ޚަބަރު

ރާއްޖެ ތަރައްޤީ ވާނީ ސްޓެމް ވަޒީފާތަކުގައި އަންހެނުންގެ ދައުރު އިތުރުވެގެން - އެޑިއުކޭޝަން މިނިސްޓަރ


ރާއްޖެ ތަރައްޤީ ވާނީ ސައިންސާއި ޓެކްނޮލޮޖީއާއި އިންޖިނިއަރިންގ އާއި ހިސާބު ނުވަތަ ސްޓެމްގެ ވަޒީފާތަކުގައި އަންހެނުންގެ ދަޢުރު އިތުރުވެގެން ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. ކަރަންޓު އުފައްދާ މައި ކުންފުނި، ސްޓެލްކޯ އިން އިލެކްޓްރީޝަނުން ގޮތުގައި އަންހެނުން ތަމްރީން ކުރުމަށް ފެށި ކޯސް ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ ވަނީ ޤައުމީ ތައްރައްޤީއަށް އޮތް އެންމެ ބޮޑު ހުރަހަކީ އަތުން ފައިން މަސައްކަތްކުރަން ދަންނަ މީހުން މަދުކަން ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ޢަމަލީ މައިދާނުގައި އަންހެނުންނާއި ފިރިހެނުން މަސައްކަތް ކޮށްގެން ނުނީ އެއްވެސް ޤައުމެއް ކުރިއަރައިގެން ނުދާނެކަމަށެވެ.

ސްޓެމް ދާއިރާތަކުގައި އަންހެނުން ބައިވެރިވާ މިންވަރު ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސްޓެމް ވަޒީފާތަކުގައި އަންހެނުންގެ ދައުރު އިތުރުކުރެވޭނީ އެކަމަށް ހުރި ހުރަސްތައް ނައްތާލައިގެންކަމަށެވެ. އަދި މިދާއިރާގަ ހަރަކާތްތެރިވާ އަންހެނުން މަދުވެފައިވަނީ މިކަން މިގޮތައް ކުރަން އަންހެނުންނަށް ލިބޭ ފުރުޞަތުތައް މަދުވުމުގެ ސަބަބުންކަމަށެވެ. ނަމަވެސް މިހާރު އަންހެނުންނަށް ކިޔަވަން ލިބޭ ފުރުޞަތުތައް ގިނަކަމަށާއި އަންހެނުން ސްޓެމް ދާއިރާތަކަށް ގެނައުމަށް ބޮޑެތި ކުންފުނިތަކުގައި އަންހެނުންނަށް ގޯނާ ކުރުން ހުއްޓުވާ ސިޔާސަތުތަކާއި ޤަވާއިދުތައް ހަދާ އެ ތަންފީޒް ވާން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސްޓެމް ދާއިރާތަކުގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ހަމަހަމަ ކުރުމަށް އޮތް އެންމެބޮޑު ހުރަހަކީ މިދާއިރާތަކުން މިސާލީ ބައެއް ނުފެންނަކަން .ސްޓެމް ދާއިރާތަކަށް އަންހެނުން ވަނުމަށް އޮތް ދެވަނަ ހުރަހަކީ މަސައްކަތުގެ މާހައުލަކީ އަންހެނުންނާ ރައްޓެހި ރައްކާތެރިތަނަކަށް ނުވާކަން. ދެޖިންސުގެ ދެމެދުގައި މުސާރައާއި ތަފާތުކުރުންތައް ނައްތާލަން ޖެހޭ."މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެކްލޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޢުނީ ވިދާޅުވީ ޤައުމު ކުރިއަރައިގެން ދާއިރު އެންމެ މުހިއްމު ކަމަކީ އާބާދީގެ ބޮޑު ބަޔެއް މަސައްކަތް ކުރުން ކަމަށެވެ. އަދި ވަކި ޖިންސަކަށް ރަނގަޅަށް މަސައްކަތް ނުކުރެވި އެ ފުރުސަތު ނުލިބޭ ކަމުގައި ވާނަމަ ޤައުމު ކުރިއަރަން ދަތި ވާނެ ކަމަށެވެ.

"ޓެކްނިކަލް ދާއިރާތަކަކީ ވަކި ބަޔަކަށް ޚާއްސަ ދާއިރާތަކެއްގެ ގޮތުގައި ބަޔަކު ގަބޫލު ކުރަމުންދާ ދިޔުން ބަދަލު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު އެ ވިސްނުން ބަދަލު ކުރުމަށް މަސައްކަތް ކުރާނަން،" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވިއެވެ

އިލެކްޓްރޯނިކް ދާއިރާއަށް އަންހެނުން ތަމްރީނު ކުރުމުގެ ގޮތުން ކުރިއަށްގެންދާ 15 ހަފްތާގެ މި ކޯހުގެ ފުރަތަމަ ބެޗުގައި 21 ދަރިވަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި ސްޓެލްކޯގެ ބައެއް މުވައްޒަފުންނާއި އާއްމުން ހިމެނެއެވެ. ސްޓެލްކޯ އިން ވަނީ އިލެކްޓްރީޝަނުން ތަމްރީނު ކުރުމުގެ ގޮތުން މީގެ ކުރިންވެސް ކޯސްތަކެއް ހިންގާފަ އެވެ. އެހެންނަމަވެސް އަންހެނުންނަށް ޚާއްސަކޮށް ތަމްރީން ކޯހެއް ފެށި މިއީ ފުރަތަމަ ފަހަރެވެ. ސެޓްފިކެޓް ލެވަލް ތިނެއްގެ މި ކޯހަކީ ޓިވެޓް އޮތޯރިޓީގެ ސްޓޭންޑަޑާ އެއްގޮތަށް ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި ޕްރެކްޓިކަލް ބަޔާއި ތިއަރީ ބައިތައް ކުރިއަށްގެންދާއިރު ޢަމަލީ ތަމްރީނުތައް ސްޓެލްކޯގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.