ރިޕޯޓް

އާއިލީ މައްސަލަތަކަށް، އާއިލާއާ ބެހޭ އައު ޤާނޫނެއް ބޭނުންވޭ


ރާއްޖޭގައި އާއިލީ މައްސަލަތައް އޮތީ ފުނިޖެހިފައެވެ. އާއިލީ ގިނަ މައްސަލަތަކަށް އިންސާފު ހޯދުމަށް އެކި އިދާރާތަކަށް ދާ މީހުން ގިނަވެފައިވާއިރު އާއިލީ އަދުލު ނިޒާމް އޮތީ ރަނގަޅަށްތޯ މިއީ ކުރިމަތިކުރުވާ އެއް ސުވާލެކެވެ.

އާއިލީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމާ ބެހޭ މަހާސިންތާއެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވިގެން ދިޔައިރު އެ މަހާސިންތާގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވެސް އެއްބަސްވެވޭ އެއް ކަމެއް އެބަ އޮތެވެ. އެއީ މީގެ ނަވާރަ އަހަރު ކުރިން ވުޖޫދަށް އައި އާއިލާ އާ ބެހޭ ގާނޫނަށް އިސްލާހްތަކެއް ގެނަން ޖެހޭކަމެވެ.

ޢާއިލީ މައްސަލަތައް ބައްލަވާ ފަނޑިޔާރުންނާއި އެ ފަދަ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލުންނާއި ކަމާ ގުޅުންހުރި އިދާރާތަކުގެ އިތުރުން ބައެއް މަދަނީ ޖަމްޢިއްޔާ ތަކަށް ވެސް މިއަދު އެއްބަސްވެވެނީ އާއިލީ އަދުލު ނިޒާމަށް މިހާރު އަމަލު ކުރަމުންދާ އާއިލާ ބެހޭ ޤާނޫނު ނުފުދޭ ކަމެވެ. ނުވަތަ މިހާރު އަމަލު ކުރަން ޖެހޭ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނާން ޖެހޭ ކަމެވެ.

އާއިލާ އާ ބެހޭ ކޯޓަށް މީހުން ދަނީ ހަމަ އެކަނި ކައިވެނިކޮށް، ވަރިކުރަން ކަމަށް ބައެއް މީހުން ދެކެއެވެ. އެހެން ނޫނީ މަދުން ނަމަވެސް އެ ކޯޓުތަކަށް ހުށައަޅަނީ ހަޞާނާތުގެ މައްސަލައެއް ކަމަށްވެސް ބައެއް މީހުން ހީވެފައި އޮވެދާނެއެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަތަކަށް އައި ބަދަލާއެކު އާއިލީ މައްސަލަތައް ވެސް ވަނީ ތަފާތުވެފައެވެ. އާއިލާއާ ބެހޭ ގާނޫނުގައި ސަމާލުކަން ދީފައިވާ މިންވަރަށްވުރެ ބޮޑަށް އާ މައްސަލަތައް ފެންމަތިވެ އިންސާފަށް އެދޭ ފަރާތްތައްވެސް ވަނީ ގިނަވެފައެވެ.

މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުން ނުބަލައި މަގުމައްޗަށް ދޫކޮށްލުމާއި އެމީހުންނާމެދު އިހްމާލުވާ މައްސަލަތައް އިތުރުވެފައިވާއިރު އެފަދައިން އަމަލުކުރާ ފަރާތްތަކުގެ މައްޗަށް އަދަބުތަކެއް ކަނޑައެޅެންޖެހެއެވެ. މައިންބަފައިން ނެތި ދަރިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭއިރު އެކަންކަމަށްވެސް އިންސާފު ހޯދުމަށް ޤާނޫނަށް އިސްލާހްތަކެއް ބޭނުންވެއެވެ.

ޤާނޫނަށް ބަދަލުތަކެއް ގެނެވިގެން ނޫނީ އާ މައްސަލަތަކަށް ހައްލު ހޯދުމަށް ދަތިތަކެއް ހުރިކަން ގިނަ ބަޔަކު މިއަދު ޤާބޫލުކުރެއެވެ.

"އާއިލާތައް ރޫޅި ބަލާނެ ބަޔަކު ނެތި މައުސޫމް ކުދިންތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވެނީ އަޅުގަނޑުމެންގެ ލޯމަތީގައި. ހަޞާނާތުގެ މައްސަލަތަކަށް އަވަސް ހައްލު ނުލިބުމުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދަދިނުމަށް މައިންބަފައިން ދައުލަތުގެ އެކި އިދާރާތަކުގެ ދޮރުގައި ޓަކި ޖަހަމުން ދާކަން އެނގޭ. މި ދަފަ ކޮންމެ ކަމެއް ދަލީލު ކޮށްދެނީ އާއިލީ އަދުލު ނިޒާމް ބަދަލުވާން ޖެހޭކަން. ޒަމާނުުގެ ބޭނުމަށް އެ ނިޒާމް ނުފެތޭކަން." ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަބްދުﷲ ނަޒީރު ވިދާޅުވިއެވެ.

އާއިލާއާ ބެހޭ ޤާނޫނެއް ވޫޖޫދަށް ގެންނައިރު، އާއިލީ މައްސަލަތަކަކީ މީހުންގެ ޒާތީ ދިރިއުޅުމާ ގުޅޭ ކަންކަމަށްވާތީ އާއިލީ އަދުލުގެ ނިޒާމްގައި އަމަލު ކުރަން ޖެހޭނެ ގޮތް ޤާނޫނުގައި ބަޔާންކުރުމަކީ މުހިންމު ކަމެކެވެ.

ޖިނާއީ މައްސަލަތަކަށް ދޭ އަހަމިއްޔަތުކަން ވަކީލުންނާއި ޤާނޫނު ހަދާ ފަރާތްތަކުގެ މެދުގައި ކުޑަ ނަމަވެސް އާއިލީ މައްސަލަތަކަކީ ބޭރުފުށަށް ނުފެނުނު ނަމަވެސް ގިނަ މައްސަލަތަކެވެ.