ޚަބަރު

ހިލޭ ޑިގްރީއަށް ކިޔެވުމަށް 35 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވޭ: ހަޔަރ އެޑިއުކޭޝަން


ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ އުޞޫލްގެ ދަށުން 35 މިލިޔަނަށް ވުރެ ގިނަ ރުފިޔާ މަރުކަޒުތަކަށް ދޫކޮށްފައިވަކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ދަރިވަރުންގެ ކޯސް ފީ މަރުކަޒުތަކަށް ދޫކުރުމުގެ ބަދަލުގައި ދަރިވަރުންނަސް ފައިސާ ދޫކުރަން ފަށާފައެވެ. އަދި އެ މިނިސްޓްރީގެ ސުޓޫޑަންޓް ޕޯޓަލް މެދުވެރިކޮށް ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ޕޭމަންޓްގެ ތަފްސީލު ބެލޭނެގޮތްވެސް ވަނީ ހަމަޖައްސާފައެވެ.

ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު ތަންފީޒުކުރަން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގައެވެ. އަދި 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނެވެ. މީގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ސްކީމްގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުވެގެންދިޔަކަން ފާހަގަކުރެވެއެވެ. މިގޮތުން މިހާތަނަށް ޖުމުލަ 5600 އަށްވުރެ ގިނަ ދަރިވަރުން ދަނީ މި ސްކީމްގައި ބައިވެރިވެ ކިޔަވަމުންނެވެ.

މި ސްކީމް ތަންފީޒުކުރަން ފެށިއިރު، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ބައެއް ދަރިވަރުންވަނީ އަމިއްލަ ޚަރަދުގައި ކޯސް ފީ ދައްކާފައި ނަމަވެސް ، ސަރުކާރުން ނިންމީ އެ ދަރިވަރުން ދައްކާފައިވާ ފީ ގެ ތަފްސީލާއިއެކު މިނިސްޓްރީއަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ސްޓޭޓް ރޭޓުން ފީ ރީފަންޑް ކޮށްދިނުމަށެވެ. މިގޮތުން ރީފަންޑްގެ ގޮތުގައި 28 މިލިއަނަށްވުރެ ގިނަ ރުފިޔާ ދަރިވަރުންނަށް ދޫކޮށްފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ފީ ރީފަންޑްކުރުމަށް ތިން ފަހަރެއްގެ މަތިން މިނިސްޓްރީއިން މުއްދަތު އިތުރުކޮށްދީފައި ވެއެވެ.

މި ސްކީމް ތަންފީޒުކުރަން ފެށުނީ ދަރިވަރުންގެ ކިޔެވުމުގެ ޚަރަދު މަރުކަޒުތަކަށް މިނިސްޓްރީއިން ދޫކުރާ އުސޫލުންނެވެ. މިގޮތުން، 35 މިލިއަނަށްވުރެ ގިނަ ރުފިޔާ މިނިސްޓްރީއިން މަރުކަޒުތަކަށްވަނީ ދޫކޮށްފައެވެ. އެހެންނަމަވެސް، ބައެއް މަރުކަޒުތަކުން އިންވޮއިސް ލިބުން ލަސްވުމުގެ ސަބަބުން އިދާރީ މަސައްކަތްތައް ބުރޫއަރަމުންދިޔުމާއި ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި އުސޫލު ބަދަލުކޮށް، ސީދާ ދަރިވަރަށް ފައިސާ ދޫކުރުމަށް ނިންމިއެވެ. މި އިންތިޒާމުގެ ތެރެއިން އެކަޑަމިކް އަހަރަކު 2 ފަހަރު ދަރިވަރުންނަށް ފައިސާ ދޫކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

އަދި މިހާރު ތަޢާރަފްކޮށްފައިވާ ޕޯޓަލްގެ ތެރެއިން ދަރިވަރުން ފޯމެއް އީމެއިލްކުރުމަކާނުލާ، ދަރިވަރު އެޕްލިކޭޝަނާއިއެކު ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކަޑަމިކް އަހަރުގެ ފުރަތަމަ ޕޭމަންޓް ދަރިވަރުގެ އެކައުންޓައް ޖަމާކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މި އަހަރުގެ ފުރަތަމަ ޕޭމަންޓް ދޫކުރުމަށްފަހު، ދެން ކޮންމެ ޕޭމަންޓެއްވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ފީ ދެއްކި ކަމުގެ ރަސީދު އެ މިނިސްޓްރީއަށް އީމެއިލް ކުރުމުންނެވެ.

މިދިޔަ އަހަރު ހިލޭ ޑިގްރީއަށް ކިޔަވއިދިނުމަށް 156 މިލިޔަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވަނީ ލަފާކޯށްފައެވެ. އަދި މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ވަނީ ލޯނު ސްކީމަށާއި ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލަރޝިޕްތަކަށް 750 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

މި ޕްރޮގްރާމްގެ ދަށުން ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް މުޅި ކޯސް ހިލޭ ކޮށްފައިވާއިރު، އަމިއްލަ ކޮލެޖުތަކުން ޑީގްރީ ހަދާ ދަރިވަރުންގެ ކޯހުގެ ވަކި އިންސައްތައެއް ސަރުކާރުން ހަމަޖައްސާގޮތަށް ވަނި މި ސްކީމްގައި ހިމަނާފައި ވެއެވެ. އެގޮތުން އަމިއްލަ ކޮލެޖުތަކުން ކިޔަވާ ދަރިވަރުންނަށް ކޯސް ފީ ހިލޭކޮށްދެނީ %40 އާއި %60އާ ދެމެދުގެ އަދަދުންނެވެ.