ދުނިޔޭގެ އާބާދީގެ ކޮންމެ 100 އިން 40 މީހުންނަކީ އެމީހަކަށް އެނގޭބަހަކުން ނުވަތަ އެމީހަކު ވާހަކަދައްކައި އުޅޭ ބަހުން ތައުލީމު ޙާޞިލް ކުރުމުގެ ފުރުސަތު ނުލިބޭ މީހުންކަމަށް ޔުނެސްކޯއިން ހާމަކޮށްފިއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ 20ވަނަ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ޔުނެސްކޯއިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ އެޖަމްޢިއްޔާއިން ދެކޭގޮތުގައި ކޮންމެ މާދަރީ ބަހަކީ ވެސް އެނގި ފާޅުވުމާއެކު އާންމު ދިރިއުޅުމުގައި އެބަހަކަށް ދޭންވާ ސަމާލުކަން ހުރިހައި ދާއިރާއަކުން ވެސް ދޭން ޖެހޭނެ ބަހެއް ކަމުގައެވެ. އެހެންނަމަވެސް ކަންތައްހުރީ އެހެނަކުން ނޫންކަން ހާމަކުރައްވަމުން އެބަޔާނުގައިވަނީ ކޮންމެ މާދަރީ ބަހަކީ ގައުމީ ބަހެއްގެ ގޮތުގައި ބަލައިގެންފައިވާ ބަހެއް ނޫކަން ފާހަގަކުރައްވާފައެވެ. އަދި ކޮންމެ މާދަރީބަހަކީ ރަސްމީ ބަހެއްގެ ދަރަޖަ ދީފައި ވާ ބަހެއް ވެސް ނޫންކަމަށާ އަދި ތަޢުލީމު އުނގަންނައި ދޭ ބަހެއްވެސް ނޫންކަން ފާހަގަކުރައްވައި ޔުނެސްކޯގެ ބަޔާނުގައި ވިދާޅުވެފައިވަނީ މި ހާލަތަކީ މާދަރީ ބަހެއްގެ އަގު ނެތެމުން ގޮސް އެންމެ ފަހުން ބަސް ވެސް ނެތިގެން ހިނގައިދާނެ ހާލަތެއްކަމަށެވެ.
ދުނިޔޭގައި ސުލްހަ ގާއިމު ކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ޓަކައި ކޮންމެ މާދަރީބަހަކީވެސް މުހިންމު ބަހެއް ކަން ފާހަގަކުރައްވައި އެބަޔާނުގައި ވިދާޅުވެފައިވަނީ މާދަރީ ބަހަކީ ލިޔަންކިޔަން ދަތުމަށާއި ތައުލީމު ލިބި ދިނުމުގައި ކޮންމެހެން މުހިންމު ވަސީލަތެއްކަމަށެވެ. އަދި ފަރުދުންގެ އަމިއްލަ ނަފުސުގެ ގާބިއްލިއްޔަތު ތަރައްގީ
ކުރުމުގެ ހުނަރުތަކުގެ ބިންގަލަކީވެސް މާދަރީބަސްކަމުގައި އެބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ޔުނެސްކޯ އިން ހާމަކުރައްވާ ގޮތުގައި ދުނިޔޭގެ އާބާދީގެ ކޮންމެ ސަތޭކައަކުން 40 މީހުންނަކީ އެ ބައި މީހުންނަށް އެނގޭ ބަހަކުން ނުވަތަ ވާހަކަ ދައްކައި އުޅޭ ބަހުން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ނުލިބޭ މީހުންނެވެ.
އެހެންނަމަވެސް މި ހާލަތު މިގޮތަށް މެދުވެރިވެފައި ވަނީ މާދަރީ ބަހެއްގެ އިލްމު އެނގިފައި ވުމަކީ އާންމު އުނގެނުމަށް އެހީތެރިވެދޭ ކަމެއް ކަމެއްކަން ދިރާސާތަކުގެ އަލީގައި ހޯދައި އެކަން ޢާއްމުންނަށް އަންގައިދީފައި ވަނިކޮށްކަން ޔުނެސްކޯއިން ފާހަގަކުރައްވައެވެ.
މިއަހަރަކީ ވެހީން ނުވަތަ ޤައުމުތަކުގައި ދިރިއުޅޭ ވަކިބަހަކުން ވާހަކަދައްކާ ބައިމަދު ޖަމާޢަތްތަކުގެ މީހުން މޮށެ އުޅޭ ބަސްބަހަށް ޚާއްޞަ ކުރައްވައިގެން ފާހަގަކުރަން ހަމަޖައްސަވައިފައިވާ އަހަރެވެ. މި އަހަރުގެ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުގެ ޝިޢާރަކަށް ކަނޑަ އަޅުއްވައިފައި ވަނީ "ތަރައްޤީއަށާއި އަމަންއަމާންކަން ގާއިމު ކުރުމަށާއި ސުލްހައަށް ޓަކައި ވެހި ބަސްބަސް މުހިންމު" މިއެވެ.