އަމިއްލައަށް ޚަލީފާކަމަށް އިސްވި އަބޫބަކުރު އަލްބަޣްދާދީއަކީ އެމެރިކާއާއި އެ ޤައުމުގެ އަސްކަރީ ބައިވެރިން އެންމެ ބޮޑަށް ހޯދަން ބޭނުންވި މީހާއެވެ. އެގޮތުން އޭނާ ހޯދާދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކަށް ފަންސަވީސް މިލިއަން އެމެރިކާ ޑޮލަރު އެމެރިކާއިން ހުށަހަޅާފައިވެއެވެ. އޭނާ ހޯދުމަށް އެމެރިކާއާއި އެ ޤައުމުގެ އަސްކަރީ ބައިވެރިން ބުރަ އަދި އަގުބޮޑު މަސައްކަތްތަކެއް މެދުނުކެނޑި ފަސް އަހަރު ދުވަހު ކުރިއެވެ.
އަލްބަޣްދާދީގެ އައިއެސް ޖަމާޢަތުގެ އެންމެ ބާރުގަދަ ދުވަސްވަރު އެ ޖަމާޢަތުން އިރުމަތީ ޢިރާޤާއި ހުޅަނގު ސޫރިޔާގެ އަށްޑިހަހާސް އަކަކިލޯމީޓަރުގެ ސަރަޙަދެއްގައި ޙަރަކާތްތެރިވިއެވެ. އަށް މިލިއަން މީހުންގެ މައްޗަށް އަނިޔާވެރިކަންމަތީ ވެރިކަންކުރިއެވެ. އަދި މީހުން ވަގަށް ނަގައިގެންނާއި ލޫޓުވައިގެންނާއި ތެލުގެ ވަގު ވިޔަފާރިން އެތައް ބިލިއަން އެމެރިކާ ޑޮލަރެއްގެ ޢާންމުދަނީއެއް އެ ޖަމާޢަތުން ހޯދިއެވެ.
އިންތިހާއަށް ބާރުގަދަ އެ ޖަމާޢަތުގެ ބާނީ އަދި އެންމެ އިސްވެރިޔާ އަލްބަޣްދާދީ މިހާރުވަނީ މަރާލެވިފައެވެ. ފާއިތުވި ފަސް އަހަރު އޭނާ އުޅުނީ ފިލައިގެންނެވެ. ދެ ދުވަހަކު އެއްތަނަކު ނުހުރެއެވެ. އޭނާއަށް ވަފާތެރި މަދު މީސްކޮޅަކާއެކު އެކި ސަރަޙައްދުތަކުގައި ދަތުރުކުރިއެވެ. އޭނާ ހޯދުމަށް އުނދަގޫވީ އެހެންވެއެވެ. ނަމަވެސް، އޭނާގެ މަރަކީ ހަނގުރާމައަށް ފަރިތަ އަދި ހަރުކަށި އުޞޫލުތަކަށް ތަބާވެގެން އުޅޭ އައިއެސް ހަނގުރާމަވެރިންގެ ބާރު މުޅިން ކެނޑުނުކަން އެނގޭނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަންހިނގާ ގޮތަކުންނެވެ. މީގެ ފަސް އަހަރު ކުރިން ޢިރާޤާއި ސޫރިޔާގެ ބޮޑު ސަރަޙައްދެއްގައި ކަޅު ދިދިތައް ވިހުރުވާލި ނުރައްކާތެރި ޖަމާޢަތުގެ ބާރުގެ ދަށުގައި މިއަދު އެއްވެސް ސަރަޙައްދެއް ނެތެވެ. އެ ޖަމާޢަތުގެ ހަނގުރާމަވެރިންވަނީ ވިއްސިވިހާލިވެފައެވެ. އަދި އެ މީހުންގެ ޚަލީފާކަމަށް ބަލާ އަލްބަޣްދާދީވަނީ މަރުވެފައެވެ.
