ޚަބަރު

އިންތިޚާބަށް ކަނޑައެޅި ބަޖެޓް ލިބިއްޖެ، ފައިސާގެ އެއްވެސް ގޮންޖެހުމެއް ނެތް - އިލެކްޝަން


ކައުންސިލް އިންތިޚާބަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި ބަޖެޓާއި، އަދި ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު އިތުރުކުރުމަށް ހުށަހެޅި ބަޖެޓް ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއާއިއެކު ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ބޭއްވުމަށް ފައިސާގެ އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް އިލެކްޝަން ކޮމިޝަނުން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ އެކްޓިންގ ސެކެރެޓަރީ ޖަނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ކައުންސިލް އިންތިޚާބް ބޭއްވުމަށްޓަކައި ކޮމިޝަނުން ހުށަހެޅި ބަޖެޓް ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް ބަދަލުގެނައުމުގެ ކުރިން އިންތިޚާބަށް ބޭނުންވާ ބަޖެޓްގެ ގޮތުގައި ކަނޑައެޅުނީ 63 މިލިޔަން ރުފިޔާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަހުން ޤާނޫނަސް ގެނައި ބަދަލުތަކާއިއެކު އިންތިޚާބްގެ ކަންކަން ކުރުމަށް އިތުރު 21 މިލިޔަން ރުފިޔާ ބޭނުންވާތީ އެބަޖެޓަށް ކޮމިޝަނުން އެދުނުކަމަށެވެ. މިހާރު ކޮމިޝަނުން އެދުނު ވަރަށް ފިނޭންސުން ބަޖެޓް ދޫކޮށްފައިވާކަމަށާއި، އެހެންކަމުން ކައުންސިލް އިންތިޚާބު ބޭއްވުމަށް ފައިސާގެ އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

"ޤާނޫނަށް އައި ބަދަލާއިއެކު އިންތިޚާބުގެ މަސައްކަތްތައްވެސް އިތުރުވެގެން ވަނީ ގޮސްފަ. ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ. އިންތިޚާބަށް ގެނައި ބަދަލުތަކާއިއެކު ކޮމިޝަނުން ދިޔައީ ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކޮށް އިތުރަށް ބޭނުންވި ބަޖެޓާއި ގުޅޭގޮތުން މަޝްވަރާ ކުރަމުން. އަޅުގަނޑުމެން އެދުނު ގޮތަށް އެދުނު މިންވަރަށް ފިނޭންސް މިނިސްޓަރ ވަނީ ބަޖެޓް ދޫކުރައްވާފަ. އިންތިޚާބަށް މިހާރު ފައިސާގެ އެއްވެސް ގޮންޖެހުމެއް ނެތް" ޒަކަރިއްޔާ ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. ފޯމްތައް ހުށަހެޅުމުގައި ކަނޑައެޅިފައިވާ ތާރީޚުތައް އޮޅުވާނުލައި، ހުށަހަޅަންޖެހޭ ލޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ޒަކަރިއްޔާވަނީ އެދިވަޑައިގެންނެވިއެވެ.

ދެ އިންތިޚާބަކީވެސް އެއްދުވަހެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެ އިންތިޚާބަށްވުމުން ގިނަ އަދަދެއްގެ ފޯމްތައް ހުށަހަޅާނެކަމަށްބަލައި އިލެކްޝަން ކޮމިޝަނުން މިކަމަށް ތައްޔާރުވެފައިވާކަމަށެވެ. ފޯމްތައް ހުށަހެޅުމުގައި ކޮންމެ ބޭފުޅަކުންވެސް ކުށުގެ ރެކޯޑްސާފުކުރާ ފޯމް ފުރުމުގައާއި، އައިޑީކާޑުފަދަ މުހިންމު ލިޔުންތަކުގެ މުއްދަތު ހަމަވެފައި އޮތްތޯބަލައި ދުރާލާ ޚާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

"ކައުންސިލް އިންތިޚާބަށް ކުރިމަތިލެވޭނެ އެންމެ ފަހުގެ ތާރީޚަކީ 20 ފެބްރުއަރީ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލެވޭނެ އެންމެ ފަހުގެ ތާރީޚަކީ 24 ފެބްރުއަރީ. މި ދެތާރީޚަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑުމެން އެދެން. ހަމަ މިއާއެކު އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން ފޯމް ހުށަހަޅާނެ އެންމެ ފަހުގެ ތާރީޚަކީ މާރޗް މަހުގެ 2 ވަނަ ދުވަސް. ފޯމްތައް ހުށަހެޅުމުގައި ފަރުވާ ކުޑަނުކޮށް ހުށަހަޅަންޖެހޭ ހުރިހާ އެއްޗެއް ހުށަހެޅުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން މުހިންމު." ޒަކަރިއްޔާ ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 1،900 އަށް ވުރެ ގިނަ މީހުން އިންތިޚާބު ކުރަން ޖެހެއެވެ. ކައުންސިލްތަކަށް 980 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމެޓީއަށް 930 ކެންޑިޑޭޓުން އިންތިޚާބު ކުރާއިރު، އިންތިޚާބުގައި 6،000 އަށް ވުރެ ގިނަ މީހުން ވާދަކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުނ ލަފާކުރެއެވެ.