ސޫދާންގެ ކުރީގެ ރައީސް ޢުމަރު އަލްބަޝީރު ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓަށް އެއްބާރުލުން ދެއްވަން ދެކޮޅުހައްދަވާކަމަށް އޭނާގެ ޤާނޫނީ ވަކީލަކު ބުނެފިއެވެ. ބަޝީރުގެ ވަކީލަކު އެހެން ބުނެފައިވަނީ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓަށް ހާޒިރުވާން އަންގާފައިވާ ހުރިހާ އެންމެން އެކަމަށް ކިޔަމަންވާން ޖެހޭނެކަމަށް ސޫދާންގެ ސަރުކާރާއި ހުޅަނގުގެ ދާރްފޫރުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ.
ރޮއިޓާރސަށް ދެއްވި ބަސްދީގަތުމެއްގައި ބަޝީރުގެ ވަކީލަކު ބުނީ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓަކީ ސިޔާސީ ކޯޓެއްކަމަށާއި އެކޯޓާއެކު އެއްވެސް މުޢާމަލާތެއް ކުރެއްވުމަށް ބަޝީރު ދެކޮޅު ހައްދަވާކަމަށެވެ. އަދި އޭނާއާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކުގެ ޝަރިޢަތްތައް ހިންގުމުގެ ޤާބިލުކަން ސޫދާންގެ ޝަރުޢީ ދާއިރާއަށް ލިބިގެންވާކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މިދިޔަ އަހަރު މަޤާމުން ވަކިކުރެވުނު ބަޝީރާ ދެކޮޅަށް ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުގައި ގިނަ ތުހުމަތުތަކެއްކޮށްފައިވެއެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމާ އިންސާނިއްޔަތާ ޚިލާފު ޖަރިމާތައް ހިންގުމުގެ އިތުރުން ވަކި ނަސްލެއް ނައްތާލުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުތައް ހިމެނެއެވެ.
ސޫދާންގެ ސަރުކާރުން ބުނީ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުން ބަލާ މައްސަލަތަކުގައި އެކޯޓުގެ ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާފައިވާ ސޫދާންގެ ފަސް މީހުން އެކޯޓަށް ހާޒިރުވާން ޖެހޭނެކަމަށެވެ.