ޚަބަރު

ފްލެޓަށް އެދުނު ފާރާތްތަކުގެ ފޯމުތަކުގެ މަސައްކަތް ޑިސެމްބަރުމަހު ނިމޭނެ - މިނިސްޓަރ އާޠިފާ


ހިޔާ މަޝްރޫއުގެ ފްލެޓަށް އެދުނު ފާރާތްތަކުގެ ފޯމްތަކުގެ މަސައްކަތް ޑިސެމްބަރުމަހުގެ ފުރަތަމަ ހަފްތާތެރޭ ނިންމުމަށްޓަކައި މަސައްކަތްކުރަމުންދާކަމަށް ހައުސިން މިނިސްޓަރ އާމިނަތު އާޠިފާ ވިދާޅުވެއްޖެއެވެ.

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އާޠިފާ ވިދާޅުވީ ކުރި ސަރުކާރުން ފެށި ހިޔާ މަޝްރޫއުގައި، ފްލެޓަށް އެދި ހުށައެޅުމަށް ފުރުޞަތު ހުޅުވާލުމުން އެފޯމްތައް ބަލައިގެންފައިވަނީ އެއްވެސް އުޞޫލެއްގެ މަތިން ނޫންކަމަށެވެ. އަދި ގިނަ ކެޓަގަރީތަކަކަށް ބަހާލައިގެން އެމަސައްކަތް ކުރިއަށްގެންގޮސްފައިހުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިވި ނަމަވެސް މިނިސްޓްރީގެ ފަންނީ އެހީތެރިކަމާއެކު ކެޓަގަރީތަކުގެ ހައުސިން ސްޓޭޓަސް ދެނަގަތުމަށް މަސައްކަތްކުރަމުންދަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހިޔާ މަޝްރޫއުގައި ހަތް ހާސް ފްލެޓް ނެތްކަމަށާއި އެތަނުގައި ހުރީ ހަ ހާސް އަށް ސަތޭކަ އަށްދިހަ ހައުސިން ޔުނިޓްކަމަށް. އަދި ހައުސިން ޔުނިޓްތައް ލިބޭނެ ފަރާތްތައް އެނގިގެންދާނީ ކެޓަގަރީތައް ތަރުތީބުވގެން އައީމަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތައް ދޭނެ ފަރާތްތައް ކުރިން އިއުލާނުކޮށްފައިވީ ނަމަވެސް މި ސަރުކާރުން ވަނީ ފްލެޓުތައް ހައްގު ނޫން ބަޔަކަށް ދިންކަމަށް ބުނެ އާންމުފަރާތްތަކުން ކުރާ ޝަކުވާއާ ގުޅިގެން ފްލެޓުތަކުގެ ކަންކަން ބެލުމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލާއި އެ މައްސަލަ ދަނީ ބަލަމުންނެވެ.
ހިޔާ މަޝްރޫޢުއަކީ ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވާހީގައި ފެށި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ހަތް ހާސް ހައުސިންގ ޔުނިޓު އެޅުމަށް ވަނީ ނިންމާފައެވެ. އެއީ ފަންސަވީސް ބުރީގެ ސޯޅަ ޓަވަރެވެ.

އާ ސަރުކާރުން މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަށްފަހު، ފްލެޓްތަކުގެ ޑިޒައިނަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަކުރެއްވި. އާ ސަރުކާރުން ފްލެޓްތަކަށް ގެންނަން ނިންމި ބަދަލުތަކަށް ބަލާއިރު ފްލެޓްތަކުގެ އެންމެ ތިރި ޚާއްޞަކުރަން ނިންމާފައިވަނީ ކޮމާރޝަލް ބޭނުންތަކަށެވެ. އަދި ކުރީގެ ސަރުކާރުން މިފްލެޓުތަކުގައި 2 ކޮޓަރިއާއި 3 ކޮޓަރި އަދި 4 ކޮޓަރީގެ އެޕާޓްމަންޓްތައް ޢިމާރާތްކުރުމަށް ނިންމާފައިވީނަމަވެސް މިސަރުކާރުންވަނީ އެއީ ހަމައެކަނި 2 ކޮޓަރީގެ ތަންތަނުގެ ގޮތުގައި ހަމަޖައްސާ އެޕާޓްމަންޓުތަކަށްވެސް ވަނީ ބަދަލުގެނެސްފައެވެ.

މީގެ އިތުރުން ކުރީގެ ސަރުކާރުން އެޕާޓްމަންޓުތަކުގެ ފިނިޝިންގއަށް ޚަރަދުވާނެ މިންވަރު ނުހިމަނާ ފްލެޓްތަކުގެ އަގުތައް ކަނޑައަޅާފައިވާތީ، ފިނިޝިންގގެ މަސައްކަތަށް އިތުރު 42 މިލިއަން ޑޮލަރު ޚަރަދުކުރަންޖެހޭކަމަށް އެޗްޑީސީން ބުނެއެވެ. އަދި މީގެ ސަބަބުން ފްލެޓްތަކުގެ އަގަށްވެސް ބަދަލުގެންނަން ޖެހޭކަން އެޗްޑީސީން ވަނީ ފާހަގަކުރައްވާފައެވެ.