ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ – މެޓް އޮފީސް


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް މުޅިރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ބުނެފިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ދައްކާގޮތުން ދެކުނާއި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށްވެސް މޫސުން ގޯސްވާނެއެވެ. ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް އެއިދާރާއިން މަޢުލޫމާތުދެއެވެ. ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައްވެސް ގަދަވާނެކަމަށްލަފާކުރާއިރު، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދު ރާއްޖެތެރެއަށްވެސް ބޯކޮށްވާރޭވެހި ވައި ގަދަވުން އެކަށީގެންވެއެވެ. ކުރިއަށް އޮތީވެސް މުޅި ރާއްޖެއަށް މޫސުން ގޯސް ވަގުތުތަކަށްވުމުން ހުރިހާ ފަރާތްތަކަކުންވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ. ވަކިން ޚާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެއިދާރާއިން އިލްތިމާސްކުރެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއްރަށްތަކަށް ބޯކޮށްވާރޭވި ފެންބޮޑުވުމުން އެކިވަރުގެ ގެއްލުންތައްވަނީ ކުރިމަތިވެފައެވެ. އިއްޔެވަނީ ކަނޑުމަތީގައިވެސް 4 މީހުންނާއިއެކު ދަތުރުކުރި ޑިންގީއެއް ގެއްލިގެން ހޯދާފައެވެ. މޫސުމަށް ސަމާލުކަން ނުދެއްވައި ކަމާއި ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންނުދީ ދަތުރުކުރަނިކޮށް، މީހެއްގެ ފުރާނައަށް ގެއްލުންވެއްޖެނަމަ ސަރުކާރުގެ ކަމާއިބެހޭ ފަރަތްތަކުން ފިޔަވަޅު އަޅާނެކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.