2050ވަނަ އަހަރުގެ ކުރިން ވިލާތަކީ ކާރބަން ނިއުޓްރަލް ބައްރަކަށް ހެދުމަށް ކުރެންއޮތް ހުރިހާ ކަމެއް ކުރާނެކަމަށް ވިލާތުގެ އިއްތިޙާދުގެ ރައީސް އޫސުލަރ ވޮން ޑަރ ލެޔެން ވިދާޅުވެއްޖެއެވެ.
ދުނިޔެ ހޫނުވެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވިލާތުގެ އިއްތިޙާދުންވަނީ މިދިޔަ އަހަރު އިޢުލާންކޮށްފައެވެ. އެގޮތުން 2050ވަނަ އަހަރުގެ ކުރިން ވިލާތުން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ޢަދަދު ސުމަކަށް ތިރިކޮށް ދުނިޔޭގެ ފުރަތަމަ ކާރބަން ނިއުޓްރަލް ބައްރަށްވުމުގެ މަސައްކަތްކުރުމަށް ވިލާތުގެ ޤައުމުތަކުންވަނީ އެއްބަސްވެފައެވެ. އަދި އެކަމާއިގުޅޭ ޤާނޫނުތައް އެކުލަވާލާ ވިލާތުގެ މެންބަރު ޤައުމުތައް ޤާނޫނުތަކުގެ ތެރެއަށް ވެއްދުމަށް މަޖުބޫރުކުރާނެކަމަށްވެސް ވިލާތުގެ އިއްތިޙާދުންވަނީ އެއްބަސްވެފައެވެ. މިކަންކަން ހާސިލުކުރުމަށް 1 ޓްރިލިއަން ޔޫރޯ ޚަރަދުކުރުމަށްވެސް އެއިއްތިޙާދުން އޮތީ ތައްޔާރަށެވެ.
ސުވިޓްޒަލޭންޑްގެ ޑާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އެކޮނޮކިކް ފޯރަމުގައިވެސް ވިލާތުގެ އިއްތިޙާދުންވަނީ އެވާހަކަތައް ތަކުރާރުކޮށްފައެވެ. އެގޮތުން އެބައްދަލުވުމުގައި ތަޤުރީރުކުރައްވަމުން ވިލާތުގެ އިއްތިޙާދުގެ ރައީސް އޫސުލަރ ވޮން ޑަރ ލެޔެން ވިދާޅުވީ ވިލާތުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެކަމަށެވެ. އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ބައިނަލްއަޤުވާމީ ގޮތުން ޙައްލު ހޯދަން ލަސްވެފައިވާ މައްސަލައެއްކަމަށެވެ. އަދި ދުނިޔޭގެ އިޤްތިޞާދަށް މިހާރު ހުރި ނުރައްކާތަކުގައި ގިނައިން ހިމެނެނީވެސް މޫސުމާ ގުޅުންހުރި ނުރައްކާތައްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވޮން ޑަރ ލެޔެން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހަނި ފުރުޞަތެއް ލިބިފައިވާކަމަށާއި މިހާރުން މިހާރަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ.
އެހެންކަމުން، ވިލާތުގެ އިއްތިޙާދުން އިޢުލާނުކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް އެއިއްތިޙާދުން މަސައްކަތް ކުރާނެކަމަށާއި އެކަމަށް ބޭނުންވާ އިންވެސްޓްމަންޓްތަކާއި ޒަމާނީ އުފެއްދުންތައް ހޯދުމުގައި ކުރަން ޖެހޭ ކަންކަން ކުރުމަށް އެއިއްތިޙާދުން އެންމެ ތަންކޮޅެއްވެސް ފަހަތަށް ނުޖެހޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިހާރުވެސް ވިލާތުގެ ބައެއް ޤައުމުތަކުންދަނީ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ޢަދަދު މަދުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.