ވިޔަފާރި

ސައުތު އެފްރިކާގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމް.އެމް.ޕީ.އާރު.ސީން ހަރަކާތްތަކެއް ފަށައިފި


ސައުތު އެފްރިކާގައި ދިވެހިރާއްޖެ އިތުރަށް ޕްރޮމޯޓު ކުރުމަށްޓަކައި އެމް.އެމް.ޕީ.އާރު.ސީން ރާވާފައިވާ ހަރަކާތްތައް ފަށައިފިއެވެ.

މިގޮތުން ފުރަތަމަ ކުރިއަށް ދަނީ " ޖާރނީ ޓު ދަ ސަނީ ސައިޑް" ގެ ނަމުގައި ކުރިއަށްގެންދާ ރޯޑްޝޯވއެކެވެ. މިސިލްސިލާގެ ފުރަތަމަ ރޯޑް ޝޯވ މިދިޔަ ހޯމަދުވަހު ފަށާފައިވާއިރު، މިހަރަކާތް ސައުތު އެފްރިކާގެ ޖޮހަނެސްބާރގް އަދި ކޭޕްޓައުން ގައި މިމަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ރޯޑް ޝޯގައި ރާއްޖެ އިސްތިހާރުކުރުމަށް ޓަކައި ސޯޝަލް މީޑިއާ ކެމްޕެއިންގެ އިތުރުން ދިވެހި ކާނާ ރަހަބެލުމުގެ ފުރުސަތާއި، ދިވެހި ރާއްޖޭގެ ރީތިކަން ވަރޗުއަލް ރިއަލިޓީ މެދުވެރިކޮށް ބަލާލުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދެވޭނެއެވެ. މި ޗުއްޓީ ދަތުރުތައް ސްޕޮންސާ ކޮށްފައިވަނީ ރޮބިންސަން ކްލަބް މޯލްޑިވްސް، ވިލާހޮޓެލްސް އަދި ކުރައުން އެންޑް ޗަންޕާ ހޮޓެލްސްއިންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ސައުތު އެފްރިކާ ރޯޑް ޝޯއަށް ފަހު އެމް.އެމް.ޕީ.އާރްސީއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ރާއްޖެ ތަމްސީލްކުރުމަށްޓަކައި ޑަބްލިއު.ޓީ.އެމް އެފްރިކާގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދެ ޙަރަކާތުގައި ސައުތު އެފްރިކާގެ އެންމެ މަޝްހޫރު އޮޕަރޭޓަރުންނާ ބައްދަލުކޮށް ފުޅާ ދާއިރާއެއްގައި ރާއްޖެ އިސްތިހާރު ކުރެވިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

2018 ވަނަ އަހަރު ސައުތު އެފްރިކާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތަކީ 9.9 ޕަސެންޓެވެ. ނަމަވެސް ސައުތު އެފްރިކާއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމާއެކު ސައުތު އެފްރިކާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނޭކަމަށް އެމް.އެމް.ޕީ.އާރު.ސީއާއި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދެކެއެވެ.