ޚަބަރު

މާރުކޭޓުގެ ކުނީގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވެފައި


މާލޭގެ ދަތުރުވެރިންގެ މާރުކޭޓަށް ދިމާވެފައިވާ އެންމެބޮޑު އެއްމައްސަލައަކީ އެތަނުގައި އުފެދޭ ކުނި މެނޭޖުކުރުމުގެ މައްސަލައެވެ. ރައްކާތެރިގޮތުގައި ކުނި މެނޭޖު ނުކުރެވުމުގެ ސަބަބުން ތަނުގައި ކުނިގިނަވެ މާރުކޭޓުގައި ތަކެތި ވިއްކާ މީހުންނާއި ތަކެތި ގަންނަމީހުންނަށްވެސް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.

ވެރިރަށް މާލެއަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލައެވެ. މިމައްސަލަ ހައްލުކުރުމަށް ކުރައްވާފައިވާ މަސައްކަތްތަކުން ކޮންމެވެސްވަރެއްގެ ޙައްލެއް ލިބިފައިވީނަމަވެސް އަދިވެސް މާލޭގެ ބައެއް ސަރަޙައްދުތަކުގައި ކުނީގެ މައްސަލަ އޮތީ ކަންބޮޑުވާންޖެހޭ ދަރަޖައިގައެވެ.

މިފަދަ އެއް ސަރަހައްދަކީ މާލޭގައި ހުންނަ ދަތުރުވެރިންގެ މާރްކޭޓު ސަރަހައްދެވެ. މިސަރަހައްދަކީ ކޮންމެދުވަހަކު އެތަށްބަޔަކު ޚިދުމަތް ހޯދާ ތަނެކެވެ. އަތޮޅުތަކުގެ ރަށްރަށް ތަކެތި ފޮނުވުމަށާއި ތަރުކާތީއާއި މޭވާ ނުވަތަ ރާއްޖޭގައި އުފައްދާ އެކިބާވަތްތަކުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ގަތުމަށް ދަތުރުވެރިންގެ މާރުކޭޓަށް ގިނަބަޔަކު ދެއެވެ.

މިހާ ގިނަބަޔަކު ކޮންމެދުވަހަކު ޚިދުމަތް ހޯދާ މިސަރަހައްދުގެ ސާފުތާހިރުކަން އޮތީ ކަންބޮޑުވާންޖެހޭ ދަރަޖައިގައެވެ. މާރުކޭޓުގެ ގޮޅިތަކުން އުފެދޭ ކުނި އެޅުމަށް އެ ސަރަހައްދުގައި ވަކި ތަނެއް ވަނީ ކަނޑައަޅާފައެވެ. މިތަނަށް ކުނި އެޅުމުގައި މާރުކެޓުގެ ގޮޅިތަކުގެ ވެރިން ޢަމަލުކުރަމުންދަނީ އެންމެ އެކަށީގެންވާ ގޮތަކަށޭ ދެންނަވާހިތެއްނުވެއެވެ. އެގޮޅިއަށް ވަކި އުސޫލެއްގެ މަތިން ކުނިއެޅުމަށް އަންގާފައިވާއިރު މާރުކޭޓު ގޮޅިތަކުގައި މަސައްކަތްކުރާ މީހުންގެއިތުރަށް އެހެނިހެން ފަރާތްތަކުނެވެސް މިތަނަށް ކުނިއަޅަމުންދާކަން ފާހަގަކުރެވެއެވެ. މާރުކޭޓް ގޮޅިތަކުން ކުނިއެޅުމަށް ކަނޑައަޅާފައި އޮންނަ ސަރަހައްދަށް ކުނި އަޅަން ޖެހެނީ ޑަސްބިން ނުވަތަ ކޮތަޅު ނުވަތަ ގޯންނިފަދަ އެއްޗަކަށް އަޅައި ބަންދުކޮށްފައެވެ. އަދި އެގޮޅިއަށް މާރުކޭޓް ގޮޅިތަކުގައި އުފެދޭ ކުނިނޫން އެހެން ކުންޏެއް އެޅުމަކީ މަނާކަމެކެވެ.

ނަމަވެސް އަޅުގަނޑު އެތަނަށް ގޮސް ބާލާޅުމުން ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ރައްކާތެރިގޮތުގައި ބަންދުކުރުމުގެ ބަދަލުގައި ހާމަޔަށް ކުނިއަޅާފައިވާ މަންޒަރެވެ. މީގެ ތެރޭގައި ކަރުދާސް ފޮއްޓާއި ތަރުކާރިއާއި މޭވާގެ ކުނި ހިމެނެއެވެ. މިކަމުގެ ސަބަބުން އެސަރަހައްދުން ހިނގާ ޢާއްމުރައްޔިތުންނަށްވެސް އުނދަގުލާ ކުރިމަތިވަމުންދެއެވެ. ކޮންމެ ދުވަހަކު މިތަން ސާފުކުރިނަމަވެސް ކުނިވާ ބާވަތުގެތަކެތި ކުނިވެ ހަލާކުވެފައި ހުރުމުން މިސަރަހައްދުން ވަރަށްނުބައިވަސް ދުވައެވެ. މިކަމާ ގުޅޭގޮތުން މާރުކެޓުގައި މަސައްކަތް ކުރާފަރާޓްތަކުންވެސް ކަނބޮޑުވުން ފާޅުކުރެއެވެ.


މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މާލެސިޓީ ކައުންސިލްގެ މެމްބަރު އަޙްމަދު ޒަމީރު ވިދާޅުވީ މާރުކޭޓް ސަރަހައްދުގައި ކުނިއަޅަން ޚާއްސަކޮށްފައިވާ ތަންތަން ތަރައްޤީކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށާ ކުނި ނެގުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރައްވާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެސަރަހައްދުގައި ޑަސްޓްބިން ބަހައްޓައިގެން މިސައްކަތް ކުރައްވާނެކަމަށް ޒަމީރު ވިދާޅުވިއެވެ.

"ބާޒާރު މަތީގައި އުޅޭ ހުރިހާމީހުން އެތަނަށް ކުނިއަޅާ. ކުރިއަށް އޮތްތަނުގައި އެސަރަހަށްދުގައި ޑަސްޓްބިން ބަހައްޓައިގެން ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރާނަން. ދުވާލަކު އެއްފަހަރު އެތަން ވެމްކޯއިން މިހާރުވެސް އެތަން ސާފުކުރޭ." ޒަމީރު ވިދާޅުވިއެވެ.

މިގޮތަށް ޖެހުނުހާތާކަށް ހިތަށް އެރިހާގޮތަކަށް ހެދިފައިވާ އުސޫލްތަކާ ޚިލާފަށް ކުނިއުކަމުންދިއުމުން އެކަމުގެ ދުއްތުރާ ކުރިމަތިވަނީ ހަމަ ޢާއްމުރައްޔިތުނަށެވެ. ހަމަގައިމުވެސް ކުނީގެ މައްސަލައަކީ ކޮންމެ ފަރުދަކުވެސް ފަރުދީ ޒިންމާ އަދާކޮށްގެންނޫނީ ޙައްލުކުރެވޭނެ ކަމެއްނޫނެވެ. މިއީ އެންމެންގެ ޒިއްމާއެކެވެ.