"ސާފު ރާއްޖެ" ކެމްޕެއިންގެ ދަށުން އަންނަ ހޮނިހިރު ދުވަހު ވިލިމާލެ ސާފުކުރަން މާލެ ސިޓީ ކައުންސިލުން ނިންމަވައިފިއެވެ.
"ސާފު ރާއްޖެ" ކެމްޕެއިންގެ ދަށުން ކޮންމެ މަހަކު ސާފުކުރުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މި ޖެނުއަރީ މަހުގައިވެސް ވަނީ މާލޭގެ ފަޅު ސާފުކޮށްފައެވެ.
މިކެމްޕެއިންގެ ދަށުން އަންނަ ހޮނިހިރު ދުވަހު ވިލިމާލެ ސާފުކުރުމަށް ހަމަޖެހިފއިވާއިރު މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު އަށްގަޑި ތިރީހުގައެވެ.
މި ހަރަކާތަކީ މާލެ ސިޓީ ކައުންސިލްއާއި ފުލުހުންގެ އިތުރުން ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ވިލިމާލެ ސާފުކުރުމުގެ ޙަރަކާތާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ވިލިމާލެ ސާފުކަރަން ނިންމާފައިވަނީ އެ ރަށުގެ އިންސްޕެކްޝަނެއް ހެދުމަށްފަހު ކަމަށެވެ. މިގޮތުން ވިލިމާލޭގެ ސިނާޢި ސަރަހައްދާއި ސާފުތާހިރު ނޫންތަންތަން ބަލާފައިވާނެކަމަށް ސިފާ ވިދާޅުވިއެވެ. މިއީ ކުރިއަށް އޮތްތާގައި ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ކުރަމުންދާ މަސައްކަތެއްކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
"މި ދިޔަ ހަފްތާތެރޭ ވިލިމާލޭގެ އިސްޕެކްޝަންއެއް ހަދާފައިވާއިރު މީގެ ތެރޭގައި ސިނާޢީ ސަރަޙައްދުތަކާއި އެކި ސަރަޙައްދުތަކުގައި ކުރާ މަސައްކަތްތަކާއި ވިލިމާލޭގައި ސާފުތާހިރު ނޫންތައްތަން ބަލާފައިވާނެ." ސިފާ ވިދާޅުވިއެވެ.
މިޙަރަކާތުގައި ސާފުކުރުމަށް ހަމަޖެހިފައިވަނީ ވިލިމާލެ ޕޮލިސް ސްޓޭޝަން ހިމެނޭ ބީޗް ސަރަޙައްދުގެ އިތުރުން ވަގުތު އޮތް މިންވަރަކުން އެހެން ސަރަހައްދުތައްވެސް ސާފުކުރާނެކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން ބުނީ ވިލިމާލޭގައި ހަރަކާތްތެރިވާ ވެމްކޯގެ ޓީމާއި ރޭގަނޑުގެ ވަގުތުތަކުގައި މަގުތައް ކުނިކެހުމަށް ނުކުމެއުޅޭ ޓީމުވެސް ދުވާލުގެ ވަގުތުގައި އެދުވަހު ހަރަކާތްތެރިވާނެކަމަށެވެ.
ރާއްޖޭގެ ސާފުތާހިރުކަން ހިފެހެއްޓުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއަކަށްވާއިރު މާލޭގެ މަގުތަކަށް ކުނި އަޅާފަރާތްތަކާ މެދު ދާދިފަހުން މާލެ ސިޓީ ކައުންސިލުންވަނީ ފިޔަވަޅު އަޅަން ފަށާފައެވެ.
މި ކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ އެ އިދާރާއިން ކުރި މަސައްކަތުން މާލޭގެ މަގުތަކަށް ކުނިއަޅަމުންދާ މައިގަނޑު ތިން ކަމެއް ފާހަގަވެފައިވާކަމަށެވެ. މިގޮތުން ކޮންސްޓްރަކްޝަން ސައިޓްތަކާއި ބިދޭސީންނަށް ކަށްކާ ކާންދޭ ސަރަޙައްދުތަކާއި ގޭގޭގެ ކަންމަތިތަކަށް އެކި ގެތަކުން ކުނި ބަހައްޓާކަން ވަނީ ފާހަގަކުރައްވާފައެވެ.
"ގިނަ ފަހަރު މާލޭގެ މަގުތަކަށް ކުނިއަޅަމުންދަނީ ކޮންސްޓްރަކްޝަން ސައިޓްތަކުން މަގުމަތީގައި އެކި ތަކެތި ބެހެއްޓުމުން އެތަނަށް ރައްޔިތުމީހާ ކުނިއަޅާނީ ، ބިދޭސީންނަށް ކަށްކާކާންދޭ ސަރަހައްދުގެ ބައެއްއަމިއްލަ ފަރާތްތަކުން ގޭގޭގެ ކަންކަންމަށްޗަށް ކުނިއަޅާކަން ވަނީ ފާހަގަކުރެވިފަ." ސިފާ ވިދާޅުވިއެވެ.
ހޮނިހިރުދުވަހު މިފަށާ ޙަރަކާތުގައި ވިލިމާލާގައި ޙަރަކާތްތެރިވާ އެންޖީއޯސްތަކާއި ސްކައުޓުންނާއި ސްކޫލްތަކުން ބައިވެރިވެއެވެ. ސިޓީ ކައުންސިލްއިންވަނީ ވިލިމާލޭގައި ދިރިއުޅޭ ރަށްޔިތުން މިޙަރަކާތުގައި ބައިވެރިވުމަށް އިލްތިމާސްކޮށްފައެވެ.
މި ޕްރޮގްރާމްގެދަށުން ވިލިމާލޭ ބީޗް ސަރަހައްދުގައި ކުރިން އަޅާފައިހުރި ޓޫރިސްޓު ރޫމްތަކާއި ގިނަ ދުވަސްތަކެއް ވަންދެން ސާފު ނުކޮށްހުރި ހުރި ތަންތަން ސާފު ކުރުމަށް ހަމަޖެހިފައިވެއެވެ.