ޚަބަރު

އިތުބާރުކޮށް، އެއްބާރުލުން ދިނުމަށް ޢިރާޤުގެ ރައްޔިތުންގެ ކިބައިން އެޤައުމުގެ އައު ބޮޑުވަޒީރު އެދިލައްވައިފި


އިތުބާރުކޮށް، އެއްބާރުލުން ދިނުމަށް ޢިރާޤުގެ ރައްޔިތުންގެ ކިބައިން އެޤައުމުގެ އައު ބޮޑުވަޒީރު މުޙައްމަދު ތައުފީޤު ޢައްލާވީ އެދިވަޑައިގެންފިއެވެ.

މިދިޔަ ނޮވެންބަރު މަހު ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާދެއްވި ޢާދިލް ޢަބްދުލް މަހުދީގެ ބަދަލުގައި އެމަޤާމަށް ޢައްޔަނުކުރާނެ ފަރާތެއް ކަނޑަނޭޅި ދެމަސްދުވަސް ފާއިތުވެފައިވަނިކޮށް އެޤައުމުގެ ރައީސް ބަރްހަމް ޞާލީޙު އެމަޤާމަށް ޢައްލާވީ ޢައްޔަންކުރެއްވީ ހޮނިހިރު ދުވަހެވެ.

މަޤާމަށް އިސްވެވަޑައިގަތްތާ ކުޑައިރުކޮޅެއްތެރޭގައި ޤައުމާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ޢައްލާވީވަނީ މިނިވަން އަދި އިންސާފުވެރި ދަޢުލަތެއް ޤާއިމްކުރުމަށް މަސައްކަތްކުރައްވާނެކަމަށާއި ރައްޔިތުން އެދޭ ގޮތަށް ވަޒީފާގެ ފުރުޞަތުތަކާއި އެހެނިހެން ޚިދުމަތްތައް ފަހިކޮށްދިނުމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި ޤައުމަށް ފެތުރިފައިވާ ކޮރަޕްޝަންގެ ވަބާ ނައްތާލުމަށްވެސް ޢައްލާވީވަނީ ވަޢުދުވެވަޑައިގެންފައެވެ.

ނަމަވެސް އެޤައުމުގައި ތަފާތުކުރުން ނައްތާލުމަށް ގޮވާލާ އިހުތިޖާޖުކުރަމުންދާ އެޤައުމުގެ ރައްޔިތުންވަނީ ޢައްލާވީއަކީ ނަސަބުން މާމަތީ ބޭފުޅެއްކަމަށް ބުނެ އޭނާ ބަލައިގަތުމަށް ދެކޮޅު ހަދައިފައެވެ. ކުރީގެ ބޮޑުވަޒީރު ޢާދިލް މަޤާމުން ދުރުކުރުމުގައި އިސް ދައުރެއް އަދާކުރި ވެރިރަށް ބަޤްދާދާއި ދެކުނު ޢިރާޤުގެ ސިޓީތަކުގެ ރައްޔިތުންދަނީ ޢައްލާވީ ބަލައިނުގަންނަކަމަށްބުނެ މަގުތަކުގައި ނުރުހުންފާޅުކުރަމުންނެވެ.

އިރާޤުގެ އައު ސަރުކާރު އެކުލަވާލުމަށް ޢައްލާވީއަށް އެއް މަސްދުވަހުގެ މުޚުލަތެއްވަނީ ލިބިވަޑައިގެންފައެވެ. ޢިރާޤުގައި އަވަސް އިންތިޚާބެއް ބޭއްވެންދެން ސަރުކާރު ހިންގުމާ ހަވާލުވެ ހުންނަވާނީ ޢައްލާވީއެވެ. ނަމަވެސް އިންތިޚާބު ބޭއްވޭނެ ވަކި ތާރީޚެއް އަދި ކަނޑައެޅިފައެއް ނުވެއެވެ.

ކުރިއަށްއޮތް ދުވަސްތަކުގައި ވަޒީރުންގެ މަޖިލިހުގެ މަޤާމުތަކަށް އަރާރުންވާ ޕާޓީތަކުގެ ކޯޅުންތަކުގެ ދެމެދުގައި މީގެ ކުރިން މުވާސަލީ ވަޒީރުކަންވެސް ކުރެއްވި ޢައްލާވީ ތާށިވެ، ޢިރާާޤަށް ސިޔާސީގޮތުން ކުރިމަތިވެފައިވާ ފިއްތުންތަކާއި ގޮންޖެހުންތައް އިތުރަށް ދިގުދެމިގެންދާނެކަމަށް ބެލެވެއެވެ.