އަލްބަޣްދާދީގެ އަސްލު ނަމަކީ އިބްރާހީމް އައްވާދު އިބްރާހީމް އަލްބަދްރީއެވެ. އަބޫބަކުރު އަލްބަޣްދާދީއަކީ އޭނާ ޚަލީފާކަމަށް އަމިއްލައަށް އިސްވެ، އިޚްތިޔާރުކުރި ނަމެވެ. އޭނާ އުފަންވީ 1971ވަނަ އަހަރު ޢިރާޤުގެ ސަމާރާގައި ދިރިއުޅުނު ދީންވެރި ސުންނީ މުސްލިމް އާޢިލާއަކަށެވެ. ބުނެވޭ ގޮތުގައި އޭނާގެ އާޢިލާއަކީ ޤުރައިޝް ވަންހައާއި ގުޅިފައިވާ އާޢިލާއެކެވެ. އަމިއްލައަށް ޚަލީފާކަމަށް ދަޢުވާކުރުމުން، ގިނަ ބަޔަކު އެކަމަށް އިޖާބަދީ އޭނާގެ ރަޙުމަތްނެތް ހަނގުރާމައިގައި ބައިވެރިވީ އެހެންވެކަމަށް ބެލެވެއެވެ.
އަލްބަޣްދާދީއަކީ ކުޑައިރު ވަރަށް ދީންވެރިކޮށް އުޅުނު މީހެއްކަމަށް އެ ދުވަސްވަރު އޭނާ އުޅުނު ގޮތް ދަންނަ މީހުން ބުނެއެވެ. އެގޮތުން، ގިނަ ވަގުތު މިސްކިތުގައި ޤުރުޢާން ކިޔަވަން އޭނަ އިންނަކަމަށްވެއެވެ. އަދި އިސްލާމީ ޝަރީޢަތަށް ޚިލާފުވާ މީހުންނަށް އަދަބު ދޭކަމަށްވެސްވެއެވެ. އޭނާއަށް ތާޢީދުކުރާ މީހުން ލިޔެފައިވާ ފޮތްތަކުގައިވާ ގޮތުގައި 1990ގެ އަހަރުތަކުގައި މަތީ ތަޢުލީމި ޙާސިލުކުރުމަށް އޭނާ ޢިރާޤުގެ ވެރިރަށް ބަޣްދާދަށް ދިޔައެވެ. އަދި އޭނާ އިސްލާމީ ޢިލްމުން މާސްޓާސް ޑިގްރީއެއް ފުރިހަމަކުރުމަށްފަހު، އޭނާ ދިޔައީ އިސްލާމިކް ޔުނިވަސިޓީ އޮފް ބަޣްދާދުން ޕީއެޗްޑީއަށް ކިޔަވަމުންނެވެ. ނަމަވެސް، ޕީއެޗްޑީ ނިންމި ކަމެއް ކަށަވަރެއް ނުވެއެވެ. ބަޣްދާދުގައި އޭނާ އުޅުނު ދުވަސްވަރު އޭނާ ދަންނަ މީހުން ކިޔާދީފައިވާ ގޮތުގައި އޭނާއަކީ ބަސްމަދު މަޑުމައިތިރި މީހެކެވެ. ގިނައިން ޤުރުޢާން ކިޔަވާ ފުޓުބޯޅަ ކުޅޭ މީހެކެވެ. ދީންވެރި މަޑުމައިތިރިކަމަށް ލޯބިކުރާ މީހަކު ފަހުގެ ތާރީޚުގައި ޢަރަބިކަރައަށް ފާޅުވި އެންމެ އަނިޔާވެރި މީހާއަށް ބަދަލުވީ ކީއްވެބާއެވެ؟
2003ވަނަ އެމެރިކާ ސިފައިން ޢިރާޤަށް އަރާ ސައްދާމް ޙުސައިންގެ ވެރިކަން ބަދަލުކުރުމުން، އެ ޤައުމުގައި ތަފާތު ހަނގުރާމަވެރި ޖަމާޢަތްތައް އުފެދުނެވެ. އެ ދުވަސްވަރު އަލްބަޣްދާދީވެސް އެފަދަ ހަނގުރާމަވެރި ޖަމާޢަތެއް އުފެއްދިއެވެ. އޭނާއަކީ އެ ޖަމާޢަތުގެ ޝަރީޢަތު ކޮމިޓީގެ އެންމެ އިސްވެރިޔާއެއްވެ. މި ޖަމާޢަތުން އެމެރިކާ ސިފައިންނަށް ޙަމަލާތައް ދެމުންދިޔައެވެ.
