ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން އިން ކުރިއަށް ގެންދާ ހަރަކާތްތަކަށް ދީނީ ނަޒަރަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން އެއްބަސްވެއްޖެއެވެ.
އިސްލާމިކް ޔުނިވަރސިޓީގައި އޮތް ރަސްމިއްޔާތެއްގައި އެ ޔުނިވަރސިޓީން ސޮއިކުރެއްވީ ވައިސް ޗަންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. އާރކްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑް މެންބަރ މުރުޠަލާ މޫސާއެވެ.
މި އެއްބަސްވުމުގެ ދަށުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މާލެ އާއި އަތޮޅުތެރޭގައި އާކުން ކުރާ ތަފާތު މަސައްކަތްތަކުގައި ދެފަރާތުން އެއްބަސްވާގޮތުގެ މަތިން ދީނީ ނަޒަރަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ހިންގާ ހަރަކާތްތަކަށް ދެފަރާތުން އެއްބަސްވާ ގޮތުގެމަތިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ
އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ވައިސް ޗަންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ ވަނީ އާރކުން ކުޑަކުދިންގެ ހައްޤުތައް ހިމާޔަތް ކުުރުމަށް ހިލޭ ސާބަހަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތާނގައިވެސް ދީނީ ނަޒަރުން އެ ޖަމިއްޔާއަށް ދޭންޖެހޭ އެހީ ދޭނެކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
އާރކްގެ އެގްޒެކެޓިވް ބޯޑް މެންބަރ މުރުޠަޟާ މޫސާ ވަނީ މުޖުތަމަޢަށް މިހާރު ދިމާވަމުން އަންނަ ކަންކަމަށް ދީނީ ގޮތުން ހޭލުންތެރި ކުރަންޖެހޭކަން ފާހަގަކޮށް އާއްމުން ހޭލުންތެރިކުރުމަށް އައިޔޫއެމްފަދަ ތަންތަނުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައިވެސް އެ ޔުނިވަރސިޓީގެ އެހީ ލިބިފައިވާކަން މުރުތަޟާ ފާހަގަކުރެއްވިއެވެ.
އާރކް" އަކީ ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުޑަކުދިންގެ ޙައްޤުތައް ކުރިއަރުވައި، ކުޑަކުދިންގެ ޙައްޤުތަކާމެދު ޢާންމުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެކެވެ.