ވިޔަފާރި

ރަސްދޫގެ ގެސްޓް ހައުސް ވިޔަފާރީގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް


އއ ރަސްދޫއަކީ ގެސްޓް ހައުސް ވިޔަފާރީގައި އެންމެ ކުރިއަރާފައިވާ އެއް ރަށެވެ. މިރަށުގައި 15އަށްވުރެ ގިނަ ގެސްޓް ހައުސް ހިންގަމުންދާއިރު، މި ވިޔަފާރީގެ ސަބަބުން ރަސްދޫއަށް އިޤްތިސާދީ އިޖްތިމާއީގޮތުން ގިނަ ކުރިއެރުންތަކެއް ދަނީ ލިބެމުންނެވެ.

އާބާދީގައި ގާތްގަނޑަކަށް 1500 މީހުން ދިރިއުޅެމުންދާ އއ. އަތޮޅު ރަސްދޫއަކީ އެއަތޮޅު ވެރިކަންކުރާ ރަށެވެ. ރަސްދޫ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނުވި ގެސްޓް ހައުސް ވިޔަފާރި، އެރަށުގައި ރަސްމީކޮށް ކުރަން ފަށާފައިވަނީ 2008 އަހަރު މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައްރަށުގައި ގެސްޓް ހައުސް ހިންގުމުގެ ހުއްދަދޭން ފެށި ހިސަބުންނެވެ.

ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ރަށުގައި ލޯކަލް ޓުއަރިޒަމް ފުޅާވެ، މިކަމުގެ ނަފާ ނުކުރާ ގޭބީސީއެއް މަދުވާނެއެވެ. މިގޮތުން މިރަށުގައި ފިހާރަ، ކެފޭ ރެސްޓޯރަންޓު، ގެސްޓް ހައުސް އަދި ޑައިވް ސެންޓަރުތައް ގިނަ ބަޔަކު ހިންގައެވެ.

ރަސްދޫ ކައުންސިލްގެ ރައީސް އަބްދުލް ޖަލީލު ވިދާޅުވީ، ރަށުގައި ލޯކަލް ޓުއަރިޒަމް ފުޅާވެ، އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބުނުކަމަކަށެވެ. ހާއްސަކޮށް ރަށުގައި ވަޒީފާ ނެތިފައިތިބި ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ލިބިފައިވާކަމަށެވެ.

"ގެސްޓް ހައުސް ވިޔަފާރީގެ ސަބަބުން ވަޒީފާގެ ފުރުސަތު ލިބިފައިނެތް އެތަށް ޒުވާނުންނަކަށް ވަޒީފާ ލިބި މަސައްކަތުގައި އެބަ ހަރަކާތްތެރިވޭ. ކުރާނެ މަސައްކަތެއް ނެތިފައި ރަށުގައި އެތައް ބައިވަރު ޒުވާނުންނެއް މިރަށުގައި މީގެކުރިން ތިބިކަން ފާހަގަކުރެވޭ. ގެސްޓް ހައުސް ވިޔަފާރީގެ ތެރެއިން ޒުވާން އެތައް ކުދިންނަކަށް ވަޒީފާގެ ފުރުސަތުތަށް ހުޅުވިގެން ގޮސް އެކުދިންނަށް ރަގަނޅު އާމްދަނީއެއް އެބަލިބޭ" ރަސްދޫ ކައުންސިލްގެ ރައީސް އަބްދުލް ޖަލީލު ވިދާޅުވިއެވެ.

ރަސްދޫގައި ޖުމްލަ 36 ގެސްޓް ހައުސް ހުރިއިރު، މީގެތެރެއިން 15 ތަނަކީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދަލިބިގެން ޚިދުމަތް ދެމުންދާ ތަންތަނެވެ. މީގެ ތެރޭގައި 6 ވޯޓަރ ސްޕޯޓްސް އަދި ޑައިވް ސެންޓަރެއް ހުރިކަން ފާހަގަކޮށްލެވެއެވެ.

ރަސްދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، މިތަންތަން ހިންގާ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރި ފުޅާކޮށް ހިންގުމަށް ބޭނުންވާ ލޯނު ނުލިބުންކަމަށެވެ.
ޖަލީލު ވިދާޅުވީ ރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް އެހެނިހެން ބައެއް ދަތިތައްވެސް އެބަހުރިކަމަށެވެ. މިކަންކަން ޓުއަރިޒަމް މިނިސްޓްރީއާއި ހިއްސާކުރުމުން މިމައްސަލަތަކަށް ހައްލު ހޯދަވައިދެއްވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތައް އޮޅުން ފިލުވުމަށާއި، މިދާއިރާ ތަރައްޤީކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ، އަންނަ ހޮނިހިރުދުވަހު، ގެސްޓް ހައުސް ސިންޕޯޒިއަމެއް ބޭއްވުމަށް ހަމަޖައްސާފައެވެ.

ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިން އަތޮޅުގެ ރަށްތަކަށް މި ވިޔަފާރީގެ ސީދާ ނަފާ ލިއްބައިދިނުމަކީ ސަރުކާރުގެ ވައުދެކެވެ.