ދެ ފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނެތި ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވެދާނެކަމުގެ ބިރު އަދިވެސް އެބައޮތްކަމަށް އެކަމުގައި ވިލާތުގެ އިއްތިޙާދުގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވާ މިޝޭލް ބާނިއަރ ވިދާޅުވެއްޖެއެވެ.
ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުގެ މަޝްވަރާތަކުގައި އެންމެ އިސްކޮށް ހުންނަވާ ބާނިއަރ ވިދާޅުވެފައިވަނީ އެހެން ދިމާވެއްޖެނަމަ ކުރިމަގުގައި ދެ ފަރާތުން ކުރަންޖެހޭ ވިޔަފާރީގެ މަޝްވަރާތަކަށް އިތުރު ދަތިތައް ދިމާވާނެކަމަށް. ބާނިއަރ މިހެން ވިދާޅުވެފައިވާއިރު އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލިހުންވަނީ އަންނަ ޑިސެމްބަރު މަހުގެ 12ވަނަ ދުވަހު އަވަސް އިންތިޚާބެއް ބާއްވަން ނިންމާފައެވެ.
އަވަސް އިންތިޚާބަކަށް ދާން ބޮޑުވަޒީރު ބޮރިސް ޖޮންސަން ގޮވާލެއްވީ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވާން އެކުލަވާލާފައިވާ އެއްބަސްވުން ޤާނޫނުހަދާ މަޖިލީހުން ފާސްކޮށް ނުދިނުމުންނެވެ. ޖޮންސަން އުންމީދުކުރައްވަނީ އިންތިޚާބަށްފަހު އެކުލަވާލެވޭ އާ ޤާނޫނުހަދާ މަޖުލީހުން އެ މައްސަލަ ހައްލުކުރާނެކަމަށެވެ.
އެއްބަސްވުމަކާ ނުލާ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވެދާނެތީ އެކަމަށް ތައްޔާރުވެ ތިބުމުގެ އިންޒާރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަރަންސޭސިވިލާތުގެ ކުރީގެ ވަޒީރަކުވަނީ ދެއްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ ޤާނޫނު ހަދާ މަޖިލިހުން ބޮޑުވަޒީރު ޖޮންސަން އެކުލަވާލާ އެއްބަސްވުން ފާސްކޮށްނުދިނުމުން ބްރެކްސިޓްގެ ކަންކަން ފަސްކުރަން އިނގިރޭސިވިލާތަށް ވަގުތު ނުދީފިނަމަ ދެން ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވެގެންދާނީ އެއްބަސްވުމެއް ނެތިކަމަށެވެ.
ވިޔަފާރި ކުރުމަށް ވިލާތުގެ އިއްތިޙާދުގެ ބާޒާރު އިނގިރޭސިންނަށް ހުޅުވާލަދެވޭނީ އިނގިރޭސިވިލާތުން މި މައްސަލަ ނިންމި ދުވަހަކުން ކަމަށް ބާނިއަރވަނީ ވިދާޅުވެފަ. އެގޮތަށް އެކަން ކުރަންޖެހެނީ ވިލާތުގެ އިއްތިޙާދުގެ ޤަވާޢިދުތަކާއި ޢާންމު މިންގަނޑު ހިފެހެއްޓުމުގެ ގޮތުންކަމަށް އޭނާވަނީ ވިދާޅުވެފައެވެ.