ޚަބަރު

ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުންގެ ތަފްސީލް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހާމަކުރާނަން - ސުޢޫދު


ޑރ.އަފްރާޝީމްގެ މަރުގެ މައްސަލާގައި ހިމެނޭ މީހުންގެ ތަފްސީލް ކުރިއަށްއޮތް ހަފްތާހެއްހާ ދުވަހުގެ ތެރޭގައި ހާމަކުރައްވާނެކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ޙުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުޢޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޑރ.އަފްރާޝީމް މަރާލި މީހުންނާއި އެކަން ރޭވި މީހުންގެ ތަފްސީލް ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހާމަކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

ޑރ.އަފްރާޝީމަށް އިންސާފު ހޯދައި ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ޑރ.އަފްރާޝީމާއި ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ފަހަތުގައި ވެސް ތިބީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް ކަމަށް މަރުތަކުގެ މައްސަލަ ތަޙްޤީޤުކުރުމަށް ރައީސް އުފެއްދެވި ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 2ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު، އޭނާ ދިރިއުޅުއްވާ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ.

ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގައި ޝާމިލުވާ މީހުންގެ ތަފްސީލް ހާމަކުރައްވަނެކަން ކޮމިޝަނުން ހާމކުރައްވާފައިވާއިރު ރަހީނުކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި ތަޙްޤީޤަށްފަހު އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އަދި ނުފޮނުވާކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ރިޟްވާން މަރާލާފައިވާ މައްސަލައިގައި ބައެއް މީހުންގެ މައްޗަށް ދައުވާކުރުމަށް މިދިޔަ ހަފްތާގައި ޕީޖީ އޮފީހަށް ފޮނުއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރުމަށް މިހާތަނަށް ނުފޮނުވި އޮތީ ކީއްވެގެންކަމެއް މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟުވާނުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުގެ ހުރިހާ މަސައްކަތެއް ނިންމާ ރިޕޯޓް އެކުލަވާލައްވާފައިވާކަމަށެވެ. އަދި އެ މައްސަލާގައި ދައުވާކުރަންޖެހޭ ފަރާތްތަކަށް ދައުވާ ކުރެވޭ ވަރަށް ހެކިވެސް ލިބިފައިވާ ކަމަށެވެ.

ރިޞްވާންގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރައްވާފައެވެ. އެރިޕޯޓުގައި ރިޟްވާން މަރާލުމުގައި ބައިވެރިވި ފަރާތްތަކާއި އެކަމުގައި އެހީތެރިވި ފަރާތްތަކުގެ މަޢުލޫމާތު ވަނީ ހިމަނާފައެވެ. ރިޟުވާންގެ މަރުގެ މައްސަލާގައި މާލެއާއި އައްޑޫސިޓީގެ ބައެއް ތަންތަނާއި، ކަނޑުމަތިން ބައެއް އުޅަނދުތައް ބަލާފާސްކޮށްފައިވާތީ އެކަމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ރިޞްވާންގެ މަރުގެ މައްސަލާގައި ދައުވާ ސާބިތުކުރެވޭނެ އިތުރު ހެކި ހޯދިފައިވާކަމަށެވެ.