ޚަބަރު

ސިފައިން ހިންގާ މިޝަންތަކުގެ %90 ކާމިޔާބީގައި ޙިއްސާވަނީ އެންސީއޯއިން


ތަފާތު އެކި ޙާލާތްތަކުގައި ޤައުމީ ދިފާއީ ބާރުން ހިންގާ ޚާއްސަ މިޝަންތަކާއި އޮޕަރޭޝަންތަކުގެ %90 ޙިއްސާވަނީ އެމްއެންޑީއެފް ނޮން ކަމިޝަންޑް އޮފިސަރސް އެކަޑަމީގެ އެންސީއޯއިންނެވެ. އެންސީއޯ އެކަޑަމީގެ ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި އެއެކަޑަމީންވަނީ ސިފައިންގެ ތަމްރީނާއި، ގާބިލްކަން އިތުރުކުރުމަށް މުހިންމު ގިނަ ޕްރޮގުރާމުތަކެއް ހިންގާފައެވެ.

މީގެ 10 އަހަރުކުރިން 2010ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 2ވަނަ ދުވަހު އެމްއެންޑީއެފް ތެރޭގައި އުފެދުނު އެންސީއޯ އެކަޑަމީއަކީ ސިފައިންގެ އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކޮށް ލީޑަރޝިޕް ހުނަރުތައް އުގަންނައިދީ ސިފައިންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޤާބިލް ސިފައިން އުފެއްދުމެވެ.

އެކަޑަމީ އުފެދުނުގޮތާއި މިހާތަނަށް އެކަޑަމީން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުން އެންސީއޯ އެކަޑަމީގެ އެސިސްޓެންޓް ޑައިރެކްޓަރ ކޮމާންޓް ސާޖަންޓް މޭޖަރ ނަސްރުއްﷲ ވަސީމް ވިދާޅުވީ މިއެކަޑަމީ އެފެއްދި މަޤްސަދު ފާއިތުވި 10 އަހަރުގެ ތެރޭގައި ވަރަށްބޮޑަށް ޙާސިލް ކުރެވިފައިވާކަމަށެވެ.

އެގޮތުން ވޭތުވެދިޔަ 10އަހަރުގެ ތެރޭގައި 1841 އެންސީއޯއިން ތަމްރީނުކޮށް ސިފައިން ހިންގި ހުރިހާ ބޮޑެތި މިޝަންތަކާއި އޮޕަރޭޝަންތަކައް ކާމިޔާބުކުރެވިފައިވަނީ އެންސީއޯއިންގެ ހިއްސާއާއިއެކުކަމަށް ނަސްރުﷲ ވިދާޅުވިއެވެ. އަދި މިމުއްދަތުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ހުރިހާ ސަރވިސް ބްރާންޗަކާއި، އޮޕަރޭޝަނަލް އަދި ފަންކްޝަނަލް ކޮމާންޑް ތަކަކަށް އެންލިސްޓެޑް ލީޑަރުން ތަމްރީނުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާތަނަށް އަޅުގަނޑުމެންވާނީ ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައ އަށާރަސަތޭކައަށްވުރެ ގިނަ އެންސީއޯއިން ތަމްރީންކޮށްފަ. އެންސީއޯއިންނަކީ ސިފައިންގޭގެ އެންމެ މުހިންމު މަސައްކަތްތަކުގައި ޝާމިލްވާ ފަރާތް. މިހާތަނަށް ހިންގި ހުރިހާ މިޝަންތަކާއި، އޮޕަރޭޝްނަތަކުގެ 90 އިންސައްތަ ހިއްސާވާނީ މިދެންނެވި އެންސީއޯއިން." އެންސީއޯ އެކަޑަމީގެ އެސިސްޓެންޓް ޑައިރެކްޓަރ މޭޖަރ ނަސްރުއްﷲ ވަސީމް ވިދާޅުވި.

އެންސީއޯ އެކަޑަމީން ހިންގާ މުހިންމު މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސާޖަންޓް މޭޖާރ ނާޒިމް މުހައްމަދު ވިދާޅުވީ، މިހާރު އެކަޑަމީން ހިންގަމުންދަނީ 4 ޕްރޮގުރާމެއްކަމަށެވެ. އެކި ރޭންކްތަކަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގުރާމުތަކުން އަސްކަރީގޮތުންނާއި، ހިންގުމުގެ ދާއިރާއިންނާއި، އަދި ޒަމާނީ ގޮތުން އަންނަ ބަދަލުތަކާއިއެކު ތަމްރީންތައް ދެވެމުންދާކަމަށެވެ.

އެންސީއޯ އެކަޑަމީގެ ފުރާޅުގެ ދަށުން މިހާތަނަށް، 1039 ކޯޕްރަލުންނާއި، 618 ސާޖަންޓުންނާއި، 128 ސްޓާފް ސާޖަންޓުންނާއި، ސާޖަންޓް ފަސްޓް ކްލާސް އަދި ފަސްޓް ސާޖަންޓް ރޭންކުގެ 56 އެންސީއޯއިންނާއެކު ޖުމުލަ 1841 އެންސީއޯއިން ދަސްވެނިވިފައިވެއެވެ. އޭގެ ތެރޭގައި 53 އަންހެން އެންސީއޯއިން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އެންސީއޯ އެކަޑަމީގެ އެންލިސްޓެޑް ޕްރޮފެޝަނަލް މިލިޓަރީ އެޑިޔުކޭޝަން ނިޒާމްގެ ދަށުން ވޭތިވެދިޔަ 10 އަހަރު ހުއްޓުމެއްނެތި އެންސީއޯ އެކަޑަމީން ހިންގި ގިނަ އަދަދެއްގެ ޕްރޮގްރާމްތަކުގެ ސަބަބުން، އަސްކަރިއްޔާގައި މަސައްކަތްކުރާނެ ޤާބިލް ލީޑަރުން އެންސީއޯ އެކަޑަމީން އުފައްދައިދީފައިވެއެވެ. މިގޮތުން ދިވެހި އަސްކަރިއްޔާގެ ހުރިހާ ސަރވިސް ބްރާންޗަކާއި، އޮޕަރޭޝަނަލް އަދި ފަންކްޝަނަލް ކޮމާންޑް ތަކަކަށް އެންލިސްޓެޑް ލީޑަރުން ތަމްރީނުކޮށްފައިވެއެވެ.