ސިޔާސީ

ތަފްސީލީ ރިޕޯޓް ލަސްވަމުންދަނީ ނަޝީދުގެ އެއްބާރުލުން ނުލިބިގެން-


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓް ފޯރުކޮށްދިނުން ލަސްވަމުންދަނީ ނަޝީދާއި، ނަޝީދުގެ ޤާނޫނީ ޓީމުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާތީ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.ކްރިމިނަލް ކޯޓުން ބުނީ އިސް ޤާޒީ އަބްދުއްﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގަ ނަޝީދުގެ މައްޗަށް ޓެރެރިޒަމްގެ ކުށުގެ ދައުވާ އެކޯޓުގައި އުފުލި ދުވަހުން ފެށިގެން ނަޝީދު ޝަރީއަތުގެ މަޖިލީހުގައި ދީފައިވާ ބަޔާންތަކުގައި ސޮއިކުރުމަށް އިންކާރު ކުރައްވަމުންދާ ކަމަށެވެ. އަދި ނަޝީދުގެ ޤާނޫނީ ޓީމުން ދީފައިވާ ބަޔާންތަކުގައި ސޮއިކުރުމަށް ތަކުރާރުކޮށް ފޯނުން ގުޅާ އެންގުމުންވެސް ސޮއިކުރުމަށް ހާޟިރުވެފައި ނުވާކަމަށާއި، ބަޔާންތަކުގައި ސޮއިކޮށްފައިވަނީ ކޯޓު އަމުރު ފޮނުވައިގެން އެކަމަށް އެންގުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.އެގޮތުން ޤާނޫނީ ޓީމުގެ ފަރާތުން ބަޔާންތަކުގައި ސޮއިކޮށްފައިވަނީ 18 މާރޗު ވީ ބުދަ ދުވަހު ކަމަށާއި، ޖެހިގެން އައިދުވަހު މައްސަލައިގެ ޚުލާސާ ރިޕޯޓް ފޯރުކޮށްދިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.ކްރިމިނަލް ކޯޓުން ބުނީ މައްސަލައިގެ ތަފްސީލީ ރިޕޯޓް މިހާރު ދޫނުކުރެވި ވަނީ ނަޝީދުއާއި މައްސަލައިގައި ހިމެނޭ އިތުރު މީހަކު ބަޔާނުގައި ސޮއިނުކޮށް އޮތުމުން ކަމަށެވެ.ނަޝީދުގެ ޤާނޫނީ ޓީމުންވަނީ ނަޝީދުގެ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓް ދިނުމުގައި ކްރިމިނަލް ކޯޓުން ލަސްކުރަމުންދާކަމަށް ބުނެ އެކަން ހައިކޯޓުގެ ސަމާލުކަމަށް ގެނެސްފައެވެ.ނަޝީދުގެ ޤާނޫނީ ޓީމުން ބުނީ ތަފްސީލީ ރިޕޯޓް ނެތި މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަނޭޅޭނަކަމަށެވެ.