ވިޔަފާރި

ގްރީން ޓެކްސް - ކ.އަތޮޅުން 29 މިލިއަން ރުފިޔާ، މ. އަތޮޅުން 368 ރުފިޔާ


އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނީ ކ.އަތޮޅުންކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 83.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ގްރީން ޓެކްސްއަކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ބޮލަކަށް ދުވާލަކަށް 3 ޑޮލަރުގެ ރޭޓުން ނަގާ ޓެކްސްއެކެވެ.

ގްރީން ޓެކްސްގެ ގޮތުގައި އޭޕްރީލްމަހު 83.6 މިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވަނީ މާލެ ނުހިމެނޭ ގޮތަށް ކ.އަތޮޅުންނެވެ. ކ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި އޭޕްރީލްމަހު ދައުލަތަށް 29.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ދެވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ އދ. އަތޮޅުންނެވެ. އދ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި 9.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 3 ވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ 7.8 މިލިއަން ރުފިޔާއާއެކު ބ.އަތޮޅުންނެވެ.

އެންމެ މަދުން ގްރީން ޓެކްސް ލިބުނު އަތޮޅުތަކަކީ މ. އަތޮޅާއި، ފ.އަތޮޅު އަދި ފުވައްމުލައް ސިޓީއެވެ. ފ. އަތޮޅަށް އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ އަށާވީސް ހާސް އަށް ސަތޭކަ ރުފިޔާއެވެ. ފުވައްމުލައް ސިޓީއަށް ލިބުނީ ހަތް ހާސް އަށް ސަތޭކަ ރުފިޔާއެވެ. އެންމެ މަދުން ގްރީން ޓެކްސް ލިބުނު މ. އަތޮޅަށް އޭޕްރީމްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ އެންމެ 368 ރުފިޔާއެވެ.

އެހެން އަތޮޅުތަކަށް ބަލާލާއިރު، އއ.އަތޮޅުން 6.4 މިލިއަން ރުފިޔާ، ޅ. އަތޮޅުން 5.1 މިލިއަން ރުފިޔާ، ރ. އަތޮޅުން 4.86 މިލިއަން ރުފިޔާ، ދ. އަތޮޅުން 4.81 މިލިއަން ރުފިޔާ އަދި ނ. އަތޮޅުން 3.4 މިލިއަން ރުފިޔާ އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވެއެވެ. ހއ، ވ، ގއ، ގދ، މާލެ ސިޓީ އަދި އައްޑޫ ސިޓީއަށް ގްރީން ޓެކްސްގެ ގޮތުގައި އޭޕްރީލްމަހު ލިބިފައިވަނީ 1 މިލިއަނާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަށް 83.6 މިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރުގެ މޭމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި ވަނީ 354.7 މިލިއަން ރުފިޔާ ލިބިފައެވެ. އަދި މިއަހަރު ގްރީން ޓެކްސްގެ ގޮތުގައި ޖުމްލަ 892.7 މިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން ލަފާކުރެއެވެ.