ކުޅިވަރު

ކުޅުނު ހުރިހާ މެޗަކުން ބަލިވެ، ފޭދޫ ސްކޫލު މުބާރާތުން ކަޓައިފި


ކުޅުނު ހުރިހާ މެޗަކުން ބަލިވެގެން ފޭދޫ ސްކޫލު މަމެން އައްޑޫ އިންޓަރ ސްކޫލު ފުޓުބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ބައިން ކަޓައިގެން ގޮސްފިއެވެ. މި މުބާރާތުގައި ފޭދޫ ސްކޫލުން ކުޅުނު އެންމެ ފަހު މެޗު ބައްދަލުކޮށްފައިވަނީ ހިތަދޫ ސްކޫލާއެވެ. މި މެޗުންވެސް ފޭދޫ ސްކޫލު ބަލިވީ އެއްވެސް ލަނޑެއްވެސް ނުޖެހިއެވެ. މި މެޗުގައި ހިތަދޫ ސްކޫލުން ވަނީ ފޭދޫ ސްކޫލުގެ ކޮޅަށް ހަތަރު ލަނޑު ޖަހާފައެވެ. މި މެޗުން ހިތަދޫ ސްކޫލު މޮޅުވި ނަމަވެސް އެ ސްކޫލުވެސް ވަނީ މުބާރާތުން ކަޓާފައެވެ. މުބާރާތުގައި ހިތަދޫ ސްކޫލަށް ލިބުނީ ހަތަރު ޕޮއިންޓެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ހިތަދޫ ސްކޫލުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އަލީ އާހިލްއެވެ. މެޗްގެ ދެވަނަ ލަނޑު ހުސެއިން ޒައިން ހަނީފު ކާމިޔާބު ކުރިއިރު ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ކާމިޔާބްކޮށްފައިވަނީ ހިތަދޫ ސްކޫލުގެ، އީމާން ނަޒީރެވެ.

މެޗަށްފަހު ޕީއެސްއެމްނިއުސްއާއި ވާހަކަދައްކަމުން ހިތަދޫ ސްކޫލްގެ ކޯޗް މުހައްމަދް ޝުއާއި ވިދާޅުވީ މުބާރާތުގައި އެ ޓީމު ކުޅުނީ ވަރަށް ބޮޑެތި އުނދަގޫތަކަކާއި އެކުގައި ކަމަށެވެ. އެގޮތުން އޭނާ ވަނީ މުބާރާތަށް ރަނގަޅަށް ހިތަދޫ ސްކޫލަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބުންކަން ފާހަގަކޮށްފައެވެ.

" މިޓީމް މުބާރާތުން އެއްކޮށް ކަޓައިގެން މިދިޔައީ. މިމުބާރާތުން މޮޅުވިޔަސް ބަލިވިޔަސް ދެން މުބާރާތުގައި ކުޅުމަށް އިތުރު ފުރުސަތެއްނެތް. 1 މަސް ތެރޭ މިގޮތަށް އައިސް ހަމަ ނުކުޅެތިބޭ ކުދިންތައް ގޮވައިގެން އައިސް އެއްމަސް ދުވަހުގެ ތެރޭގަ އަންނަވީމަ ވަރަށް ދަތިތަކަކާ ކުރިމަތިވޭ. އަޅުގަނޑުގެ އުންމީދަކީ މިއަންނަ އަހަރުވެސް އެފްއޭއެމްއާއި ވާހަކަ ދައްކައިގެން ސްކޫލާއިވެސް ވާހަކަދައްކައިގެން ދަނޑު ލިބޭ ގޮތައް ހިތަދޫ ސްކޫލަށް ހާއްސަކޮށް މިއަންނަ އަހަރު ކުރީބައިގަ ޕްރެކްޓތިސްކޮށް ތައްޔާރުވެގެން މުބާރާތާއި ކުރިމަތިލުން" ޝުޢާއު ބުންޏެވެ.

ފޭދޫ ސްކޫލްގެ ކޯޗް އަލީ ހަނީޒް ވިދާޅުވީ މުބާރާތުގެ އެހެން މެޗުތަކުންވެސް ބަލިވެފައި ހުރުމުން މި މެޗުގައި އެންމެ ބޮޑަށް އިސްކަން ދިނީ ފޭދޫ ސްކޫލުގެ ކޮޅަށް ލަނޑެއް ނުޖެހި ހިފަހައްޓާލެވޭތޯ ކަމަށެވެ. އޭނާ ވިދާޅުވީ މުބާރާތުގައި އެހެންޓީމުތަކުން ހޯދާފައިވާ ކާމިޔާބީތަކަކީ ދުރާލާ މުބާރާތަށް ތައްޔާރުވުމުގެ ނަތީޖާ ކަމަށެވެ.

"ޓީމް ކުރީގެ މެޗްތަކުން ބަލިވެފަހުރީ. އެހެންވީމަ މިއަދުގެ މެޗްގަ ބޮޑަށް އިސްކަންމިދިނީ ކުރީގެ މެޗްތަކުގައި ވަން ވަރަށް ގޯލްތައް ނުޖެހި ޓީމް މިއަށް ވުރެން ކުޅުން ރަގަޅުކޮށްގެން ކުރިއަށް ގެންދެވޭތޯ. މި އަތޮޅުގެ އެހެން ސްކޫލްތަކުން ހޯދާ ކާމިޔާބްތަކަކީ މުބާރާތްތަކަށް ދުރާލާ އެޓީމްތަކުން ޕްރެކްޓިސްކޮށްގެން އެޓިމް ތަކުން ނެރެފަހުރި ނަތީޖާތަކެއް. އެކަމް ފޭދު ސްކޫލްގެ ހާއްސަކޮށް 16 އަހަރުން ދަށުގެ ކުދިންނަށް މިހުންނަނީ މުބާރާތް ފެށެން ގާތްގަޑަކަށް ހަފްތާއެއް ވަރުވީމަ ޕްރެކްޓިސް ފަށައިގަންނަން. އޭގެ އިތުރުން ބައެއް މުހިންމު ކުޅުންތެރިންވެސް މިމުބާރާތުގެ ތެރެއިން އެހެނިހެން ކުދި މުބާރާތްތަކަށް ރިލީޒް ދިނުމުން ހަމަ އެކުޅުން ތެރިންވެސް ޕްރެކްޓިސްތަކުގަ ބައިވެރިނުވެ، އެކުޅުންތެރިންނުލާ ކުޅުމުގެ ނަތީޖާ ކަންނޭގެ މިފެނުނީ" ހަނީޒް ބުންޏެވެ.

މި މުބާރާތުގައި މާދަމާވެސް މި އުމުރު ފުރައިގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާގެ މެޗުގައި ކުޅުމަށް ހަމަޖެހިފައިވަނީ އިރުޝާދިއްޔާ ސްކޫލާއި ސ. އަތޮޅު މަދަރުސާއެވެ.