ޚަބަރު

އުކުޅަހު ކޮންވެންޝަން ސެންޓަރު: ރަށުގެ ތަރައްޤީގެ މުހިންމު ވަސީލަތެއް


އއ.އުކުޅަހު ކޮންވެންޝަން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ 7.8 މިލިއަން ރުފިޔާ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން ޖުމުލަ 20.8 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކުރި ތަނެކެވެ. މި ސެންޓަރަކީ ހަމަ އެކަނި ކޮންފަރެންސް ހޯލެއް ކަމަށް ބުނެ ނިންމާލެވޭކަށް ނެތެވެ.

އެންމެ 24 ދުވަހުގެ ތެރޭގައި ހަދައި ނިންމާލި މިތަން ވެގެން ގޮސްފައިވަނީ އެރަށުގެ ތަރައްގީގެ އައު ފެށުމެއްގެ ބިނާއެއްގެ ގޮތުގައިއެވެ. އޭގެސަބަބުން ކުދި ވިޔަފާރީތަކާއި މެދުފަންތީގެ ވިޔަފާރީތަކަށް އޭގެ ހެޔޮ އަސަރު ކުރާނެކަމީ އެރަށުގެ ރައްޔިތުން ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމެކެވެ.

އުކުޅަހުގައި ކޮންވެންޝަން ސެންޓަރު މިދިޔަ އޮގަސްޓް މަހު ހުޅުވީ އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީން އިންތިޒާމްކުރި ސައިންސްވެރިންގެ ބައިނަލްއަގުވާމީ ކޮންފަރެންސާއި އުގައިލް ފައުންޑޭޝަނުން ބޭއްވި ޓެކްފެއާ އެކުގައެވެ. އެދުވަހު އެކަނިވެސް އެ ކޮންވެންޝަން ސެންޓަރުގެ މުހިންމުކަމާއި އޭގެ ފައިދާ ރަށަށް އެނގިގެން ދިޔައެވެ.

ރަށުގައި ބާއްވާ އެފަދަ ކޮންފަރެންސްތަކުގެ ސަބަބުން ކޮންފަރެންސްއަށް އަންނަ ފަރާތްތަކުގެ ދަތުރުފަތުރާއި ކެއުން ބުއިމާއި ތިބުމުގެ ޚަރަދުތަކުގެ ސަބަބުން ރަށަށް އޭގެ ފައިސާ ލިބިގެންދެއެވެ. ފާއިތުވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެކަން ފެނިގެން ގޮސްފައިވާއިރު އެރަށު ކައުންސިލުން ވިދާޅުވިގޮތުގައި ކޮންވެސްޝަން ސެންޓަރުގައި ބައެއް ކޮންފަރެންސްތައް ކުރިއަށްއޮތް ދުވަސްތަކުގައި ވެސް ބާއްވަން މިހާރުވަނީ ހަމަޖެހިފައެވެ.

"ކުރިއަށް އޮތްތާގައި އެބަ އޮތް ޔޫތު ފޯރަމްއެއް، 300 ބައިވެރިން ބައިވެރިވާ ފޯރަމް އެއް. އެއީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގައި. އޭގެ އިތުރުން ޑަބްލިއުއެޗްއޯ އިންވެސް އެބަ އިން ކޮންފަރެންސްއެއް ބާއްވަން ހުށައަޅާފައި. އޭގެ އިތުރުން ކައިވެނި ޕާޓީތަކަށްވެސް މިތަން އެބަ ދޫކުރަން، އަދި އިޖްތިމާއީ ޕްރޮގުރާމްތަކަށްވެސް އެބަ ދޫކުރަން. އެހެންވީމަ ހަގީގަތުގައި ކޮންވެންޝަން ސެންޓަރުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ރަށަށް ލިބިގެން އެބަ ދޭ،" އުކުޅަހު ކައުންސިލްގެ ނައިބު ރައީސް ޢަބްދުﷲ ފިރާގު ވިދާޅުވިއެވެ.

