ކުޅިވަރު

ވޮލީގެ ނަމޫނާ ކުޅުންތެރިއެއް، ލޯންގޭގެ ޚިދުމަތަށް ޝުކުރާއި ތަޢުރީފް ހައްޤު!


ރާއްޖޭގެ ޤައުމީ ވޮލީ ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަޙުމަދު އަބްދުލްކަރީމް (ލޯންގޭ) ޤައުމީ ކުރިއަށް އޮތް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށްފަހު ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފިއެވެ. ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ދިވެހި ފަސްގަނޑުގައި ކުޅުނު ފަހު މެޗުގައި ލޯންގޭއަށް ޝަރަފްވެރިކަމާއިއެކު ރިޓަޔާކުރުމުގެ ފުރުސަތު ވޮލީބޯޅަ އެސޯސިއޭޝަނުންވަނީ ދީފައެވެ.

ދިވެހިރާއްޖެއާއި ޤައުމީ ވޮލީބޯޅަ ޓީމާއި ސްރީލަންކާގެ ޤައުމީ ވޮލީބޯޅަ ޓީމް މިރޭ ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު ލޯންގޭ ޤައުމީ ޓީމަށް ކޮށްދިން ޚީދުމަތުގެ އަގުވަޒަންކޮށް އޭނާއަށްވަނީ ހަނދާނީ ފިލައެއް ދީފައެވެ. މި ފިލާ ލޯންގޭއަށް ހަވާލްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހެވެ. މީގެ އިތުރުން ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ލޯންގޭ ބޭނުންކުރި ޖަރޒީގައި ރައީސް ސާލިހުވަނީ ސޮއިކޮށްދެއްވާފައެވެ.

އަޙުމަދު އަބްދުލްކަރީމް ވޮލީ ފެށީ މާލޭ އިންގްލިޝް ސުކޫލުގައި ތައުލީމް ހަސީލުކުރަން އުޅުނުއިރު 2001 ވަނަ އަހަރުގައެވެ. އޭނާގެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަކީ 2004 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ސާފް ގޭމްސްއެވެ. އެ މުބާރާތުގައި އޭނާ ޤައުމީ ޓީމުން ޖާގަ ހޯދިގޮތަށް މިހާތަނަށް ބައިނަލްއަގްވާމީ މުބާރާތެއްގެ ޤައުމީ ސްކޮޑުން އޭނާ ބާކީވެފައެއް ނުވެއެވެ. އަހުމަދު އަބްދުލް ކަރީމް ގައުމީ ޓީމަށް މެދުނުކެނޑި 17 އަހަރު ކުޅެފައިއެވެ. މިވަގުތު ދިވެހި ވޮލީ ޓީމުގައި ހުރި އެންމެ ސީނިއަރ އަދި ހިދުމަތުގެ ގޮތުން ވެސް އެންމެ ދޮށީ ކުޅުންތެރިޔަކީ ވެސް ލޯންގޭއެވެ.

އަޙުމަދު އަބްދުލް ކަރީމް ވަނީ ގައުމީ ޓީމަށް ކުޅެ ޓީމާއިއެކު 2 ފަހަރު ރިހި މެޑަލް އަދި 2 ފަހަރު ބުރޯންޒް މެޑަލް ހޯދާފައެވެ. މީއީ މިހާތަނަށް ރާއްޖޭގެ ގައުމީ ވޮލީ ޓީމަށް ވެސް ހޯދުނު އެންމެ މަތީ ކާމިޔާބީތަކަވެ. އޭނާ ވަނީ ހަވީރުން ހޮވި ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ އެވޯޑް 2 ފަހަރު ހޯދާ 4 ފަހަރެއްގެ މަތިން އެ އެވޯޑަށް ވާދަކޮށްފައެވެ. މޯލްޑިވިސް ނެޝެނަލް ޑިފެންސް ފޯސްގައި ވަޒީފާ އަދާކުރާ އަހުމަދު އަބްދުލް ކަރީމްވަނީ އެތައް މުބާރާތެއްގައި އެންމެ މޮޅު ބްލޮކަރުގެ މަގާމާއި ، އެންމެ މޮޅު ސާވާރގެ މަގާމާއި ، އެންމެ މޮޅު ސްޕައިކަރުގެ އިތުރުން ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް އެތައް ފަހަރަކު ހޯދާފައިއެވެ.

މިހާތަނަށް ރާއްޖޭގެ ވޮލީބޯޅަ ޓީމުގެ ކެޕްޓަންކަން 2 ފަހަރެއްގެ މަތިން އޭނާވަނީ ކޮށްފައެވެ. ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ޓީމްގެ ކެޕްޓަންކަންވެސް ކޮށްފައިވަނީ ލޯންގޭއެވެ. އަދި ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމްވެސްވަނީ 2018ވަނަ އަހަރު އޭނާއަށްވަނީ ލިބިފައެވެ.

މިއަހަރަށްފަހު އެންމެންގެ ލޯންގޭ ބައިނަލަގްވާމީ ވޮލީ ކުޅުން ހުއްޓާލުމަކީ ހަމަ ޔަގީނުންވެސް ޤައުމީ ޓީމާއި ދިވެހި ސަޕޯޓަރުންނަށް ލިބޭނެ ހިތާމައަކަށްވާނެއެވެ. ޤައުމީ ޖަރޒީގައި މެދުނުކެނޑި އަހުމަދު އަބްދުލްކަރީމް ކޮށްދިނީ އަގު ނުކުރެވޭ ހިދުމަތެކެވެ. ކުޅިވަރު އަޚުލާގުގެ ރީތި މިސާލެއް ދެއްކި ކުޅުންތެރިޔާއަކީ ރާއްޖޭގައި ވޮލީއަށް ލިބުނު އަގުހުރި ޖަވާހިރެކެވެ.