ޚަބަރު

އެޗްއާރުސީއެމްގެ މެމްބަރުކަމުން މޫސަ ވަކިކުރުމުގެ މަސައްކަތް ފަށައިފި


ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމުން މޫސާ ޢަލީ ކަލޭފާނު ވަކިކުރުމުގެ މަސައްކަތް ފަށާ އެކަން މަޖިލީހުގެ ރައީސަށް އެންގުމަށް ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ނިންމައިފިއެވެ.

އެޗްއާރުސީއެމްގެ މެމްބަރު މޫސާ އަލީގެ ކަލޭގެފާނުގެ މައްޗަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ކޮރަޕްޝަން ތުހުމަތަކެއް ވަނީ ކުރެވިފައެވެ.

މި މައްސަލާގައި ގޮތެއް ނިންމުމަށް ކޮމެޓީން މިރޭ ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމެޓީގެ މެމްބަރުންވަނީ މޫސާ އަލީގެ ކަލޭގެފާނުގެ މައްޗަށް ކޮރަޕްޝަން ތުތުމަތުތަކެއް ކުރެވޭއިރު އޭނާ މިނިވަން މުއްސަތގިއްލު ކޮމިޝަނެއްގެ މެމްބަރުކަމުގެ މަޤާމުގައި ހުރުމަކީ އެ ކޮމިޝަނެއްގެ މުސްތަގިއްލުކަމާއި، ނަޒާހާތްތެރިކަން ގެއްލޭނެކަމެއްކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން މޫސާ އަލީގެ ކަލޭގެފާނު އެޗްއާރުސީއެމްގެ މެމްބަރުކަމުން ވަކިކުރުމުގެ މަސައްކަތް ފަށާ އެކަން މަޖިލީހުގެ ރިޔާސަތަށް އެންގުމަށް ކޮމެޓީންގެ އަޤްލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އެޗްއާރުސީގެ މެމްބަރުކަމަށް އައްޔަންކުމުގެ ކުރިން ކޮމިޓީގައި ކުރެވުނު ސުވާލުތަކަށް ޖަވާބުދެއްވަމުން ކޮރަޕްޝަން ތުހުމަތުތަކެއް އުފުލި އެކަން ބެލިކަމަށް މޫސާ އަލީގެ ކަލޭގެފާނު އިއުތިރާފުވެވަޑައިގެންފައިވާކަމަށެވެ.

އަދި އެމައްސަލާގައި 7 ދުވަހަށް ބަންދު ކޮށްފައިވާކަމަށާއި، އިންޓަރވިއު ކުރި އިރު އެ މައްސަލަ އޮތީ ޕީޖީ އޮފީހުގައިކަމަށް މޫސާ އަލީގެ ކަލޭގެފާނު ކޮމެޓީގައި އޭރު ވިދާޅުވިކަމަށްވެސް އިމްތިޔާޒު ވިދާޅުވިއެވެ. އެހެންނަމަވެސް ޖިނާއީ ބޮޑު ތުހުމަތެއް މޫސާ އަލީގެ ކަލޭގެފާނުގެ މައްޗަށް އުފުލާފައިވަނިކޮށްވެސް އޭރުގެ މަޖިލީހުން މޫސާ އަލީގެ ކަލޭގެފާނު އެޗްއާރސީއެމްގެ މެމްބަރުކަމަށް އައްޔަންކޮށްފައިވާކަމަށްވެސް އިމްތިޔާޒު ވިދާޅުވިއެވެ.

މި މައްސަލާގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްވަނީ މީ އެނގި ތިބެ އަށާރަވަނަ މަޖިލީހުގައި އޭރުގެ ސަރުކާރަށް ލިބިފައިވާ މެޖޯރިޓީގެ ބޭނުންކޮށްގެން ހިންގާފައިވާ ޖަރީމާއެއްކަމަށް ސިފަކުރައްވާފައެވެ.

މޫސާ އަލީގެ ކަލޭގެފާނު ވަކިކުރުމާއި ދެކޮޅު ހެއްދެވި ހަމައެކަނި މެމްބަރަކީ ދަގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމެވެ. ނާޒިމް ވިދާޅުވީ ކުށެއްގެ ތުހުމަތުކުރެވުމަކީ އަދަބު ދޭންޖެހޭކަމެއް ނޫންކަމަށެވެ. އަދި ތުހުމަތުން ބަރީއަވުމަށް ވަކި މުއްދަތެއް ދިނުމަށް ފެންނަކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި ކޮމިޓީގެ މެމްބަރުންވަނީ ޖިނާޢީ ބޮޑު ތުހުމަތެއް ކުރެވޭ މޫސާ ޢަލީ ކަލޭފާނު ވަކިކުރުމަކީ މިވަގުތު އެންމެ ރަގަޅު ގޮތްކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ކޮމިޝަންތަކަކީ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި ނަޒާހާތްތެރި މެމްބަރުންތަކެއް ހިމެނޭ ތަންތަނަށް ވާންޖެހޭއިރު މިލިޔަނުން މިލިޔަނުން ޙިޔާނާތުގެ ތުހުމަތު ކުރެވޭ އެއްވެސް މީހަކު ކޮމިޝަނެއްގައި އިނުމަކީ ރަގަޅު ގޮތް ނޫންކަމަށްވެސް މެމްބަރުންވަނީ ވިދާޅުވެފައެވެ.

މޫސާ އަލީ ކަލޭގެފާނު އެޗްއާރުސީއެމްގެ މެންބަރެއްގެ ގޮތުގައި އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި، 2015 ވަނަ އަހަރުއެވެ. އޭނާގެ މައްޗަށް ކުރެވޭ 24 މިލިޔަން ރުފިޔާގެ ތުހުމަތަކީ 2007އިން 2010އަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމުގައި ހުންނެވި ދުވަސްވަރު ކުރެވުނު ތުހުމަތެކެވެ.