ޚަބަރު

ބޯކޮށް ވާރޭވެހި ދެކުނުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ


ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެއެވެ.

ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ގދ.ތިނަދުއަށް މިއަދު ހެނދުނުންފެށިގެން ވެހެމުންދާ ވާރޭގެ ސަބަބުން ފެންބޮޑުވެ ރަށުގެ އުތުރު ފަރާތުގެ ގިނަ ގެތަކަކަށް ފެން ވަދެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ ތިނަދޫގެ 10 ގެއަކަށް ފެންވަދެފައިވާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. ގދ ތިނަދޫގެ އިތުރުން ލ ގަމުގެ 50 ގެއަކަށް ފެންވަދެފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ފެން ބޮޑުވެފައިވާ ރަށްތަކުގައި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފާއި ފުލުހުން ކުރަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކެނުގެ އަތޮޅުތަކުގެ މޫސުން ގޯސްވުމުގެ ސަބަބުން ދެކުނުގެ 7 އަތޮޅަކަށްވަނީ ޔެލޯ އެލަރޓް ނެރެފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއްވާގޮތުގައި ޔެލޯ އެލަރޓް ނެރެފައިވަނީ، މ، ފ، ދ، ތ، ލ، ގއ އަދި ގދ އަތޮޅަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއްވާގޮތުގައި ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑުގަދަ ވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.