ޚަބަރު

ރިލްވާންގެ މަރުގެ މައްސަލައިގައި ހިމެނޭ ދެ މީހުން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި


ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ސީރިޔާއަށްގޮސް މަރުވެފައިވާ ކަމަށް ދެއްކުމަށްޓަކައި، އޭނާގެ ޕާސްޕޯޓުގެ ކޮޕީއެއް އިމިގްރޭޝަނުން ހޯދުމަށް މަސައްކަތްކުރި އިންޓެލިޖެންސްގެ ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ މުޙައްމަދު ޖިނާޙާއި އިބްރާހީމް ރިފްޢަތުގެ ނަމަކަށް ކިޔާ އެ ދެ މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ރިލްވާންގެ ޕާސްޕޯޓް ހެއްދުމަށް މަސައްކަތްކުރި މައްސަލައެއްގައި ނޫނެވެ. ސީޕީ ވިދާޅުވީ އެ ދެ ފުލުހުން ވަކިކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ފައިސާތަކެއް އެމީހުނަށް ލިބުނު މައްސަލަ ބެލުމަށް ޑިސިޕްލިނަރީ ކޮމެޓީން އެ ދެމީހުން ވަކިކުރަން ނިންމުންނެވެ.

ސީޕީ ހަމީދު ވިދާޅުވި ގޮތުގައި އެ ދެ މީހުން ފުލުހުންގެ ވަޒީފާގައި ތިބެ އަދީބުގެ އަތުން ފައިސާ ނެގީ 2017 ވަނަ އަހަރު އެވެ.

ރިލްވާން ރާއްޖެ އިން ބޭރަށް ފުރިކަން ދައްކަން ޕާސްޕޯޓެއް ހައްދަން ބައިވެރިވި ކަމުގެ ތުހްމަތުގައި ދެ މީހުން ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ވެސް ނިންމި އެވެ. ނަމަވެސް އޭގެ ކުރިން އަދީބުގެ އަތުން ފައިސާ ނެގި މައްސަލައިގައި އެ ފުލުހުން ވަނީ ވަކިކޮށްފައި އެވެ.

އެ ދެ ފުލުހުން ވަކި ކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.