އެހެން ކަމުން ކޮންވެންޝަން ސެންޓަރު އެކިކަންކަމަށް ކުއްޔަށް ދީގެން ލިބޭ އާމްދަނީއަކީވެސް ރަށުގެ މާލިއްޔަތައް އިތުރުވެގެންދާއެއްޗެއްކަން ކައުންސިލުން ފާހަގަ ކުރައްވައެވެ.

އުކުޅަހަކީ ގެސްޓް ހައުސްގެ ވިޔަފާރި ފައްކާވެ ފުޅާވަމުން އަންނަ ރަށަކަށްވާއިރު އެވިޔަފާރިކުރާ ފަރާތްތަކަށްވެސް މިއީ ވަރަށް ބޮޑު ހިތް ހަމަޖެހުމެކެވެ. އުކުޅަހުގައި ހިންގާ ގެސްޓް ހައުސް އެސޯސިއޭޝަނުގެ ވައިސް ޕްރެޒިޑެންޓް ޢަލީ ޒަމީރު ބުނީ ބޭއްވިގެން ދިޔަ ކޮންފަރެންސްގައި ގެސްޓް ހައުސްތަކަށް ބޮޑެތި ފައިދާތަކެއް ވެގެން ދިޔަ ކަމަށެވެ.

"މިހާރަށްވުރެ ބޮޑަށް ކޮންވެންޝަން ސެންޓަރު އިސްތިހާރުވެގެން ދިއުމުން ކޮންފަރެސްތަކާއި ހަފްލާތައް މި ތަނުގައި ބޭއްވެން ފެށުމުންތަނަށް އަންނަ މީހުން ނިދާނީ އަޅުގަނޑުމެންގެ ގެސްޓް ހައުސްތަކުގައި ނޫންތޯ.އެހެންވީމަ މިއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް މިރަށުގެ މުސްތަގުބަލަކަށް، މި ރަށުގެ ގެސްޓް ހައުސް ވިޔަފާރީއަކަށް،" ޢަލީ ޒަމީރު ބުންޏެވެ.

އުކުޅަހުގެ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުގެ އިތުރުން ރެސްޓޯރެންޓާއި ކެފޭތައް ހިންގާ ފަރާތްތައް ވެސް ތިބީ މިކޮންވެންޝަން ސެންޓަރާމެދު ނުހަނު ބޮޑަށް ހިތްހަމަ ޖެހިފައި އެވެ.

"އެންމެ ފަހުން ބޭއްވި ކޮންފަރެންސްގައި އެކަނިވެސް އެއް ލައްކަ ރުފިޔާ ލިބުނު މި ރެސްޓޯރެންޓަށް. ވަރަށް ހިތްހަމަ ޖެހޭ މިރަށުގައި އެ ސެންޓަރު ގާއިމު ކުރެވިގެން ދިއުމުން. އޭގެ ސަބަބުން ހަމަ އެކަނި އަޅުގަނޑުމެން އެކަންޏަކަށްނޫން ކުދި ވިޔަފާރީޔަކަށް ވެސް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ،" ސެލެސްޓް ރެސްޓޯރެންޓް ހިންގުމުގައި އިސްކޮން އުޅޭ ސަފޫރާ އަޙްމަދު ބުންޏެވެ.

މި ހުރިހާ ކަމެއްގެ އިތުރުން އެތަނުގައި އުފެދިގެންދާ ވަޒީފާތަކަކީވެސް ލިބޭ އެހާމެ ބޮޑު ފައިދާއަކަށް ގެންދެއެވެ. އެތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެކަން ފާހަގަ ކުރިއެވެ.

ރަށަށް ގިނަ ފަތުރުވެރިންނާއި އަދި ޢާންމުން ގިނަ ޒިޔާރާތްކުރާ އެއް ސަބަބަކަށް ކޮންވެންޝަން ސެންޓަރުގައި ބާއްވާ ކޮންފަރެންސްތައް ވެގެންދާއިރު އެއާއެކު ވިޔަފާރީތައް ފުޅާކުރުމަށް ރަށުގެ ވިޔަފާރީވެރިން ދަނީ ތައްޔާރުވަމުންނެވެ.