ޚަބަރު

ކަނޑުގެ 120 ފޫޓު އަޑީގައި ކެއުމުގެ އިންތިޒާމު!


ރާއްޖޭގެ ހިތްގައިމު ހުދު ދޮންވެލި ތުނޑިތަކާއި ފަރުތަކާއި ކަނޑުއަޑީގެ ރީތިކަން ބަލާލުމަށް ކޮންމެ އަހަރަކުވެސް އެތަށް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. ފަތުރުވެރިންނަށް ޢަމާޒުކޮށް ފަތުރުވެރިކަމުގެ އެކި ޚިދުމަތްތައް ރާއްޖޭގައި އަންނަނީ ތަޢާރަފްކުރަމުންނެވެ. އަނެއްކާވެސް މިވަނީ ފަތުރުވެރިންނަށް ޚާއްސަކޮށް މުޅިން އާ ޚިދުމަތެއް ތަޢާރަފްކޮށްފައެވެ.

މި ޚިދުމަތުގެ ޚާއްސަކަމަކީ ހަމައެކަނި ކަނޑުއަޑީގެ ރީތިކަން ބަލާލުމެއް ނޫނެވެ. ސަބްމެރިންއިން މިހާރުވަނީ ކަނޑުގެ 120 ފޫޓު އަޑީގައި ކެއުންބުއިމުގެ ޚިދުމަތްވެސް ދޭންފަށާފައެވެ.

އެންމެ ގިނަ ފަސެންޖަރުން އުފުލޭގޮތަށް، އެންމެ އަޑިއަށް ފީނާ ސަބްމެރިން ދުއްވާ ޤައުމަކީ ދިވެހިރާއްޖެއެވެ. ވޭލް ސަބްމެރިންގެ ޚިދުމަތްތައް ރާއްޖޭގައި ފެށިތާ 10 އަހަރުވެފައިވާއިރު ވޭލް ސަބްމެރިންގެ މުޅިން އާ ޚިދުމަތެއް މިއަދުމިވަނީ ފަށާފައެވެ.

ސަބްމެރިންއެއްގައި ކަނޑުގެ އަޑީގައި ކެއުމުގެ އިންތިޒާމު ހަމަޖެއްސި މިއީ ފުރަތަމަފަހަރެވެ. މިއީ ރާއްޖޭގައިވެސް އަދި، ދުނިޔޭގައިވެސް މިހާ އަޑީގައި ކެއުމަކަށް އިންސާފުކޮށްލެވޭގޮތަށް ފެށި މިފަދަ ފުރަތަމަ ޚިދުމަތެވެ.

ޓުއަރިސްޓް ވޭލް ސަބްމެރިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޢުމަރު ނަސީރު ވިދާޅުވީ، މިއީ ސަބްރިންއަށް އަންނަ ފަރާތްތަކާއި، ފަތުރުވެރިންނަން މުޅިން އާ ތަޖުރިބާއެއް ދިނުމުގެ ގޮތުން ތަޢާރަފްކުރި ޚިދުމަތެއްކަމަށެވެ.

"ދުނިޔޭގައި ފުރަތަމަފަހަރަށް 120 ފޫޓު އަޑީގައި ކަނޑުގެ ފަސްގަނޑު މަތީގައި ތިބެލައިގެން ކާލުމުގެ ފުރުސަތު މިލިބެނީ." ޢުމަރު ނަސީރު ފާހަގަކޮށްފައިވެއެވެ.

މި ޚިދުމަތުގެ ސޮފްޓް ލޯންޗިންގއެއް ބާއްވާފައިވައިރު، އަންނަ ހަފްތާއިން ފެށިގެން ދާއިމީކޮށް ޚިދުމަތް ފެށުމަށްވަނީ ހަމަޖެހިފައެވެ. ވޭލް ސަބްމެރިންގައި "ޑައިން" ކުރެވޭގޮތަށް ހަފްތާއަކު 5 ދަތުރުކުރާނެކަމަށް ޢުމަރުވަނީ ވިދާޅުވެފައެވެ. މިޚިދުމަތްދެނީ 10 ޓޭބަލްގައި، ޓޭބަލްއެއްގައި 4 މީހުންނަށް ތިބެވޭގޮތަށެވެ.

"ބުފޭތައް ހަދާއިރު އެއިރެއްގައި ޓުއަރއަށްދާ ފަތުރުވެރިންގެ ގްރޫޕަށް ޢަމާޒުކުރާނަން. ޔޫރަޕް ފަތުރުވެރިން ނުވަތަ ޗައިނާ ފަތުރުވެރިންނަމަ އެ ގްރޫޕަކަށް ކަމުދާ ކާއެއްޗެހި ލިބޭގޮތް ހަދާނަން." ޢުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިއީ އަދި ފެށުމެއްކަމަށާއި، ކަނޑު އަޑީގައި ކެއުމަށް އިންސާފުކުރާ މީހުންނަށް އެމީހުން ބޭނުންވާ ރީތި ކަނޑުއަޑީގެ ދިރުންތައް އިތުރަށް ފެންނަ މާޙަޢުލަކަށް އެތަން ހަދާނެކަމަށެވެ. އޭނާ ވިދާޅުވީ މިއީ ދުނިޔޭގެ އެންމެންވެސް ވާހަކަދައްކާ ފެންވަރުގެ ޕްރޮޑަކްޓަކަށް ހަދާނެކަމަށެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރުކުރެވޭ މުހިންމު ބޮޅެއްކަމަށް އުމަރު ވިދާޅުވިއެވެ.