ވިޔަފާރި

12 އަތޮޅުން 8000 އެނދާއެކު 18000 ވަޒީފާ


ސަރުކާރުން ޓޫރިޒަމަށް އަލަށް ހުޅުވާ ރަށްތަކުގެ ސަބަބުން 18000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނޭކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ވިއަވަތި ރާއްޖޭގެ ނަމުގައި ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ޓުއަރިޒަމަށް އަލަށް ހުޅުވާލާ ރަށްތައް މާދަމާރޭ އިޢުލާންކުރައްވާނޭކަމަށެވެ. ޓުއަރިޒަމަށް އަލަށް ރަށްތައް ހުޅުވާލާއިރު އެންމެ ބޮޑު އިސްކަން ދީފައިވާނީ އެންމެ ދެކުނާއި އުތުރުގައި ރިސޯޓްތައް ތަރައްޤީކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަލަށް ހުޅުވޭ ރިސޯޓްތަކާއެކު 12 އަތޮޅެއްގައި އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނޭކަމަށް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ރާއްޖޭގައި، ތިބޭފުޅުން ނިސްބަތްވާ 12 އަތޮޅަކުން ޖުމްލަ 8000 އެނދާއެކު، 18000 ވަޒީފާ އުފެދޭ ގޮތަށް އަޅުގަނޑުމެން އަލަށް ޓޫރިޒަމަށް ދޫކުރާ ރަށްތައް އިޢުލާންކުރާނަން. މީގެ ތެރޭގައި އެންމެ އިސްކަން ދީފައިވަނީ އެންމެ އުތުރާއި ދެކުނަށް. މިހާރު ވާނީ އެންވައިރަމަންޓް އެސެސްމަންޓާއި އަދި އެރަށެއްގެ ރައްޔިތުންގެ ސޯޝަލް އިކޮނޮމިކް އެސެސްމަންޓެއް ހަދާ ނިމިފައި" މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

ވިއަވަތި ރާއްޖޭ ސެމިނަރގައި ވާހަކަފުޅުދައްކަވަމުން އަލަށް ޓޫރިޒަމަށް ދޫކުރާ ރަށްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ފަތުރުވެރިކަމުން މާބޮޑު ފައިދާއެއް ނުލިބޭ ހދ އަތޮޅުގައި 3 ރިސޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ހދ އަތޮޅުގައި ތިން ރިސޯޓެއް ތަރައްޤީކުރުމަށް ސަރުކާރުން ރަށްތައް ކަނޑައަޅުއްވާފައިވާކަމަށެވެ. އަދި އެ ރަށްތައް ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އިއުލާންކޮށް ބީލަމަށް ހުޅުވާލައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހދ. އަތޮޅުގައި މިހާތަނަށް ހުޅުވާފައިވަނީ އެންމެ ރިޒޯޓެކެވެ. އެއީ 2018 ވަނަ އަހަރުގެ މާޗް މަހު ހުޅުވި ހޮނޑާފުށި އައިލެންޑް ރިސޯޓެވެ. އެއީ 80 ކޮޓަރީގެ 160 އެނދުގެ ރިޒޯޓެކެވެ. މީގެ އިތުރުން އެއަތޮޅު ނާގޯށި ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެތައްފަހަރެއްގެ މަތިން ސަރުކާރުން އެކި ކުންފުނިތަކާއި ހަވާލުކުރިނަމަވެސް މިހާތަނަށް އެރަށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހުޅުވިފައެއް ނުވެއެވެ.