ކުޅިވަރު

ލިވަަޕޫލާއި ދެކޮޅަށް ކުޅުމުގެ ފުރުޞަތުވެސް އަޝްފާޤަށް ލިބިއްޖެ


ދިވެހި ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަލީ
އަޝްފާޤަށް ލިވަޕޫލާއި ދެކޮޅަށް ކުޅުމުގެ ފުރުޞަތު ލިބިއްޖެއެވެ. އަޝްފާޤްގެ ރަސްމީ
ފޭސްބުކް ޕޭޖްގައިވާ ގޮތުން ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެލޭޝިޔާ އެގާރައިގެ
ޓީމްގައި އަޝްފާޤް ވަނީ ހިމަނާފައެވެ. އާ ސީޒަނަށް އިނގިރޭސި ޕްރިމިއަރ ލީގުގެ
ލިވަޕޫލް ތައްޔާރުވުމަށް ކުޅޭ މެޗު ތަކުގެ ތެރެއިން މެލޭޝިޔާ އިލަވަންއާއި
ދެކޮޅަށް ނިކުންނަނީ  މިމަހުގެ ސައުވީސް
ވަނަ ދުވަހުއެވެ.މިމެޗު ކުޅޭނީ މެލޭޝިޔާގެވެ. 

އަޝްފާޤް ވަނީ އިނގިރޭސި ޕްރިމިއަރ
ލީގުގެ ޓޮޓްނަމްއާއި ދެކޮޅަށްވެސް މެލޭޝިޔާގެ އިލަވަންގައި ހިމެނިގެން ކުޅެފައެވެ. އަޝްފާޤްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ މިއީ އަނެއްކާވެސް ބޮޑު
ފުރުޞަތެއްކަމަށާއި، މެލޭޝިޔާގެ ފުޓްބޯޅަ އެސޯސިއޭޝަނަށާއި މެލޭޝިޔާގެ ޤައުމީ
ކޯޗަށް ޝުކުރު އަދާކުރާކަމަށެވެ. މީގެއިތުރުން އޭނާ މިހާރު ކުޅެމުން އަންނަ
މެލޭޝިޔާގެ ޕީޑީއާރުއެމްއިން ފުރުޞަތު ތަނަވަސްކޮށްދިނީތީ އެކުލަބަށްވެސް ވަނީ ޝުކުރުއަދާކޮށްފައެވެ.

އަޝްފާޤް ވަނީ ޓޮޓްނަމްއާއި ދެކޮޅަށް ކުޅުނު މެޗުގެ ނުވަދިހަ މިނިޓްވެސް ކުޅެފައެވެ. އަޝްފާޤަކީ މެލޭޝިޔާ ޤައުމީ ކޯޗުގެ މަޤްބޫލް ކުޅުންތެރިއެކެވެ.