާއްޖޭގައި އެބައުޅޭ އެކި ޤައުމުތަކުގެ ބޭފުޅުން ރާއްޖެއަށް އިންވެސްޓުކުރުމަށް އައިސް. އެހެންނަމަވެސް އެއަށްވުރެ ގިނަ ފަރާތްތަކުން ނޫނީ ގިނަ ބަޔަކަށް އެކަން ތަޢާރަފްވެ ރާއްޖޭގެ ކޮންސްޓަރްކްޝަން ކުރެވޭ ގޮތާއި މިކަންކަން އެނގިގެންދިޔުމީ ކޮންސްޓްރަކްޝަން ކުރުމުގައި މިދެންނެވި ކޮންސްޓަރކްޝަން މާރކެޓްގައި ކޮމްޕެޓިޝަން އިތުރުވެގެންދާނެކަމެއް. އަދި ރާއްޖެއިން އަމިއްލައަށް އިސްނަގައިގެން މިފަދަ ކަމެއް ބޭއްވުމަކީ އައްސަރިބަހާއި ސާބަސް ދޭންވާނެކަމެއް" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާޢަތް ކުރިއަރައި، ބޭރު ދުނިޔޭގައިވެސް އެކަން ފާހަގަވެފައިވާއިރު، މިސިނާޢަތް ކޮޅަށް ޖެހުމުގައި ރާއްޖޭގެ އެކި ޖަމުއިއްޔާތަކުން ވަރަށް ބޮޑު މަސައްކަތެއްކޮށްފައިވާކަން ޤާސިމް ފާހަގަކޮށްފައިވެއެވެ. އެގޮތުން މަސީ، މަޓީ އަދި އެހެނިހެން ޖަމިއްޔާތަކުން ރާއްޖެ ތަމްސީލުކޮށް ރާއްޖެ ތަރައްޤީކުރުމަށްތަކައި ކުރައްވާ މަސައްކަތްތަކަކީ ތަޢުރީފު ހައްޤުވާ މަސައްކަތްތަކެއްކަމަށް ޤާސިމް ވިދާޅުވިއެވެ.

"މިއަދު މަސީއާއި އެފަދަ ޖަމުއިއްޔާތަކުން ކުރެއްވި ބުރަ މަސައްކަތުން މަސީގެ ބޯޑުގައި ތިއްބެވި ބޭފުޅުން ތިކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުން މިއަދު މިހިސާބަށް މިއައީ. އެހެންވީމަ ތިބޭފުޅުން ތިހޯއްދެއެއްވި ކާމިޔާބީއަށް އަޅުގަނޑު ފަށްފަށުން ޝުކުރުދަންނަވަން." ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

އިފޮޕްކާގެ 45 ވަނަ ކޮންވެންޝަން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުއެވެ.