ޚަބަރު

ބުރިޖާއި ހައިވޭގައި ފުލުހުންގެ ޗެކްޕޮއިންޓްތައް ބަހައްޓާ ފާސްކުރަން ފަށައިފި


ސިނަމާލެ ބުރިޖާއި ހައިވޭގައި ފުލުހުންގެ ޗެކްޕޮއިންޓްތައް ބަހައްޓާ އެ ސަރަޙައްދުގައި ދުއްވާ ވެހިކަލްތައް ބަލާ ފާސްކުރަން ފަށައިފިއެވެ.

ބުރިޖާއި ހައިވޭގައި ދުއްވާ އުޅަނދުތައް ބަލާ ފާސްކުރަން ފުލުހުން ފަށާފައިމިވަނީ ބުރިޖާއި ހައިވޭގައި ހިނގާ އެކްސިޑެންޓުތައް ގިނަވުމުގެ ސަބަބުންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތުދެއްވައެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންގެ މަޤްޞަދަކީ ބާރު ސްޕީޑުގައި ދުއްވުމާއި ޓްރެފިކްގެ ޤާނޫނާއި ޤަވައިދާ ޚިލާފަށް ވެހިކަލް ދުއްވާ މީހުން ހުއްޓުވުން ކަމަށެވެ. އެގޮތުން ބްރިޖާއި ހައިވޭގެ އެކި ހިސާބުތަކުގައި ޗެކްޕޮއިންޓް ބަހައްޓައިގެން ފުލުހުން ހަރަކާތްތެރިވާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބްރިޖް ޢާއްމުނަށް ހުޅުވާލާފައިވާއިރު ފާއިތުވި ހަމަސްދުވަހުގެ ތެރޭގައިވަނީ 167 އެކްސިޑެންޓް ހިނގާފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެކްސިޑެންޓު މަދުކުރުމަށް ހުރިހާ ފަރާތެއްވެސް ގުޅިގެން މަސައްކަތްކުރުމަށް ފުލުހުން
އިލްތިމާސްކުރައްވާފައިވާއިރު، ބުރިޖުގައި ދުވެލި ބެލޭނެ ކެމެރާ ހަރުކުރުމުގެ މަސައްކަތްވެސް ފުލުހުން މިހާރުވަނީ ފަށާފައެވެ.