2004ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤުގެ ފަލޫޖާއިން އަލްބަޣްދާދީ ހައްޔަރުކޮށް، ހަނގުރާމަވެރިން ބައިތިއްބާ މަރުކަޒެއްގައި އޭނާ ބަންދުކުރިއެވެ. މި މަރުކަޒުވެގެން ދިޔައީ ޓެރަރިސްޓުންގެ ޖަގަހައަކަށެވެ. އެ މަރުކަޒުގައި އަލްބަޣްދާދީއާ ޙިޔާލު އެއްގޮތް ގިނަ ބަޔަކާ ބައްދަލުވެ، ގުޅުން ބަދަހިވިއެވެ. އެ މަރުކަޒުގައި އިމާމުވެ ނަމާދުކުރުމުގެ އިތުރުން، އެ މަރުކަޒުގައި އެމެރިކާ ސިފައިންނާ ބަނދުގައި ތިބޭ މީހުންގެ މެދުގައި ޖެހޭ މައްސަލަތައް އަލްބަޣްދާދީ ޙައްލުކޮށްދޭކަމަށްވެއެވެ. އެމެރިކާއިން އޭރު ޤަބޫލުކުރި ގޮތުގައި އަލްބަޣްދާދީއަކީ އެހާ މުޙިއްމު މީހެއް ނޫނެވެ. އެމެރިކާއިން އޭރު އޭނާ ސިފަކޮށްފައި އޮތީ މަގުމަތީގައި އުޅޭ ތާކުންތާކު ނުޖެހޭ މީހެއް ގޮތުގައެވެ. މިކަން މިހާރު އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންގެ ވެރިން ކަށަވަރުކޮށްދެއެވެ. އެ މަރުކަޒުގައި 10 މަސް ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްފަހު، އެމެރިކާ ސިފައިން އޭނާ މިނިވަން ކުރިއެވެ.
މިނިވަންވުމާއެކު ޢިރާޤުގައި ޙަރަކާތްތެރިވާ އަލްޤައިދާއާ އޭނާއާ ދެމެދު ގުޅުން ބަދަހިވިއެވެ. އަބޫ މުއްޞަބު އަލްޒަރްޤާވީގެ އިރުޝާދުގެ ދަށުން ޢިރާޤުގައި ތިބި އެމެރިކާ ސިފައިންނާ ދެކޮޅަށް އެ ޖަމާޢަތުން ވަރުގަދަ ޙަމަލާތަކެއް ދިނެވެ. މި ޙަމަލާތަކުގައި ކުށެއްނެތް ޢާންމުންގެ އެތައް ބަޔަކުވެސް މަރުވިއެވެ. އަލްބަޣްދާދީ ބައިޢަތު ހިފީ އެ ޖަމާޢަތުގެ ދަށުން އުފައްދާފައިވާ މުޖާހިދީން ޝޫރާ ކައުންސިލަށެވެ. އަލްބަޣްދާދީގެ އިތުރުން އޭނާއާއެކު ޙަރަކާތްތެރިވާ ގިނަ ހަނގުރާމަވެރިންތަކެއް މި ޖަމާޢަތާ ގުޅުނެވެ. މިކަމެއް ހިނގީ 2006ވަނަ އަހަރުގެ ކުރީ ކޮޅުގައެވެ. މިއީ ޓެރަރިސްޓް ޖަމާޢަތެއްގެ ކުރީ ސަފުގައި އަލްބަޣްދާދީއަށް ފައިހަމަކޮށްލަން ލިބުނު ރަނުގެ ފުރުޞަތަކަށްވިއެވެ.
2006ވަނަ އަހަރުގެ ފަހުކޮޅު އެމެރިކާ ސިފައިން ދިން ޙަމަލާތަކެއްގައި އަލްޒަރްޤާވީ މަރުވުމުން، އެ ޖަމާޢަތުގެ ނަން އައިއެސްއައިއަށް ބަދަލުކުރިއެވެ. އަދި އެ ހިސާބުން އެ ޖަމާޢަތުގައި އަލްބަޣްދާދީގެ ބާރު ގަދަކުރިއެވެ. އެގޮތުން، އެ ޖަމާޢަތުގެ ޝަރިޢަތު ކޮމިޓީ ހިންގުމާއި ޝޫރާ މަޖިލިހުގެ މަޤާމުތައް ފުރުން ހިމެނެއެވެ. އައިއެސްއައި އޭރު ދިޔައީ ޢިރާޤުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި ލޭއޮހޮރުވުންތައް ހިންގަމުންނެވެ.
