ވިޔަފާރި

ނޯޑިކް ޤައުމުތަކުގައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޙަރަކާތްތަކެއް ފަށައިފި


ނޯޑިކް ޤައުމުތަކުގައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ޙަރަކާތްތަކެއް ފަށައިފިއެވެ.

މިމަހުގެ 12 އިން 15 އަށް ކުރިއަށްގެންދާ މި ހަރަކާތްތަކުގައި ނޯޑިކްގެ ހަތަރު ޤައުމެއް ހިމެނޭގޮތަށް ރޯޑް ޝޯވތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވައެވެ. އެންމެ ފުރަތަމަ ރޯޑް ޝޯވ ބޭއްވުމަށް ހަމަޖެހިފައިވަނީ ޑެންމާކުގެ ކޮޕަންހޭގަންގައެވެ.

ކޮޕަންހޭގަންއަށްފަހު ނޯވޭގެ އޮސްލޯގައި ރޯޑްޝޯވ ބޭއްވުމަށްފަހު މިމަހުގެ 14 ވަނަ ދުވަހު ސްވިޑެންގެ ސްޓޮކްހޯމް އަދި 15 ވަނަ ދުވަހު ފިންލެންޑުގެ ހެލްސިންކީގައި ޖެހިޖެހިގެން ރޯޑް ޝޯވތަކެއް ކުރިއަށްދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމް.އެމް.ޕީ.އާރު.ސީ އާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 13 ކުންފުންޏަކުން މި ރޯޑްޝޯތަކުގައި ބައިވެރިވާނެއެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ނޯޑިކްގެ ބޮޑެތި އައުޓްބައުންޑް ޓުއަރ އޮޕަރޭޓަރުންނާއި ބައްދަލުކޮށް ގުޅުން ބަދަހި ކުރުމަށް ލިބޭ ފުރުސަތެއްކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މި ރޯޑްޝޯވތަކާއި ބެހޭގޮތުން ނޯޑިކް ސަރަޙައްދުގެ އާންމު ފަތުރުވެރިކަމާބެހޭ މީޑިޔާތަކުން ޚަބަރުތައް ގެނެސްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

ނޯޑިކްއަކީ ޔޫރަޕް ގައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ތަންތަނަށް ޒިޔާރަތްކުރާ ސަރަޙައްދެވެ. ނޯޑިކްގެ ޤައުމުޔަކުގެ ތެރޭގައި ޑެންމާކް، ފިންލެންޑް، އައިސްލެންޑް، ނޯރވޭ އަދި އަދި ސްވިޑެން ހިމެނެއެވެ. އެމްއެމްޕީއާރްސީން ބުނީ މިރޯޑް ޝޯވގެ ސަބަބުން މިސަރަޙައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވެގެންދާނެކަމަށް ލަފާކުރެވޭކަމަށެވެ.