ޚަބަރު

ސަރުކާރުގެ ބެލުމުގެ ދަށުގައިތިބޭ ޒުވާނުން ބާރުވެރިކުރުމަކީ ޤައުމު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް - ޝިދާތާ


ޒުވާނުން ބާރުވެރިކުރާއިރު، ސަރުކާރުގެ ބެލުމުގެ ދަށުގައިތިބޭ ޒުވާނުން ބާރުވެރިކުރުމަކީވެސް މި ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިދާތާ މިފަދައިން ވިދާޅުވީ، ސަރުކާރުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް އަނަންތަރަ މޯލްޑިވްސްގައި އިންޓަރންޝިޕް އަދާކުރެވޭނެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައަކަވަމުންނެވެ.

ސަރުކާރުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް "މައިނަރ ހޯޕް" ޕްރޮޖެކްޓްގެ ދަށުން އަނަންތަރާ މޯލްޑިވްސްގައި އިންޓަރންޝިޕްގެ ފުރުޞަތު ދިނުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ސޮއިކުރެއްވީ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފެވެ. އަދި އަންނަތަރަ މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އަނަންތަރަ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އެޑްރިއަން ސްޓޮކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޝިދާތާ ޝަރީފު ވިދާޅުވީ މިފަދަ އިންޓަރންޝިޕް ޕްރޮގްރާމްތަކަކީ، ސަރުކާރުގެ ބެލުމުގެ ދަށުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ވަރަށް މުހިންމު ޕްރޮގްރާމްތަކެއް ކަމަށެވެ. އެގޮތުން މިފަދަ ޕްރޮގްރާމްތަކުގެ ދަށުން އެކުދިން ބޭނުންވާ ދާއިރާތަކުން ކުރިއަށްދިއުމަށް މަގުފަހިވެގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ވަނީ، ޒުވާނުން ބާރުވެރިކުރާއިރު، ސަރުކާރުގެ ބެލުމުގެ ދަށުގައިތިބޭ ޒުވާނުން ބާރުވެރިކުރުމަކީވެސް މި ސަރުކާރުގެ މުހިންމު އަމާޒެއްކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވަނީ އަނަންތަރަފަދަ އަމިއްލަ ފަރާތަކުން މިފަދަ އިންޓަރންޝިޕް ޕްރޮގްރާމެއް ހިންގާތީ އެކަން ފާހަގަ ކުރައްވާފައެވެ.

"ރާއްޖޭގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީ އަދި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމުގައި ދިވެހި ޒުވާނުންގެ ދައުރު ވަރަށް ބޮޑު. މި ޕްރޮގްރާމްގެ ދަށުން ތަމުރީނުވާ ޒުވާނުންނަކީވެސް ޤައުމަށް ފައިދާހުރި ބަޔަކަށްވެގެންދާނެކަން ޔަޤީން. ޒުވާނުން ބާރުވެރިކުރާއިރު، ސަރުކާރުގެ ބެލުމުގެ ދަށުގައިތިބޭ ޒުވާނުން ބާރުވެރިކުރުމަކީވެސް އަޅުގަނޑުމެންގެ މުހިންމު އަމާޒެއް" މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަންތަރަ މޯލްޑިވްސްގެ ލަރނިންގް މެނޭޖަރ އަޙްމަދު ނަޝީދް ވިދާޅުވީ، މި އިންޓަރންޝިޕް ޕްރޮގްރާމްގެ ދަށުން މިފަހަރު ދެ ކުއްޖަކަށް ފުރުޞަތު ދީފައިވާކަމަށެވެ. އަދި މި ޕްރޮގްރާމުގެ ދަށުން މިހާރުވެސް އެއް ޒުވާނަކު އަނަންތަރަ ރިސޯޓެއްގައި ވަޒީފާ އަދާކުރަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"މިއީ 2017 ވަނަ އަހަރުން ފެށިގެން ވަރަށް ކާމިޔާބުކަމާއިއެކު ކުރިއަސްގެންދާ ސީއެސްއާރް ޕްރޮގްރާމެއް. އެގޮތުން މިހާރުވެސް މި ރިސޯޓުގައި މި ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިއެއް ވަޒީފާ އަދާކުރަމުންދިއުމަކީ މި ޕްރޮގްރާމްގެ ކާމިޔާބީ ހާމަވާކަމެއް. އަލަށް މި ޕްރޮގްރާމްއާއި ގުޅޭ ދަރިވަުންވެސް މި ރަނުގެ ފުރުސަތުގެ ބޭނުންހިފާ މިދާއިރާއިން ކުރިއަށްގޮސް ޤައުމަށް ފައިދާހިރ ދަރިންތަކަކަށް ހެދުމަކީ އަޅުގަނޑުމެންގެ އުންމީދު." އަހުމަދު ނަޝީދް ވިދާޅުވިއެވެ.

2017 ވަނަ އަހަރުންފެށިގެން މައިނަރ ހޮޓެލްސްއާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ބައިވެރިންނަށް އަނަންތަރައިގެ ރިސޯޓުތަކުގައި 3 މަސްދުވަހުގެ އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. "މައިނަރ ހޯޕް"އަކީ އަނަންތަރަ މޯލްޑިވްސްގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. އެގޮތުން މިއަހަރު މި ޕްރޮގްރާމްގައިވަނީ 2 ކުއްޖަކު ބައިވެރިކޮށްފައެވެ.