2010ވަނަ އަހަރު މުޅި މަންޒަރު ބަދަލުވިއެވެ. އެމެރިކާގެ އަސްކަރީ ޙަމަލާތަކުގެ ސަބަބުން އައިއެސްއައިއަށް ބޮޑެތި ގެއްލުންތަކެއްވަމުންދިޔައެވެ. އެ ޖަމާޢަތުގެ ގިނަ ހަނގުރާމަވެރިންތަކެއް މަރުވަމުންދިޔައެވެ. އެފަދަ ވަރުގަދަ ޙަމަލާއެއްގައި އެ ޖަމާޢަތުގެ އެންމެ އިސްވެރިޔާ އަބޫ ޢުމަރު އަލްބަޣްދާދީއާއި އޭނާގެ ނައިބު އަބޫ އައްޔޫބު އަލްމަސްރީ މަރުވިއެވެ. އެހިސާބުން އަބޫބަކުރު އަލްބަޣްދާދީއަށް އެ ޖަމާޢަތް ވާރުތަވިއެވެ. އޭރު އެ ޖަމާޢަތް އޮތީ ވަރަށް ބޮޑަށް ބަލިކަށިވެއެވެ. ވަރުގަދަ އަސްކަރީ ޙަރަކާތަކާ ކުރިމަތިލެވޭނެ ފެންވަރެއް އެ ޖަމާޢަތަކު ނެތެވެ. ނަމަވެސް، ސައްދާމް ޙުސައިންގެ ވެރިކަމުގައި ޢިރާޤުގެ އަސްކަރިއްޔާގައި މަސައްކަތްކުރި އިސްވެރިންގެ އެހީތެރިކަމާއި އެމެރިކާ ސިފައިން އޭނާ ބަންދުކުރި މަރުކަޒުން ދިމާވި މީހުންގެ އިރުޝާދުގެ ދަށުން، އަލްބަޣްދާދީ އައިއެސްއައި އަލުން އިންތިޒާމުކުރިއެވެ.
2013ވަނަ އަހަރުގެ ކުރީކޮޅު އައިއެސްއައި ޖަމާޢަތްވެފައިވަނީ އަނެއްކާވެސް ނުރައްކާތެރި އަދި ބާރުގަދަ ޖަމާޢަތެކެވެ. ޢިރާޤުގައި ވަރުގަދަ ޙަމަލާތަކެއް ދެމުން ދިޔައެވެ. އަދި އަލްބަޣްދާދީވަނީ އަވަށްޓެރި ސޫރިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ އަލްނުޞްރާ ފްރަންޓަށް އެހީތެރިވުމަށް ސަރަޙައްދީ ރޮނގު ހުރަސްކޮށް، ހަނގުރާމަވެރިން ފޮނުވާފައެވެ. އަލްނުޞްރާ ފްރަންޓަކީ ސޫރިޔާގައި ޙަރަކާތްތެރިވާ އަލްޤައިދާގެ ގޮތްޕެވެ. އައިއެސްއައިގެ ޙަރަކާތްތައް ސޫރިޔާއަށް ފުޅާކުރުމުން އެ ޖަމާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނެވެ. އެގޮތުން، ގިނަ ޢަދަދެއްގެ ފައިސާއާއި ހަތިޔާރު އެ ޖަމާޢަތަށް ލިބުނެވެ. އެ ޖަމާޢަތާ ގުޅެމުންދިޔަ ހަނގުރާމަވެރިންގެ ޢަދަދު އިތުރުވިއެވެ. މީގެ ތެރޭގައި އޭޝިޔާއާއި ވިލާތުގެ ޤައުމުތަކުން އެ ޖަމާޢަތާ ގުޅުނު އެތައް ހާސް ހަނގުރާމަވެރިންނެއް ހިމެނެއެވެ.
2013ވަނަ އަހަރުގެ އޭޕްރިލް މަހު ޢިރާޤާއި ސޫރިޔާގައި ޙަރަކާތްތެރިވާ އަލްބަޣްދާދީގެ ހަނގުރާމަވެރިން އެއްކޮށްލުމަށް އައިއެސް ޖަމާޢަތް ރަސްމީކޮށް އުފެއްދިއެވެ. ސޫރިޔާގައި ތިބި އަލްޤައިދާ އަދި އަލްނުޞްރާ ފްރަންޓުގެ ހަނގުރާމަވެރިން އަލްބަޣްދާދީގެ މި ނިންމުން ޤަބޫލެއް ނުކުރިއެވެ. ނަމަވެސް، ސޫރިޔާގައި ތިބި އަލްބަޣްދާދީއަށް ތާޢީދުކުރާ ހަނގުރާމަވެރިންގެ މަދަދާއެކު ޢިރާޤާއި ސޫރިޔާގެ ބޮޑު ބައެއް އޭނާގެ ބާރުގެ ދަށަށް ގެނައެވެ.
