ބޭނުންވަނީ އިތުރު ވަޢުދު ތަކެއް ވުމުގެ ބަދަލުގައި ހިފަހެއްޓިފައިވާ، ކަންކަމަށް ހައްލު ކޮށްދިނުމަށްކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މުހިންމު މަސައްކަތްތަކެއް ހުއްޓިފައިވާކަމަށެވެ. އެހެންކަމުން ފުރަތަމަ އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން އައްޑޫސިޓީއަށް އިތުރު ވަޢުދު ތަކެއް ވުމުގެ ބަދަލުގައި މަޑުޖެހިފައިވާކަންކަމަށް ހައްލެއް ގެނައުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި މިނިސްޓަރ ވަނީ ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ޝަކުވާތައް އަޑުއައްސަވައި މިޝަކުވާތަކަށް އަވަސް ހައްލެއް ހޯއްދެވުމަށް ކަމާބެހޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ފަތުރުވެރިންގެ ވިސާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އިމިގްރޭޝަނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަގު ފަހިކުރުމަށް މިނިސްޓަރ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި، އައްޑޫސިޓީ ކައުންސިލަށް ފުރުސަތު ދެއްވާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވަނީ އައްޑޫސިޓީގެ ރިސޯޓުތަކަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވައި ސަރުކާރުން އެކަންކަމުގައި އެހީވެވެން އޮތީ ކޮންގޮތަކުންތޯ ބަލައި އެހީވެ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު އައްޑޫސިޓީއާއި ފުވައްމުލައް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫސިޓީ ކައުންސިލާ ވަނީ ބައްދަލުކުރައްވާފައެވެ.