ސިއްހަތު

އެޗް.ޕީ.ވީ ވެކްސިން ތަޢާރަފްކުރުމަކީ ކެންސަރުން ސަލާމަތްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް - ހެލްތް މިނިސްޓަރ


އެޗް.ޕީ.ވީ ވެކްސިން ތަޢާރަފްކުރުމަކީ ކެންސަރާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި މިހާތަނަށް އެންމެ ކުރިއަށް އެޅުނު ފިޔަވަޅުކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް އެޗް.ޕީ.ވީ ވެކްސިން ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ ކެންސަރަކީ ރާއްޖޭގައި ކަންބޮޑުވާ ދަރަޖައަށް އޮތް ބައްޔެއްކަމަށެވެ. އަދި ކެންސަރުބަލީގެ ވޭން އާބާދީގެ ގިނަ ބަޔަކު ތަހައްމަލުކުރަމުންދާއިރު އެކަމުން ރައްކާތެރިވުމަށްގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެހެންކަމުން އެޗް.ޕީ.ވީ ވެކްސިން ތަޢާރަފްކުރުމަކީ ކެންސަރުން ސަލާމަތްވުމަށްޓަކައި އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އާބާދީ ދުޅަހެޔޮވުމަށާއި، ކެންސަރުން ދުރުވެފައިވާ އާބާދީއަކަށް ހެދުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ.

"އުމުރުން 10 އަހަރާއި 14 އހަރުގެ އަންހެންދަރިންނަށް ވެކްސިން ދިނުމަކީ އެކަނބަލުންގެ ފަރާތުން އުފެދޭ އާބާދީއަކީ ކެންސަރުން ސަލާމަތްވުމަށް އެޅޭ މުހިއްމު ފިޔަވަޅެއް. ކެންސަރު ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި ހާސިލްކުރެވުނު ކާމިޔާބީއަކީ އެންމެންގެ އެއްބާރުލުން ލިބިގެން ކާމިޔާބުކުރެވޭނެކަމެއް" މިނިސްޓަރ ވިދާޅުވިއެވެ.

އެޗް.ޕީ.ވީ ވެކްސިނަކީ ފަސޭހައިން ލިބޭ ވެކްސިންއެއް ނޫންކަމަށާއި ކޮންމެ އަހަރަކު ދުނިޔޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް މި ވެކްސިން އުފެއްދުމަކީ އަދި ކުރެވޭކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވެކްސިން ލިބިފައިވާއިރު މި ވެކްސިންގެ ޒަރިއްޔާއިން އާބާދީގެ ބޮޑު ބަޔަކީ ކެންސަރުން ސަލާމަތްވެފައިވާ ބަޔަކަށް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.