2013ވަނަ އަހަރުގެ ފަހުކޮޅު އަނެއްކާވެސް އަލްބަޣްދާދީގެ ވިސްނުން ހުއްޓުނީ ޢިރާޤަށެވެ. އޭރު އެ ޤައުމު އޮތީ ސިޔާސީ ވާދަވެރިކަމާއި ކޯޅުންގަނޑެއްގެ ތެރޭގައެވެ. އެކަމުގެ ފައިދާ ނަގާ އައިއެސް ޖަމާޢަތުގެ ބާރުގެ ދަށަށް ފަލޫޖާ ގެނެއެވެ. އަދި ވަރުގަދަ ކުއްލި ޙަމަލާތަކަކަށްފަހު މޫސުލް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނައުމަށްފަހު، ޢިރާޤުގެ ވެރިރަށް ބަޣްދާދު ހިފަން މިސްރާބު ޖެހިއެވެ. ނަމަވެސް، އަލްބަޣްދާދީގެ ބާރުގެ ދަށަށް ބަޣްދާދެއް ނުދެއެވެ. މި ހަނގުރާމަތަކުގައި ބޮޑެތި ލޭއޮހޮރުވުންތައް ކުރިއަށް ގެންދިޔައެވެ. އަދި ޙާއްސަކޮށް، ބައިމަދު މީހުންނާއި އެހެން ދީންތަކުގެ މީހުންނަށް އަމާޒުކޮށް، އަނިޔާވެރި ޙަމަލާތަކެއް ދީފައިވެއެވެ. މި ޙަމަލާތަކުގެ ސަބަބުން، މުޅި ދުނިޔެއަށް އައިއެސް ޖަމާޢަތުގެ ނުރައްކާތެރިކަން އިޙްސާސްވިއެވެ. އައިއެސްއާ ދެކޮޅަށް ތެދުވަންޖެހިއްޖެކަން ޤަބޫލުކުރެވުނެވެ. މިފަދަ ރަޙުމުކުޑަ ޙަމަލާތަކުގެ ސަބަބުން މުސްލިމުންނަށްވެސް އަލްބަޣްދާދީއަކީ ޚަލީފާއެއްކަމަށް ބަލައެއް ނުގަނެވުނެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ގޮތްތަކާއި ޚާއްސަކޮށް، ހަނގުރާމައިގައި ޢަމަލުކުރަން ޖެހޭ ގޮތްތަކާއި ޚިލާފަށް އައިއެސް ޖަމާޢަތުން ޢަމަލުކުރަމުން ދިއުމުންނެވެ. މިކަންކަން އެ ޖަމާޢަތުގައި އުޅެފައި ތިބި މީހުން ކިޔާދީފައިވާ ވާހަކަތަކުން ސާފުވެއެވެ. އަދި މިއީ މުސްލިމުންގެ ޤަދަރާ ބާރުވެރިކަން އަނބުރާ ގެންނަން އުޅޭ ބައެއް ނޫންކަން ކަށަވަރުކުރެވުނެވެ.
2013ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު، ޢިރާޤާއި ސޫރިޔާގެ ބޮޑު ބައެއް އޭނާގެ ބާރުގެ ދަށަށް ގެނައުމަށްފަހު، އަމިއްލައަށް ޚިލާފަތެއް އުފައްދާ، ޚަލީފާއެއްކަމަށް އޭނާ އިސްވެ، ދުނިޔޭގެ ހުރިހާ މުސްލިމުން އޭނާއަށް ބައިޢަތު ހިފުމަށް ގޮވާލިއެވެ. އޭގެ ފަސް ދުވަސް ފަހުން، މޫސަލްގެ ބޮޑު މިސްކިތުގައި އަލްބަޣްދާދީ ޚުތުބާއެއް ދިނެވެ. މޫސުލްގެ ބޮޑު މިސްކިތުގެ މިންބަރުގައި ހުރެ، އަލްބަޣްދާދީ ދިން ޚުތުބާގައި ގޮވާލާފައިވަނީ ހުރިހާ މުސްލިމުން އެކަތިގަނޑަކަށްވެ، ކާފަރުންނާ ހަނގުރާމަކުރުމަށް އެ ބިމަށް ހިޖުރަކުރުމަށެވެ. އަލްބަޣްދާދީ މަޝްހޫރުވީ މި ޚުތުބާއަށްފަހުއެވެ. އަދި މިއީ ޢާންމުންގެ ކުރިމައްޗަށް އޭނާ ނުކުމެ، އޭނާގެ ފަލްސަފާތައް ޢާންމުކުރި ފުރަތަމަ ފަހަރެވެ. މިއީ އޭނާގެ ބާރު އެންމެ ވަރުގަދަވި ހިނދުކޮޅެވެ.
