އަމީނިއްޔާ ސްކޫލުގެ ބައެއް ކްލާސްތަކަށް ހިސާބު ޓީޗަރަކު ނެތި، ހަމަސް ވެފައިވާކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ހަޤީގަތާ ޚިލާފު ޚަބަރެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ އަމީނިއްޔާ ސްކޫލްގެ ގްރޭޑް ނުވަޔަކަށް ކިޔަވައިދޭ ހިސާބު ޓީޗަރު އިސްތިއުފާ ދިނުމާ ގުޅިގެން އޯގަސްޓްމަހުގެ ފުރަތަމަ ހަފްތާގައި އެ މަޤާމަށް ދާއިމީ ޓީޗަރެއް ހަމަޖައްސާފައިވާނެކަމަށެވެ. އެހެންކަމުން އަމީނިއްޔާ ސްކޫލުގެ ހިސާބު ޓީޗަރަކު ނެތިގެން ގުރޭޑް 9ގެ ބައެއް ކުލާސްތައް ފަޅުކޮށް އޮންނަތާ ހަމަސް ވެއްޖެކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރަކީ ހަޤީގަތެއްނޫންކަމަށް އެނޫސްބަޔާނުގައިވެއެވެ.
އަމީނިއްޔާ ސުކޫލްގައި ހިސާބު ކިޔަވައިދެއްވަމުން ގެންދިޔަ ދިވެހި ޓީޗަރު ޖޫން މަހުގެ މެދުތެރޭގައި އިސްތިއުފާދެއްވުމާ ގުޅިގެން ހަމަ އެދުވަހު ޓީޗަރަކު ހޯދުމަށް އިޢުލާންކުރިކަމަށާ، އަދި އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި އެ މަޤާމަށް ދާއިމީ ޓީޗަރަކު ހަމަޖައްސާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ޓީޗަރަކު ހޯދުމަށް ހޭދަވި މުއްދަތުގެ ތެރޭގައި އެކުލާސްތަކުގެ ގަޑިތައް ހަމަޖެހިފައިވާ އުޞޫލުން އެހެން ޓީޗަރުން ބޭނުންކޮށްގެން ގަޑިނެގުމުގެ އިތުރުން އެކުލާސްތަކަށް އިތުރުގަޑިތައްވެސް ސުކޫލުން ނަގާދީފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.