ޚަބަރު

ބައިކް މޯލްޑިވްސްގެ ތިންވަނަ "އޮވަސީސް ބައިކް ޓުއަރ"އަށް ފުރައިފި


ބައިކް މޯލްޑިވްސްގެ ތިންވަނަ "އޮވަސީސް ބައިކް ޓުއަރ"އަށް ފުރައިފިއެވެ.

ބައިކް މޯލްޑިވްސް ޖަފްނާ ޓުއަރގެ ނަމުގައި ކުރިއަށްގެންސާ މި ޙަރަކާތަކީ އެ ޖަމްޢިއްޔާއިން މިހާތަނަށް ކުރިއަށްގެންދާ އެންމެ ދިގު ބައިސްކަލު ދުއްވުމުގެ ހަރަކާތެވެ.

ބައިކް މޯލްޑިވްސްގެ ތިންވަނަ "އޮވަސީސް ބައިކް ޓުއަރ"ގައި 15 ދިވެހިން ބައިވެރިވާކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. ހަތަރު ދުވަހަށް ދިގުދެމިގެންދާގޮތަށް ކުރިއަށްގެންދާ ޙަރަކާތުގައި ކޮންމެ ދުވަހަކު 70 އާއި 80 ކިލޯ މީޓަރާ ދެމެދުގެ ރާސްތާއެއްގައި ބައިސްކަލް ދުއްވުމަށް ހަމަޖެހިފައިވާކަމަށް ބައިކް މޯލްޑިވްސް އިން މަޢުލޫމާތުދެއެވެ. "ބައިކް މޯލްޑިވްސް ޖަފްނާ ޓުއަރ"ގެ ނަމުގައި ކުރިއަށްގެންދާ މި ޙަރަކާތުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ބައިސްކަލު ދުއްވައިގެން ސިއްޙީގޮތުންނާއި ތިމާވެއްޓަށް ފައިދާކުރުވުމެވެ.

މި ޙަރަކާތާ ގުޅޭ މަޢުލޫމާތު ދެއްވަމުން ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ޙަސަން ވިދާޅުވީ، މި ޙަރަކާތަކީ ސްރިލަންކާގެ މައި ލަންކަން ޑްރީމްސްއާއި ގުޅިގެން ކުރިއަށްގެންދާ ޙަރަކާތެއްކަމަށެވެ. އެގޮތުން ސްރިލަންކާގެ ނިގަންބޯއިން ޖަފްނާއަށް ކުރާ މި ދަތުރަކީ އެ ޖަމްޢިއްޔާއިން މިހާތަނަށް ކުރިއަށްގެންދާ އެންމެ ދިގު ދަތުރުކަމަށް އަސްމާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އިންޖީނުލީ އުޅަނދުތައް ދުއްވުން މަދުކޮށް، ތިމާވެއްޓާ ރަށްޓެހި ކަންކަމަށް ޢާއްމުން ހޭލުންތެރިކުރުވުން. އެގޮތުން މި ހަރަކާތުގެވެސް މައިގަނޑު އަމާޒަކަށްވާނީ އެއީ. އެގޮތުން މިހަރަކާތުގައި ހަތަރު ދުވަހަށް ދެމިގެންދާގޮތަށް ކޮންމެ ދުވަހަކު70 އާއި 80 ކިލޯ މީޓަރާ ދެމެދުގެ ރާސްތާއެއް ކަޑަތުކުރާނެ." އަސްމާ ވިދާޅުވިއެވެ.

ބައިކް މޯލްޑިވްސްއަކީ އިންޖީނުލީ އުޅަނދުތައް ދުއްވުން މަދުކޮށް، ތިމާވެއްޓާއި ރަށްޓެހި ކަންކަމަށް ޢާއްމުން ހޭލުންތެރިކުރުވުމުގައި ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވަމުން އަންނަ ޖަމްޢިއްޔާއެކެވެ. އެގޮތުން ބައިސްކަލް ދުއްވުމުގެ އާދަ ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމައްޓަކައި ބައިކް މޯލްޑިވްސްގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގެންދަނީ ގިނަ ހަރަކާތަތަކެއް ހިންގަމުންނެވެ.