ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރުވާއަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދޭން ފަށައިފިއެވެ.
މިއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ޕްރޮގްރާމް ރަސްމީކޮށް އިފުތިތާހުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވީ ތެރަޕިއުޓިކް ޚިދުމަތްތަކަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ ޢާއިލާތަކުން މާލީގޮތުން ބޮޑު ހޭދައެއް ކުރަންޖެހިފައިވާ ކަމަށާއި، ސަރުކާރުން ވަޢުދުވިގޮތަށް މިއަދުން ފެށިގެން އެ ކަމަށް ޙައްލު ލިބިގެން ދާނެކަމަށެވެ.
ޖެންޑަރ މިނިސްޓަރ ވިދާޅުވީ މިފަދަ ޚިދުމަތްތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް، ސަރުކާރުން އިސްކަންދެނީ ރައްޔިތުންގެ ދުޅަހެޔޮކަމަށާއި، ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ މީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކަމަށެވެ.
ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް އިފުތިތާޙްކުރުމާއެކު މިހާރު އާސަންދަ މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރުވާއަށް ބޭނުންވާ ތެރަޕީތަކާއި، އެހެނިހެން ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ލިބޭނެކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ތެރަޕިއުޓިކް ޚިދުމަތް ބޭނުންވާ ފަރާތްތަކުން، ތެރަޕިއުޓިކް ފަރުވާ ބޭނުންވާކަން އަންގައިދޭ ކަމާގުޅޭ ޚާއްޞަ ޑޮކްޓަރެއްގެ ލިޔުމާއި، އެ ފަދަ ތެރަޕިއުޓިކް ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒެއްގެ ކޯޓޭޝަންގެ އިތުރުން އެހީއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ހުށަހެޅުމުން އެހީ ހަމަޖެހިގެންދާނެކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.