ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ގިނަ ބަޔަކަށް ނޭނގެ - ޠައްޔިބު


ބޭރުގެ ގިނަ މީހުންނަށް ރާއްޖެ މަޝްހޫރު ވެފައިވަނީ މަތީ ފަންތީގެ ޙިދުމަތްދޭ ރިސޯޓްތަކުގެ މަންޒިލެއްގެ ގޮތުގައި އެކަނި ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ ފުރިހަމަ މަޢުލޫމާތުތައް އެމީހުންނަށް ލިބިފައިނުވާ ކަން ފާހަގަކުރެވޭ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިމަހުގެ 10 އަކުން 12 އަށް އިޓަލީގެ މިލާންގައި ބޭއްވި ބިޓް ފެއަރއާ ގުޅޭގޮތުން އިޓަލީގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޠައްޔިބު ވިދާޅުވީ އެ ފެއަރގައި ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
އެގޮތުން އެކި މީޑިއާތަކަށް އިންޓަރވިއުތައް ދީފައިވާ ކަމަށާއި ރާއްޖޭގެ ފަރާތުން ޕްރެސް ކޮންފަރެންސެއް ފެއަރގެ ތެރެއިން ބާއްވާފައިވާ ކަމަށް ޠައްޔިބު ވިދާޅުވިއެވެ.

ޠައްޔިބު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގައިވެސް ތަފާތު ސެގްމަންޓްތައް ހުރިކަން ފެއަރގެ ތެރެއިން ކިޔައިދީފައިވާނެ ކަމަށެވެ. އެގޮތުން މަތީ ފަންތީގެ ރިސޯޓްތަކުގެ އިތުރުން ރާއްޖޭގެ ލިވްއަބޯޑްތަކާއި ގެސްޓްހައުސްތަކާއި ހޮޓެލްތަކާއި ގުޅޭ މަޢުލޫމާތުތައް ކިޔާދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ލަގްޒަރީ މާރކެޓްގެ އިތުރަށް އެބަހުރި އެކި އެކި ސެގްމަންޓްސްތައް، އެންމެ އަގުބޮޑު ނޫނަސް ހޮޓާތަކާއި، ގެސްޓްހައުސްތަކާއި އަދި ލިބްއަބޯޑްތަކާއި ތައް ވެސް އެބަހުރި، ގިނަ ބަޔަކަށް އަދިވެސް ނޭގޭ މި ޕްރޮޑަކްޓްސްތައް ރާއްޖޭގައި ހުންނަކަން، އެހެންވީމަ ޓްރެވަލް އެޖެންޓުންނަށްވެސް މައުލޫމާތުދީ ވަރަށް ގިނަ މީޑިއާގެ ފަރާތްތަކަށްވެސް ރަގަޅަށް މައުލޫމާތުދެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރީ"، ޠައްޔިބު ވިދާޅުވިއެވެ.

ޠައްޔިބު ވިދާޅުވީ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާއި ވެސް ބައްދަލުކޮށް، އެފަރާތްތަކާއި ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އިންޓަރނޭޝަނަލް ޓޫރިޒަމް އެކްސްޗޭންޖް ފެއަރ ނުވަތަ ބިޓް ފެއަރގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންސް، (އެމްއެމްޕީއާރުސީ) އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 10 ކުންފުންޏެއްގެ 17 ފަރާތަކުން މި ފެއަރގައި ބައިވެރިވިއެވެ. މި ފެއަރގައި ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބެވެ.

އިޓަލީއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 5 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. 2018 ވަނަ އަހަރު އިޓަލީން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2017 ވަނަ އަހަރާއި އަޅާބަލާއިރު %18.5 އިތުރުވެފައެވެ.