ތިމާވެށި

ލ.މާމެންދޫގައި 4 އަހަރުވެފައި ހުރި ނައްތާ ނުލެވޭ ޒާތުގެ ކުނި ރަށުން ބޭރުކުރަންފަށައިފި


ހަތަރު އަހަރަށްފަހު ލ.މާމެންދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އެއްކޮށްފައިހުރި، ނައްތާ ނުލެވޭ ޒާތުގެ ކުނި އެރަށުން ބޭރުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެރަށު ކައުންސިލްގެ ނައިބްރައީސް ހުސައިން ހަބީބު ވިދާޅުވީ 2015ވަނަ އަހަރުންފެށިގެން މިއަދާހަމަޔަށްއައިރު ޕްލާސްޓިކާއި ދަގަނޑުގެ ކުނިތައް ހުރިލެއް ގިނަކަމަށެވެ. އަދި މި ބާވަތުގެ ކުނިތައް ރަށުން ބޭރުނުކޮށް ނައްތައޮނުލެވިފައި ހުރުމުގެ ސަބަބުން އެތަކެތީގައި ފެންހަރުލައި މަދިރިއާލާވެ ޑެންގީފަދަ ބަލިތައް އިތުރުވެގެން ދިޔަކަމަށެވެ.

އަދި އެކަން ކަމާބޭހޭ ފަރާތްތަކުގެ ސަމާލުކަމަށްގެނެސް މިހާރު ރަށުން އެތަކެތި ގެންދިޔުމުގެ މަސައްކަތް ފަށާފައިވާކަމަސްވެސް އޭނާ ވިދާޅުވިއެވެ. މިގޮތުން ޕްލާސްޓިކާއި ދަގަނޑު ހިމެނޭހެން 400 ޓަނުގެ ކުނި ހުރިކަމަށް ހަބީބު ވިދާޅުވިއެވެ. މާމެންދޫއިން ކުނި ބެރުކުރުމުގެ މަސައްކަތް ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހެލްތް މިނިސްޓްރީއާއި އެރަށު ކައުންސިލްގެ އިތުރުން ސިކްސް ސެންސަސް ލާމުގެ އެހީތެރިކަމާއެކުއެވެ.

2015ވަނަ އަހަރުން ފެށިގެން އެރަށު ކައުންސިލުން ގެންދަނީ ގޭގެއިން ކުނި ނަގައިގެން ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންގޮސް ދަގަނޑާއި ޕްލާސްޓިކް ފިޔަވައި އެހެނިހެން ކުނި ނައްތާލުމުގެ މަސައްކަތްކުރަމުންނެވެ. ކައުންސިލުން ކުރިއަށްގެންދާ ޕްރޮޖެކްޓްއަކީ ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޔޫއެންޑީޕީގެ އެހީގައި ކުރިއަށްގެންދިޔަ ލޯ އެމިޝަން ކްލައިމެޓް ރެސީލިއަންޓް ޑިވެލޮޕްމަންޓް، ލެކްރެޑް ޕްރޮގްރާމުގައި ބައިވެރިވެ، އެއިން ލިބުނު ފަންޑާއި ކައުންސިލްގެ ޢާމްދަނީން ބޮޑުބައެއް ޚަރަދުކޮށްގެން ރަށުގެ އެންމެ އިރުމަތީ ފަރާތުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކޮށް ކުރަން ފަށާފައިވާ މަސައްކަތެކެވެ.

އެރަށުގައި އާއްމު އުސޫލުން ކުނިއުކުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނަނީ މަހަކު ކޮންމެ ގޭބިސީއަކުން 100 ރުފިޔާ ، މުއައްސަސާއަކުން 200 އެހެނިހެން ތަންތަނުން 100 ރުފިޔާއަށެވެ. މީގެ އިތުރުން ވަކި ދަތުރެއް ކުރާނަމަ 100 ރުފިޔާ ނަގާކަމަށް މާމެންދޫ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

ގާތްގަނޑަކަށް 900 އެއްހައި މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ މާމެންދޫގައި ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 1.5 ކިލޯގެ 2 ލޮރީ ފުރާ ކުނި ނެގޭކަމަށް މާމެންދޫ ކައުންސިލުން ވިދާޅުވެއެވެ.
މީގެއިތުރުން ކުނިވާ ޒާތުގެ ކުންޏާއި، ފަތްކުނި ބޭނުންކޮށްގެން ގަސްކާނާ އުފައްދައި އެއިން ކައުންސިލަށް ޢާމްދަނީ ހޯދުމުގެ މަސައްކަތްވެސް މާމެންދޫ ކައުންސިލުން ދަނީ ކުރަމުންނެވެ.