ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޖަރުމަނުގެ 100 ޓުއަރ އޮޕަރޭޓަރުން ރާއްޖެ އައިސްފިއެވެ. މިމީހުން ރާއްޖެ ގެނެސްފައިވަނީ އަދާރަން ރިސޯޓްސްއާއި، އެފްޓީއައި ގުރޫޕް ގުޅިގެންނެވެ.
ޖަރުމަނުގެ 100 ޓުއަރ އޮޕަރޭޓަރުން ރާއްޖެ ގެނެސްފައިވަނީ އެމީހުންނަށް ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަން ތަޖުރިބާކުރުމުގެ ފުރުޞަތުދީ އެމީހުން މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން ޖަރުމަނުގައި އިޝްތިހާރުކުރުމުގެ ބޭނުމުގައެވެ.
މިދަތުރު ފެށީ އަދާރަން ސެލެކްޓް ހުދުރަންފުށީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފަތުރުވެރިން އެންމެ ފުރަތަމަވެސް ތަނަކަށް ދަތުރުކުރަން ބޭނުންވާނަމަ ދާނީ ޓުއަރ އޮޕަރޭޓަރުންގެ ގާތަށްކަމަށެވެ. އެހެންކަމުން ރާއްޖެއަކީ އަމާން ތަނެއްކަން ފަތުރުވެރިންނަށް ބުނެދިނުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖެއަކީ އަގުބޮޑު މަންޒިލެއްގެ ގޮތުގައި ޤަބޫލުކުރާ ކުރުމަކީ ރަނގަޅުގޮތް ނޫންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، މިއަދު ރާއްޖެއަކީ ކޮންމެ ފަންތިއެއްގެ ފަތުރުވެރިއަކަށްވެސް ޒިޔާރަތްކުރެވޭނެ މަންޒިލެއްކަމަށެވެ. އަދި ޔޫރަޕަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު މާކެޓެއްކަންވެސް ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
އަދާރަން ރިސޯޓްސްއިން އިސްނަގައިގެން ޖަރުމަނުގެ 100 ޓުއަރ އޮޕަރޭޓަރުން ރާއްޖެ ގެނެސްފައިވާއިރު މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ހިންގާ ފުރަތަމަ ހަރަކާތްކަމަށް އެ ރިސޯޓުން ބުނެއެވެ. މި ދަތުރުގައި ޔޫރަޕްގެ ޓުއަރ އޮޕަރޭޓަރުން އަދާރަންގެ އެކި ރިސޯޓްތަކަށް ޒިޔާރަތްކުރާނެއެވެ. އަދި ރާއްޖޭގެ ރިސޯޓުތަކުގައި ފަތުރުވެރިން ކުރާ ތަޖުރިބާތައް ކުރާނެއެވެ. މީގެއިތުރުން މޫދުކުޅިވަރާއި، ދިވެހިންގެ ސަޤާފަތާއި ދިރިއުޅުން ތަޖުރިބާކޮށްލުމަށް މީހުން ދިރިއުޅޭ ރަށްރަށައްވެސް ޒިޔާރަތްކުރާނެއެވެ.
މި ދަތުރުގައި ބައިވެރިވި ބައެއް ޓުއަރ އޮޕަރޭޓަރުން ވަނީ އެމީހުންގެ އިޙްސާސްތައް ހިއްސާކޮށްފައެވެ. އެމީހުން ވަނީ ރާއްޖޭގެ ރީތިކަން ފާހަގަކޮށް އެމީހުން އެނބުރި ޤައުމަށްގޮސް ރާއްޖޭގެ ރީތިވާހަކަ އެހެން މީހުންގެ ކައިރީގައިވެސް ދައްކާނެކަން ފާހަގަކޮށްފައެވެ.
މި ޓީމް ރާއްޖޭގައި މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ތިބޭނެއެވެ. މިއީ އަދާރަން ރިސޯޓްސްއާއި، އެފްޓީއައި ގުރޫޕް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ޖަރުމަނުގައި އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. އެފްޓީއައި ގުރޫޕަކީ ޖަރުމަނުގެ އެންމެ ބޮޑު ޓުއަރ އޮޕަރޭޓަރ ގުރޫޕެވެ. އަދި މިއީ ޔޫރަޕްގައި 4 ވަނައަށް އެންމެ ބޮޑު ޓުއަރ އޮޕަރޭޓަރ ގުރޫޕެވެ.
މިއަހަރުގެ މިހާތަނަށް ބަލާއިރު ޖަރުމަނު ވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މިއަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި ޖަރުމަނުވިލާތުން ރާއްޖެ ހަތްދިހަ އެއްހާސް ހަތަރުސަތޭކަ ހަތްދިހަ ނުވަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ %7.2 އެވެ.