ޚަބަރު

ވެޓެރިނަރީ ސަރވިސްގެ ދާއިރާއިން ސްކޮލަޝިޕަކަށް ކުރިމަތިލުމަށް ހުޅުވާލައިފި


ވެޓެރިނަރީ ސަރވިސް ނުވަތަ ޖަވާރަށް ފަރުވާ ދިނުމުގެ ދާއިރާއިން ފުލް ފަންޑެޑް ސްކޮލަޝިޕެއްގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހުޅުވާލައިފިއެވެ.

ފިޝަރީސް މިނިސްޓްރީން ކުރި އިޢުލާނުގައިވާގޮތުން އެ މިނިސްޓްރީން ހުޅުވާލާފައިވަނީ، ވެޓެރިނެރީ ސައިންސްގެ ބެޗެލަރ އޮފް ސައިންސްގެ ސްކޮލަޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތެވެ. ފިޝަރީސް މިނިސްޓްރީއާއި، ޔުނިވަރސަލް އެންޓަޕްރައިޒް ޕްރައިވެޓް ލިމިޓެޑް ގުޅިގެން ފަންޑުކުރުމަށް ހަމަޖެހިފައިވާ މި ސްކޮލަޝިޕަށް ހޮވޭ ފަރާތަކަށް އިންޑިއާ، ބްންގްލަދޭޝް، ސްރިލަންކާގެ މިޤައުމުތަކުގެ ތެރެއިން އެމީހަކު ކިޔަވަން ބޭނުން ޤައުމެއް އިޚްތިޔާރުކުރެވިދާނެކަމަށް އެ މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.

މި ސްކޮލަޝިޕްގައި ބައިވެރިވެވޭނީ ވެޓެނަރީ ދާއިރާގައި މަދުވެގެން އެއް އަހަރުގެ ތަޖުރިބާހުރި ފަރާތަކައްކަމަށް ފިޝަރީސް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 25ވަނަ ދުވަހުގެ ކުރިން ފިޝަރީސް މިނިސްޓްރީގެ ވެބްސައިޓްގައިވާ ސްކޮލަޝިޕް ފޯމް ފުރުމަށްފަހު އެ މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.

ޕެޓްގެ ގޮތުގައި އެކި ވައްތަރުގެ ޖަނަވާރު އޮޅުކޮށްގެން ގެންގުޅުމަކީ މިހާރު ދިވެހިންގެ ތެރޭގައިވެސް ވަރަށް ޢާއްމުކަމަކަށް ވެފައިވާއިރު، މިޖަނަވާރުތަކަށް ފަރުވާދިނުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ވިލިމާލޭގައި ވެޓެރިނަރީ ސަރވިސަސްގެ ނަމުގައި ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ހުޅުވާފައެވެ. އެހެންނަމަވެސް މި ކްލިނިކްގައި މަސައްކަތްކުރާނެ ޤާބިލު ނަރުހުންނާއި ޑޮކްޓަރުން ނެތުމަކީ މިހާރު މިކްލިނިކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ފިޝަރީސް މިނިސްޓްރީން ހުޅުވާލި، ސްކޮލަޝިޕްއަކީވެސް މިމައްސައަށް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅެއްކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.