ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް، ކޯވިޑް-19 ޖެހިގެން ޗައިނާގެ ހޫބައި ޕްރޮވިންސުން އެއްދުވަސް ތެރޭގައި 242 މީހުން މަރުވެއްޖެއެވެ. މިއީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ފެތުރެމުންދާ ނުރައްކާތެރި ވައިރަސް ޖެހިގެން އެއްދުވަސް ތެރޭގައި މިހާގިނަ ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ.
ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށީ ހޫބައި ޕްރޮވިންސްގެ ވުހާން ސިޓީންކަމަށް ޗައިނާއިންވަނީ ބުނެފައެވެ. އެޤައުމުން އެންމެ ފަހުން އާންމުކުރި މަޢުލޫމާތުތަކުން ފެންނަގޮތުގައި ފެބުރުއަރީ މަހުގެ ބާރަވަނަ ދުވަހު 242 މީހުން މަރުވުމުގެ އިތުރުން 15،000އަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއާއެކު ޗައިނާގައި ވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދުވަނީ 59،000ށްވުރެ އިތުރުވެފައެވެ. އަދި ވައިރަހުގެ ސަބަބުން ޗައިނާގައި މިހާތަނަށް 1،300އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.
މީގެ އިތުރުން، ޖަޕާނުންވެސްވަނީ އިތުރު 45 މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށް ބުނެފައެވެ. އަލަށް ވައިރަސް ޖެހިފައިވަނީ ޖަޕާނުގައި ކަރަންޓީނުކޮށްފައިވާ ކްރޫސްލައިނަރއެއްގައި ތިބި 219 މީހުންގެ ތެރެއިން ބައެއްކަމަށް އެޤައުމުން ބުނެއެވެ. އެއާއެކު ޖަޕާނުގައި ވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދުވަނީ 247އަށް އަރައިފައެވެ. ނަމަވެސް، އަދި މިހާތަނަށް ކޯވިޑް-19 ޖެހިގެން އެޤައުމުން އެއްވެސް މީހެއް މަރެއް ނުވެއެވެ.
28 ޤައުމަކާއި ސަރަޙައްދަކުން މިހާތަނަށް 60،000އަށްވުރެ ގިނަ މީޙުންނަށްވަނީ ކޯވިޑް-19 ޖެހި، 1،360އަށްވުރެ ގިނަ މީހުން މަރުވެފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ ކޯވިޑް-19އަށް ވެކްސިނެއް އުފައްދަން 18 މަސްދުވަސް ނަގާނެކަމަށް ބުނެފައެވެ.