ނަމަވެސް، އަލްބަޣްދާދީގެ ނިމުން އޭރު އޭނާއާ އަރާ ހަމަކުރަން ތައްޔާރުވަނީއެވެ. އައިއެސް ޖަމާޢަތުގެ އަތް ދަށުން ޢިރާޤު މިނިވަންކުރުމަށް، އެމެރިކާ އިސްވެއޮވެ، ވަރުގަދަ އަސްކަރީ އިއްތިހާދެއް އުފެއްދިއެވެ. ދެން ފެނިގެން ދިޔައީ ދިގުލައިގެންދިޔަ ގެއްލުން ބޮޑު ހަނގުރާމައެކެވެ. އައިއެސް ޖަމާޢަތުގެ ދަށުގައި އޮތް ގިނަ ސަރަޙައްދުތަކެއް ގެއްލި، ފައިސާ ހޯދޭނެ މަގުތައް ބަންދުވެ، އެތައް ހާސް ހަނގުރާމަވެރިންނެއް މަރުވިއެވެ. އޭގެ ސަބަބަކަށްވީ ޢީރާޤާއި ސޫރިޔާގެ އެކި ސަރަޙައްދުތަކުން އެ ޖަމާޢަތް ވަށައިލާ، ހުއްޓުމެއްނެތި އެ ޖަމާޢަތަށް ޙަމަލާދޭން ފެށުމެވެ.
2017ވަނަ އަހަރު ނިމުނުއިރު، ޢިރާޤުގައި އައިއެސް ޖަމާޢަތުގެ ބާރު ކެނޑިއްޖެއެވެ. އޭގެ ދެ އަހަރުފަހުން، ސޫރިޔާގައި އެ ޖަމާޢަތުގެ ބާރު ކެނޑި އެ ޖަމާޢަތް ބަލިކަށިވެ، އަލްބަޣްދާދީ މަރުވެއްޖެއެވެ. ޢާންމުންނަށް އޭނާ އެންމެ ފަހުން ފެނުނީ މި އަހަރުގެ އޭޕްރިލް މަހު އޭނާ ނެރުނު ވީޑިއޯއެއްގައެވެ. މި ވީޑިއޯގައި އޭނާގެ މޫނުމަތިން ނާއުއްމީދުކަން ފެނިގެންދިޔައެވެ. އެކި އުކުޅުތައް ބޭނުންކޮށްގެން ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ޙަމަލާ ދިނުމަށް އޭނާ ގޮވާލިއެވެ.
އަލްބަޣްދާދީ މަރުވިކަން ކަށަވަރުކޮށްދެއްވަމުން، އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އޭނާއަކީ ފިނޑިއެއްކަމަށާއި ފިލަން އޭނާ މަސައްކަތްކުރިކަމަށާއި ފަހު ވަގުތު މަރަށް ތެޅި ރޮއިހޭރުނުކަމަށެވެ. އަދި އޭނާ މަރުވީ އަމިއްލައަށް ގޮއްވާލި ބޮމެއްގެ ސަބަބުންކަމަށާއި އޭނާއާއެކު އޭނާގެ ތިން ދަރިންވެސް މަރުވިކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޢިރާޤާއި ސޫރިޔާއާއި ތުރުކީވިލާތާއި ރަޝިޔާގެ އެހީތެރިކަމާއެކު އެމެރިކާއިން ދިން ޙަމަލާތަކުގައި އަލްބަޣްދާދީއާއި އޭނާގެ އެންމެ ގާތް ބައިވެރިން މަރުވީ ސޫރިޔާގެ އިދްލީބުގެ ބިންގަރާސް ހޮހަޅައެއްގައެވެ.