ޚަބަރު

ކައުންސިލް އިންތިހާބު: ސިޓީތަކުގައި ދާއިރާތަކަށް ދޭނީ ނަމްބަރެއް، ނަމެއް ނޫން


އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލްތަކުގައި މެމްބަރުން އިންތިހާބުކުރާ ދާއިރާތަކަށް ނަން ދޭނީ ނަމްބަރުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ މާލެ ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީއަށް އިންތިހާބު ކުރާ ކައުންސިލަރުން ނިސްބަތްވާ ދާއިރާތަކަށް ރައްޔިތުންގެ މަޖިލީހުގައި ދާއިރާތަކަށް ދީފައިވާ ނަންތައް ދެން ނުކިޔާނެ ކަމަށެވެ. ނަމަވެސް މީގެ ކުރިން ލޯކަލް ކައުންސިލްތަކަށް ވެސް ދާއިރާތަކުގެ ނަންތައް ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ދާއިރާތަކަށް ދީފައިވާ ނަންތަކެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ހުޅުމާލެ ދާއިރާގެ ބަދަލުގައި ލޯކަލް ކައުންސިލް އިންތިހާބުގައި އެ ދާއިރާއަށް މެމްބަރު އިންތިހާބުވާނީ މާލެ ސިޓީ އެކެއްގެ ނަމުގައެވެ. ހަމަ އެގޮތައް ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާގެ ނަމުގައި އޮންނަ ދާއިރާއަށް ކައުންސިލަރުން އިންތިހާބުކުރާނީ މާލެ ސިޓީ 18ގެ ނަމުގައި ކަމަށެވެ. އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައިވެސް ކައުންސިލަރުން ނިސްބަތްވާ ކޮންމެ ދާއިރާއަކަށް އޮންނާނީ ނަމްބަރެއް ދީފައިކަމަށް އޭނާ ވިދާޅުވިއެވެ. ދާއިރާތަކަށް ނަމްބަރު ދޭއިރު ދާއިރާތައް ބަހާފައި އޮންނާނީ އެއް އަވަށް އަނެއް އަވަށާއި ޖެހިގެން ތަރުތީބުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހެންވޭރުން ގެތަކާއި މާފަންނުން ގެތަކެއް ހިމަނައިގެން އެއް ދާއިރާ ހަދާފާނެ. އެ ދާއިރާގެ ނަންވެސް އޮންނާނީ ކޮންމެވެސް އެއް ނަމްބަރަކުން،" ޝަރީފް ވިދާޅުވިއެވެ.

ސިޓީތަކުގެ ދާއިރާތަކުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުން އަންނަ ހަފްތާގައި އާންމުކުރާނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްތަކުގައި ހަމަ އެކަނި އަންހެނުންނަށް ކުތިމަތިލެވޭނެ ދާއިރާތަކަކީ ކޮބައިކަން ކަނޑައަޅަން ޖެހޭތީ އެ ދާއިރާތައް ކަނޑައަޅަން ބާއްވާ ގުރުއަތުލުން އަންނަ ހަފްތާގައި ބާއްވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި އެގުރުއަތުލުން އޮންނާނީ ޓީވީއިން ލައިވްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑިތަކެއް ޚާއްސަކުރަން ޖެހޭއިރު މާލެ ސިޓީން އަންހެނުންނަށް ޚާއްސަކޮށްފައި 6 ދާއިރާ އޮންނަން ޖެހޭއިރު އައްޑޫ ސިޓީގައި ހަތަރު ދާއިރާ އަދި ފުވައްމުލަކު ސިޓީގައި 2 ދާއިރާ އަންހެންނަށް ހާއްސަކުރަންޖެހެއެވެ.

އަންނަ އޭޕްރީލް މަހުހެ 4 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަ ޖެހިފައި އެވެ.