ޚަބަރު

މާލެ ސަރަޙައްދަށް ބަހާނީ 3000 ހެލްމެޓް - ޓްރާންސްޕޯޓް އޮތޯރިޓީ


ހިލޭ ހެލްމެޓް ބެހުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން މާލެ ސަރަޙައްދަށް ބަހުމަށް ހަމަޖެހިފައިވަނީ 3000 ހެލްމެޓްކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ހިލޭ ހެލްމެޓް ބެހުމުގެ ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ރަޖިސްޓަރ ވުމަށް ޚާއްސަ ޕޯޓަލްއެއް ޤާއިމްކޮށްފައެވެ. އެއޮތޯރިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓުގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ނަޒީރު ވިދާޅުވީ ހެލްމެޓް ބެހުމުގެކުރިން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ކޯހުގައި ބައިވެރިވުމަށް މިހާރު ފުރުޞަތު ހުޅުވާލާފައިވާކަމަށާ މިހާތަނަށް އެ ޕޯޓަލްގައި 500 އަށްވުރެ ގިނަ މީހުން ރަޖިސްޓަރ ވެފައިވާކަމަށެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމަށް ފުރަތަމަ ހުޅުވާލާފައިވަނީ މާލެ ސަރަޙައްދުގައި ސައިކަލް ދުއްވާ ލައިސަންސް އޮތް މީހުންނަށެވެ. ނަޒީރު ވިދާޅުވީ މިފަހަރު 2500 ހެލްމެޓް ބެހުމަށް ހަމަޖެހިފައިވާކަމަށާ މިޢަދުގެ އިތުރަށް ކުޑަކުދިންނަށް ޚާއްސަކޮށްގެން 500 ހެލްމެޓް ބަހާނެކަމަށެވެ. އަދި ދެން ހުރި ހެލްމެޓްތައް ބެހުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި އެންމެ ގިނައިން
އެކްސިޑެންޓްތައް ހިނގާ އައްޑޫ އަދި ލ.އަތޮޅުގައިކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން އަތޮޅުތަކުގެ ރަށްރަށުގައި 2000 ހެލްމެޓް ބަހަން ހަމަޖެހިފައިވާކަމަށާ މިޢަދަދުގެ އިތުރަށް 500 ހެލްމެޓް ކުޑަކުދިންނަށް ޚާއްސަކުރާނެކަމަށް ނަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހު ތެރޭގައި 5000 ހެލްމެޓް ބެހުމަށް ހަމަޖެހިފައިވާއިރު މީގެ ތެރެއިން 3500 ހެލްމެޓްއަކީ ޔުނެސެފްއިން ހަދިޔާކޮށްފައިވާ ހެލްމެޓްތަކަކެކެވެ. ބާކީ1500 ހެލްމެޓަކީ އަމިއްލަފަރާތަކާ ހަވާލުކޮށްގެން ގެނެސްފައިވާ ހެލްމެޓްތަކެއްކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއެވެ.

ހެލްމެޓް ބެހުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގައި މަގުތަކުގެ އަދަބުތކާއި މަގުތަކުގައި ވެހިކަލްތައް ގެންގުޅެންޖެހޭނެ ގޮތްތަކާއި އުޅަނދު ދުއްވާނެ ގޮތްތައް ކިޔާދިނުމަށް ވަނީ ހަމަޖެހިފައެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ މިޕްރޮގްރާމް ފުރިހަމަކުރުމުން ސެޓްފިކެޓާއެކު އެމީހަކަށް ހެޔޮވަރުގެ ހެލްމެޓެއް ލިބޭނެކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ ސިނަމާލެ ބްރިޖުމަތީގައި ބޭނުންކުރާނެ ހެލްމެޓުގެ ފެންވަރާއި ވައްތަރުތަކެއް ކަނޑައަޅާފައިވާކަމަށެވެ. އެއީ ދިވެހިން އާއްމުކޮށް ގޮސްއުޅޭ އަވަށްޓެރި ގައުމުތަކުގައި ވެސް ބޭނުންކުރާ ހެލްމެޓް ކަމަށާ، މިއުސޫލު ވަރަށް އަވަހަށް ޢާއްމުކުރާނެ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުމުގެ ހުއްދަ އޮންނަ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށްކަމަށެވެ.

ސިނަމާލެ ބްރިޖު މަތީގައި ހިނގާ އެކްސިޑެންޓުތައް އިތުރުވަމުން ދިޔުމާގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީން މިހާރުވަނީ އަންނަ މާޗުމަހުގެ 10ވަނަ ދުވަހުންފެށިގެން ބުރިޖު ހުރަސްކުރާއިރު ހެލްމެޓު އެޅުމަކީ މަޖުބޫރު ކަމެއްކަމަށް ކަނޑައަޅާފައެވެ.